ބޯންމެރޯ އަށް ފަހު ފަރުވާ ދެނިކޮށް ކުޑަ ކުއްޖަކު މަރުވެއްޖެ

ބޯންމެރޯ ހެދުމުގެ ކަންކަން ކާމިޔާބު ކަމާ އެކު ނިމުނު ނަމަވެސް އޭގެ ފަހުން ދޭންޖެހޭ ފަރުވާ ކުރިއަށް ގެންދަނިކޮށް ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.


އެ ކުއްޖާ މަރުވީ، ޒަކާތު ފަންޑުގެ އެހީގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ފަރުވާ ހޯދަނިކޮށް އިއްޔެ ހެނދުނެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ އެ ކުއްޖާ މަރުވީ ބޯންމެރޯ އަށް ފަހު ދިމާވި ކޮމްޕްލިކޭޝަންތަކަށް ފަހު ކަމަށެވެ.

ބޯންމެރޯ އަށް ފަހު ފަރުވާއަށް ހަތަރު މަސް ދުވަހު އިންޑިއާގައި މަޑުކުރަން ޖެހެ އެވެ. އަދި އެއްކޮށް ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެހެންވެ އެ ކުދިން އަނބުރާ ރާއްޖެ އައުމަށް ފަހު ވެސް އެއް އަހަރު ދުވަސް ވަންދެން ވަރަށް ފަރުވާތެރިވާތެރިކަމާ އެކު ބަލަން ޖެހޭނެ އެވެ.

ޑެންގީ ހުމަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ވެސް ނުވަ އަހަރުގެ ތެލެސީމިއާ ކުއްޖަކު މަރުވެފައި ވެ އެވެ. އަދި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު، ތެލެސީމިއާގެ ދެ ޒުވާނުން މަރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ތެލެސީމިއާގެ ހަ ކުދިން ވަނީ މަރުވެފަ އެވެ.