ގައުމު އަމާންކަމުގައި ބޭއްވޭނީ ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަން ގާނޫނީ ހަމަތަކުގެ މަތިން ފުރުސަތު ދީގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުން ބައެއް ފަހަރު ބައެއް ފަރާތްތަކާ ކުރިމަތިލާންޖެހެނީ އެ މީހުންގެ ޒިންމާ އާއި މަސްއޫލިއްޔަތާއި ގާނޫނާއި ގަވާއިދުން ބޭރުނުވެ ތިބެ ކަމަށެވެ. އެފަދަ މީހުންގެ ފަރާތުން އަބަދު ވެސް ގޮންޖެހުމާއި ދަތިތަކާއި ފުރައްސާރައާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް ކެތްތެރިކަމާއި ހިތްވަރާއި ސާބިތުކަމުގައި ތިބެންޖެހޭނީ ގާނޫނާއި އަހުލާގިއްޔާތުގެ ތެރެއިންކަމަށް ވިދާޅުވި އެވެ.
"ގައުމު އަމާންކަމާއި ސުލްހަވެރިކަމުގައި ބޭއްވޭނީ ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނީ ހަމަތަކުގެ ތެރެއިން އެ ފުރުސަތު ފުލުހުންނަށް ދީގެން. އެކަމަކީ ރައްޔިތުންނާ ސަރުކާރުން މަގުފަހިކޮށްދޭންޖެހޭ ކަމެއް. އެކަމުގައި ފުލުހުންގެ ފަރާތުން ދައްކައިދޭންޖެހޭ ރީތި ނަމޫނާ ދެއްކުމާއި ފުރިހަމަގޮތުގައި ތިބުމުގެ މަސައްކަތް ފުލުހުންގެ އެންމެ މަތީ ލީޑަޝިޕްގެ ފަރާތުން ދަނީ އިންތިޒާމުކޮށް ކުރެވޭތޯ މަސައްކަތް ކުރަމުން،" އިމްރާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންގެ އާއިލާގެ ކޮންމެ މީހަކަށް ދިމާވާ ކަމަކީ މުޅި ފުލުހުންގެ މުއައްސަސާއަށް ދިމާވާ ކަމެކެވެ. އެފަދަ ހާދިސާތަކުގައި އާއިލީ ރޫހު ފެނިގެންދާތީ އުފާކުރައްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދިމާވާ ކޮންމެ ކަމެއްގައި އެކުވެރި ރޫހެއްގައި އެއްބާރުލުން ފޯރުކޮށްދޭ ކަމަށެވެ. އަދި އާއިލާތަކަށް ހިތްވަރުދިނުމާއި އެހީތެރިވުމުގައި މާއްދީގޮތުން އެންމެން ބައިވެރިވާކަމަށް، ޑިއުޓީގައި ތިއްބާ މަރުވެފައިވާ ފުލުހުންގެ ހަނދާނުގައި ބޭއްވި ޖަލްސާގައި ވިދާޅުވި އެވެ.
އެ ރޫހު އިތުރަށް އާލާކޮށް ބަދަހިކުރުމަކީ، މިނިސްޓަރު ވިދާޅުވިގޮތުގައި މުޅި ފުލުހުންގެ މުއައްސަސާ އިން ކުރަންޖެހޭ ކަމެކެވެ.
ފުލުހުންގެ މަސައްކަތަކީ އެންމެންގެ ރުހުމާއި ލޯބި ލިބޭނެ ކަމެއް ނޫންކަމަށާއި އެ މަސްއޫލިއްޔަތަކީ އެންމެންގެ އެހީތެރިކަން ވެސް ލިބޭނެ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންނަކީ ބޭނުންތެރި ހިދުމަތެއް ދޭ ބައެއްކަމަށް ގިނަ ބަޔަކު ގަބޫލުކޮށް އެކަން ގަބޫލުކުރާކަމަށެވެ. ނަމަވެސް އެއް ބަޔަކު އަބަދު ވެސް ފުލުހުންނާމެދު ނަފްރަތުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ބައެއް ހާލަތްތަކުގައި އަނިޔާ އާއި ގޯނާކުރުން އޮންނަ ކަމަށް ވިދާޅުވި އެވެ.