ލުތުފީއާ މެދު އަމަލުކުރާ ގޮތެއް ސާފުވާން ޖެހޭ: އަބްދުއްރަހީމް

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އެތައް އަހަރަކު އުޅެފައި، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާން ދިން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހުރި ތަނަކާއި އަމަލު ކުރާ ގޮތެއް ސާފުކޮށް ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ގޮވާލައިފި އެވެ.


ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރިޔާ ލުތުފީ، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ވަދެ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ މިދިޔަ މެއި 1 ގަ އެވެ. އެކަމަކު ދެ މަސް ދުވަސް ވީއިރު ވެސް އެކަން އޮތީ ސިއްރުކޮށްފަ އެވެ.

ފާޑުކިޔުންތައް އަމާުޒުވެފައި ވަނިކޮށް ލުތުފީ މާލެ ގެނައީ މި މަހުގެ 9 ގަ އެވެ. އަދި ހަމަ އެ ދުވަހު ލުތުފީ ވަނީ ހުކުމް ތަންފީޒުކުރަން ކަރެކްޝަންސްއާ ހަވާލުކޮށްފަ އެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ބޮޑު ހާއިނު ލުތުފީ އަށް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ހިމާޔަތް ދެވިގެން ނުވާނެ ކަމަށެވެ. އަދި އެމްބަސީގައި ލުތުފީ ރައްކާކޮށްގެން އުޅުނު މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފުރަތަމަ ކަމަކަށް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ މި ދެންނެވި ފަދަ ބޮޑު ހާއިނެއް ދައުލަތުން ހަރަދުކޮށްގެން، ވީއައިޕީ ފެންވަރުގައި ހިދުމަތް ދީ، ސެކިއުރިޓީ ދީގެން ބެހެއްޓޭނީ ކޮންމެވެސް ނުފޫޒު ހުރި، ޒިންމާދާރު މީހެއްގެ ހުއްދަ ލިބިގެން،" ޒީރޯ ޓޮލަރެންސްގެ ދަށުން އެކަން ބެލުމަށް ގޮވާލައްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ލުތުފީ ގެންގުޅުނީ އެމްބަސީގައި ކަމަށް ބުންޏަސް ސަރުކާރުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލުތުފީއާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު އަޅަން ފަސޭހައެއް ނުވާނެ އެވެ. ލުތުފީއާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އަޅައިފި ނަމަ، "އަރާމު ނިންޖަކުން" ރައީސަށް އަވަހާރަފުޅު ނުލެއްޕެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސަރުކާރުން އެބަޖެހޭ ލުތުފީ ހުރީ ކޮންތާކުތޯ ސާފުކޮށްދޭން. ސަރުކާރުން އެބަޖެހޭ ލުތުފީއާ ދޭތެރޭގައި އަމަލު ކުރަމުންދާ ގޮތް ކިޔައިދޭން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ލުތުފީ މައްސަލައިގައި މުޅި ސަރުކާރު އޮތީ ފެއިލްވެފަ އެވެ.

ލުތުފީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގަ އެވެ. އެކަމަކު އޭނާ ފިލައިގެން ގޮސް މިހާތަނަށް ދިރިއުޅެމުން ދިޔައީ ސްރީ ލަންކާގަ އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ހިންގި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީ މެރުމަށް ހައި ކޯޓުން ނިންމި އެވެ. އެކަމަކު، މައުމޫން ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް 25 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ. ލުތުފީ ޖަލުގައި ހުކުމް ތަންފީޒު ކުރީ 21 އަހަރެވެ. އަދި އޭނާ ހުކުމް ތަންފީޒުނުކޮށް ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެކެވެ.