މިލަންދޫ ގޮނޑުދޮށް ކުނިން ތޮއްޖެހިފައި: މިއީ އެ ރަށުގައި އާއްމު މައްސަލައެއް ކަމަށް ކައުންސިލުން ބުނޭ.
13 ޖުލައި 2019 - 13:21
ސޯޝަލް މީޑިއާގައި އިއްޔެ އިން ފެށިގެން އެންމެ ބާރަށް ދައުރުވަމުން ދަނީ ށ. މިލަންދޫ ގޮނޑުދޮށް ކުނީގެ ހާއްޔަކަށް ވެފައިވާ މި ފޮޓޯ އެވެ. ޕްލާސްޓިކް ތައްޓާއި ފުޅިން އެ ރަށުގެ ފުއްޓަރު ފަރާތް ވަނީ އެއްކޮށްހެން ގޮނޑުވެފަ އެވެ. އެކަމަކު މިއީ މިލަންދޫގައި އާއްމު މަންޒަރެކެވެ.
"ތި ފެނުނީ އަދި ފުއްޓަރު ފަރާތެއް ނޫންތޯ؟ ރަށު އަތިރިމަތީގެ އެހެން ފަރާތްތަކުގައި އަދި ތިޔަށް ވުރެ ކުނި ގިނަ ވާނެ،" ފޮޓޯއާ ގުޅޭގޮތުން މައުލޫމާތު ހޯދާލަން ގުޅާލުމުން، ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
"ޕްލާސްޓިކް ފުޅި ފަދަ ކުނިން މުޅި ގޮނޑުދޮށް އޮންނާނީ ފުރިފައި،"
އާބާދީގައި ގާތްގަނޑަކަށް 3،000 މީހުން އުޅޭ މިލަންދޫގައި ކުނީގެ މައްސަލަ ބޮޑެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މިވީހާ ތަނަށް އެ ރަށުގައި ކުނި ނައްތާލެވޭނެ ރަނގަޅު ނިޒާމެއް ނެތެވެ. ކުނި އުކާލުމަށް ވަކި ހާއްސަ ތަނެއް ނުހުންނަ އިރު، ކުނި އުކާލަނީ އެ މީހަކަށް ޖެހުނު ތަނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ރަށުގެ ކެޔޮގަސްތަކުގެ ތެރެއަށާއި ގޮނޑުދޮށަށް ކުނި އަޅާ މީހުން ގިނަ ކަމަށް ވިދާޅުވި އެވެ.
Sh. Milandhoo athirimatheege haalathu 🤔😔😔 pic.twitter.com/nvEKK7ctrd
— aish mohamed (@oceanaish) July 12, 2019
ކުނި އެޅުމަށް މިލަންދޫގައި ކުރިން ގޮނޑެއް ހަދާފައި އޮތް ނަމަވެސް ކުނި ނައްތާލެވޭނެ ގޮތެއް ނެތުމުން މީހުން އެތަން ބޭނުމެއް ނުކުރެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ކުނި ނައްތާލުމަށް ރަނގަޅު ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުުރަމުން އަންނައިރު، އެކަން ނިމި އަމަލީ ގޮތުން މަސައްކަތް ފެށޭނީ އަންނަ މަހުގެ ތެރޭގަ އެވެ. އަދި މަސައްކަތް ލަސްވީ ކުނި ނެގުމަށް ބޭނުން ކުރާނެ ވެހިކަލެއް ނެތިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގޮނޑަށް ގެންނަ ކުނި ކުރިން އަޅުގަނޑުމެން އެންދިން. އެކަމަކު އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދިޔަ، މިހާރު އަނެއްކާ އެ މަސައްކަތް ފެށުމަށް ވަސީލަތްތައް ހޯދާފައި ވާނީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫދަށާއި ރަށުގެ އެހެން ތަންތަނަށް މީހުން ކުނި އަޅާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ކުނި އުކަން ވަކި ހާއްސަ ތަނެއް ގާއިމުކޮށްފައި ނުވާތީ މީހުން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅެން ނެތް ކަމަށެވެ.
