ޕާކިން ސިސްޓަމްތައް ނަގައި ޕާކު ކުރާނެ ޖާގަ ހަދަނީ

ކުރީގެ ސަރުކާރުން ބެހެއްޓި ޕާކިން ސިސްޓަމްތައް ނަގައި އެ ތަންތަނުގައި ޕާކުކުރުމުގެ ޖާގަ ހަދަމުން އަންނަ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.


މާލޭގެ އެކި ހިސާބުތަކުގައި 20 ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި 2016 ގައި ހައުސިން މިނިސްޓްރީން އިއުލާންކުރި އެވެ. އެކަން އެސްޓީއޯއާ ހަވާލުކުރުމުން ބައެއް ތަންތަނުގައި ސިސްޓަމް ބެހެއްޓި އެވެ. ވެލާނާ ބިލްޑިން ކައިރީގައި ބެހެއްޓީ ކާރަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ. ކުރިން ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ ސިސްޓަމެކެވެ.

އެއްފަހަރާ 10 ކާރު ޕާކްކުރެވޭ ކާރު ޕާކިން ސިސްޓަމް ބޭނުންކުރަން ފެށި ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓުނީ އެވެ. ސަތޭކަ ސައިކަލް ޕާކްކުރެވޭ ގޮތަށް ހީނާމާގޭ ބިމުގައި ސިސްޓަމެއް ބެހެއްޓި ނަމަވެސް ބޭނުމެއް ނުކުރެ އެވެ. އެ މަރާމާތު ކުރުމުގެ ޒިންމާ ނަގާނެ ބަޔަކު ނުވި އެވެ.

މިނިސްޓަރު އަސްލަމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ސިސްޓަމްތައް އިންސްޓޯލްކުރިއަސް މަސައްކަތްކުރާ ތަން ނުފެންނަ ކަމަށެވެ. އެއީ، ރާއްޖެ އަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި ސިސްޓަމްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއްމުކޮށް މިކަހަލަ މެކޭނިކަލް ޕާކިން ސިސްޓަމްތަކުގައި އަޅުގަނޑުމެންނަށް ރަނގަޅަށް މެއިންޓެއިންކޮށް ނުބެލެހެއްޓޭ ކަމަށް ވަންޏާ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ވަރަށް އެކަށިގެންވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިސްޓަމްތައް ބޭނުން ނުކުރެވޭތީ، ރޫޅާލައި މިހާރު ވަނީ ރައްކާކޮށްފަ އެވެ.

"ކޮންމެ ބަޔަކު ޚަރަދުކޮށްގެން ކުރި ކަމެއް ކަމަށް ވިޔަސް އެއީ ދައުލަތުގެ މުދާ، އެ ހުންނާނެ ރައްކާކޮށްފައި،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހީނާމާގޭ ބިމުގައި ހުރި ބިމުގައި ވެސް މިހާރު އަންނަނީ ޕާކުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން ކަމަށެވެ. މާފަންނު އަސަރީ ކެފޭ ހިންގި ތަނުގައި ވެސް ޕާކުކުރެވޭނެ ޖާގަ ހަދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ޕާކިން މައްސަލައަކީ ވަރަށް ބޮޑުވެފައި އޮތް ކަމެއް. ކުދިކުދި ހައްލުތަކެއް މީގެތެރެއިން މި އަންނަނީ. އަޅުގަނޑު ގަބޫލެއް ނުކުރަން މީގެތެރެއިން އަޅުގަނޑުމެންނަށް ފުރިހަމަ ހައްލެއް އަންނާނެ ކަމަކަށް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އާ ޕާކިން ޖާގައާ އެކު މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.