އައިއޯޖީ 2023 ރާއްޖޭގައި ބާއްވަން ކޮމޮރޯސްގެ ތާއީދަށް ވެސް އެދިއްޖެ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބާއްވަން ގައުމުތަކުގެ ތާއީދު ހޯދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ކުރައްވާ ދަތުރުގައި އިއްޔެ ކޮމޮރޯސް އަށް ވަަޑައިގެން އެ ގައުމުގެ ވެރިންނާ މަޝްވަރާ ކުރައްވައިފި އެވެ.


ކޮމޮރޯސް އަކީ ވެސް 2023 ވަނަ އަހަރުގެ ގޭމްސް ބާއްވަން ބިޑްކޮށްފައިވާ ގައުމެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދާއި މަހްލޫފް ކޮމޮރޯސްގެ ރައީސް އަޒަލީ އައްސައުމާނީއާ ބައްދަލުކުރެއްވި ކަަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް އެރުވި ކަމަށެވެ. ކޮމޮރޯސް އާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޝާހިދާއި އައްސައުމާނީގެ ބައްދަލުވުުމުގައި މަޝްވަރާ ކުރެއްވި އެވެ.

ކޮމޮރޯސްގެ ރައީސްގެ އިތުރުން އެ ގައުމުގެ ފޮރިން އެފެެއާޒް މިނިސްޓަރު މުހައްމަދު އެލް އަލްމިން ސޫއެފް އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ލަޑެންޓި ހޫމަޑީއާ ވެސް ޝާހިދު ބައްދަލުކުރެއްވި އެވެ.

އިންޑިއާކަނޑުގެ ޖަޒީރާ ގައުމުތަކަށް ޝާހިދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ތާއީދު ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރެކެވެ. އެގޮތުން އޭނާ އިއްޔެ މޮރިޝަސް އަށް ވަޑައިގެން އެގައުމުގެ ވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ.