ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ދީފި އެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވި ގޮޮތުގައި "ސަންރައިޒް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދިނީ މ. މަލިކު ވިއު ސައީދާ ރަޝާދަށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތީ ވޯޓު އޮޅުވާލުމުން ކަމަށް ބުނެ ބޭއްވި އެއްވުންތަކުގައި ބައިވެރިވެ ސައީދާ ވާހަކަ ދައްކާފައިވެ އެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ދިން ނަމަވެސް، ޕާޓީ ރަޖިސްޓްރީކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރަންޖެހޭނެ އެވެ.
ޕާޓީ ރަޖިސްޓްރީކުރި ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
މި އަހަރު އީސީން ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އާއި ލޭބާ ޕާޓީ ރަޖިސްޓްރީކޮށްދީފަ އެވެ. އަދި ދަރުމަވަންތަ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކުރަން ޖެހޭ މަސައްކަތް ކުރަން ވެސް މިދިޔަ ފެބްރުއަރީ މަހު ހުއްދަ ދީފައިވެ އެވެ.
ސިޔާސީ ނުވަ ޕާޓީއެއް އީސީގައި މިހާރުވެސް ރަޖިސްޓްރީކޮށްފައިވެ އެވެ.