ކުނިން ތޮއްޖެހިފައިވާ މިލަންދޫގެ ގޮނޑުދޮށުގެ ފޮޓޯ އާއްމުވުމާއެކު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ފާޑު ކިޔާ މީހުން ބުނަނީ ކުނި ނައްތާލުމުގައި ފަރުދީ ޒިންމާ ވެސް އޮންނަން ޖެހޭނެ ކަމަށާއި ރަށުގެ ބަޔަކު ނިކުމެ، ކުނިތައް ސާފުކުރުމަކީ ރަނގަޅު މިސާލެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިލްސް
14 July 2019
ރަށު ކައުންސިލެއް ޤާއިމްކޮށްފައިވަނީ މިކަހަލަ ކަންތައްތައް މެނޭޖްކުރަން. ކައުންސިލަރުގެ ވާހައިން އެނގުނު ގޮތުގައި ރަށުގައި ކުނި މެނޭޖްކުރެވޭނެ ގޮތެއް ހަމަޖައްސަދެވިފައިނެތީމަ ރަށުގެ ރައްޔިތުންގެ ފަރުދީ ޒިންމާއެއްވެސް ނެތްކަން. ޕްލާސްޓިކް ފަދަ އެއްޗެހި އުކާލާނީކީ މޫދަކަށް ނޫން. ކަމެއް ރަނގަޅަށް ކުރަން އެފޯޓެއް ލަންޏާވެސް ކޮންމެވެސް ގޮތެއް ހަމަޖެހިގެންދާނެ. މިކަމުންވެސް އިނގެނީ ރަށުގެ ރައްޔިތުންނާ ކައުންސިލް ޒިންމަދާރުކުރުވަން ޖެހިފައިވާކަން
ޕިޔާ
14 July 2019
މިލަންދޫ ކުނީގެ މައްސަލަ ހައްލު ކުރެވޭނީ ރައްޔިތުންނާއި ކައުންސިލުން އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދީގެން! ރަށުގެ ގޮނޑުދޮށާއި އެހެނިހެން ތަންތަން ސާފުކޮށް ބޭއްވޭނީ އެންމެން އެކުވެގެން މަސައްކަތް ކޮށްގެން! އެއްބަޔަކު އަނެއް ބަޔެއްގެ ބޮލަށް ޖަހައިގެން ތިމާގެ އަމިއްލަ ޒިންމާއެއް ނޫން ކަން ދައްކަން މަސައްކަތް ކުރުމަކީ ހައްލެއްނޫން! ކައުންސިލުން ޖެހޭނެ ކުނި ނައްތާލެވޭނެ ގޮތެއް ހޯދަން! ރައްޔިތުންވާނެ ކައުންސިލުން އަންގާ ގޮތަށް އަމަލު ކުރަން!
މަަނާމު
14 July 2019
މިހަބަރުން ހާމަވީ މިލަންދޫ މީހުންގެ ކަންނެތް ކަމާއި މުޑުދާރުކަން. އަމިއްލަ ޒިންމާ.
ނަސީމީ
14 July 2019
ކުނި އަޅާނެ ތަނެއް ނެތޭ ކިޔާފަ ގޮނޑު ދޮށަށް ކުނި އެޅުމަކީ ހައްލެއްނޫން. ކަމަކަށް ހައްލެއް ހޯދަން ބޭނުންނަމަ ރަށު ލެވެލްގަ ވެސް އަދި ފަރުދީ ލެވެލް ގަވެސް ކުރެވިދާނެ ކަންކަން މަދެއް ނުވާނެ. މަންޒަރު ތަކުން މިފެންނަނީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. މިލަންދޫގެ ރައްޔިތުންގެ ކިބާގައި މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް އޮތްހެނެއް ހިޔެއްނުވޭ
ގޮމާފުޅު
14 July 2019
މިތާގަކޮމެންޓްކުރާއިރު އެގެނީ ކޮމެންޓް ކުރާމީހުންގެތެރޭގައި ހާލަތުހުރީކިހާވަރަކޮއްތޯ އަމިއްލައަތުން ތަންތަނައް ކިހާކުންޔެއް އަޅަމުތޯ ކޮންމެ މީހެއްގެފަރުދީ ޒިންމާއެއް މިކަމަކީ އެއްމެންނަށް ކައުސިލިން ދީގެން އަދި ކްލާސްތައް ބާވައިގެން ރަގަޅުކުރެވޭނީ
ޑީސީ
13 July 2019
އައިމިނަތު ޝިފްލީންް މިލަންދޫގެ ވާހަކަ ލިޔުމުގެ ކުރިން ހުޅުމާލެ ފެރީ ޓާމިނަލް ކާރިން އެއޮއް މަގުންގޮސް އެމަގުގެ ކަންމަތީ އެހެރަ ކެފޭ އާހަމަޔަށް ވަޑައިގެންނެވިނަމަ މިލަންދޫގެ ވާހަކަޔައްވުރެކުރިން ހުޅުމާލޭގެ ގޮނޑު ވާހަކަ ލިޔުނީސްކަން ކަށަވަރު
ހާދާލު
13 July 2019
އަމިއްލަ އަތުން އަޅާފަ ހުރި ކުނި ނޫން ބާ؟؟؟؟ ފެންނަން ހުރީ ޕިކްނިކް ގޮސްފަ ކާން ބޭނުން ކުރާ ކަހަލަ ތަށި.....އަމިއްލަ ޒިންމާވެސް އޮވެގެން މިކަހަލަ ކަންކަން ހައްލު ވާނި.
ިއިބްރާ
13 July 2019
މިސަރުކާރު އައިފަހުން ކުނިގިނަވިއަސް މައްސަލައެއްނެތެވެ. ޔައުނީ ކުންޏަކީ އާމްދަނީ ލިބޭ ވަސީލަތަކަށް ސަރުކާރުން ހަދާނެކަމަށް ވައުދުވިއެވެ. އެއްގޮތަކަށްވެސް ބޮޑު ޚަރަދުކޮށްގެން ނައްތާލާނެކަމެއް ނެތެވެ.
ތާރީހުބޭ
13 July 2019
ކުނީގެ މައްސަަލައަކަށް ވުރެ އިންސާނުންގެ ކަންނެތްކަން މީގެން ފެނިގެންދަނީ - ތަށި ދޮންނަން މަސައްކަތަށް "ޑިސްޕޯސަބަލް" ތަށި، ފެން ފިލްޓަރުކޮށްގެން ބޯން މަސައްކަތަކަށް ފުޅީގަ ބަންދުކުރި ފެން މި ދެ ކަންތައް ބަދަލުކޮށް ލަނިކޮށް ތި މަންޒަރު ވަރަށް ތަފާތުވާނެ.
ށ.އަތޮޅު މީހާ
13 July 2019
މިލަންދުއާއި ޖެހިގެން އޮތް ނަރުދޫ މީހުން ކުނި މެނޭޖުކުރާއިރު، މިލަންދޫ މީހުންނަށް ރަށުގެ ކުނި މެނޭޖު ނުކުރެވުމީ ލަދުވެތި ވާންޖެހޭ ކަމެއް.
ދުންކަރާސް
13 July 2019
މާލެޔާ ޖެހިގެން އޮންނަ ފުނަދޫގައި ކުނި މެނޭޖުކުރާއިރު މާލޭގައި ނުކުރެވުމަކީ ލަދުކަމެއްބާ؟ މީހުން ނެތްތަނަކާއި ތިބި ތަނެއް އެއްވަރުވާނެބާ