އެމްއެމްއޭގެ ގަވަރުނަރު ނަސީރު މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް މިދިޔަ ހޯމަ ދުވަހު ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 ޖުލައި 2019 - 12:08
ރާއްޖޭގެ މަރުކަޒީ އިދާރާގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ނަސީރުގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަމަށެވެ.
ނަސީރު، މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ހެނދުނު ވަނީ އެމްއެމްއޭގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެކަން އިއުލާން ކުރައްވައިފަ އެވެ.
ގަވަރުނަރުކަމުގައި ހުންނަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން ނަސީރު އިސްތިއުފާ ދެއްވީ، އެމްއެމްއޭގެ އެތެރޭގެ ބައެއް ކަންކަން އުސޫލުން ބޭރުން ކުރަައްވާފައިވާ ކަމުގެ ތުހުމަތު އެޅި، އެކަމާ ބެހޭ ގޮތުން ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ޖަވާބުދާރީވެވަޑައިގެންފައި ވަނިކޮށެވެ.
ނަސީރާ ދެކޮޅަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަދި ޑެޕިއުޓީ ގަވަރުނަރު އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އޭގެ ތެރޭގައި މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަކަށް ބޮޑު އަަދަދުތަކުން ފައިސާ ޖަމާވެ، އެ ފައިސާ ނެގި މައްސަލާގައި އެފްއައިޔޫ އިން ފުލުހުންނަށް ހުށައެޅި މައްސަލައިގެ ތެރެއަށް ވެންނެވުމުން ހިމެނެ އެވެ.
ގާނޫނު ބުނާ ގޮތުން އެފްއައިޔޫ އަކީ އެމްއެމްއޭގެ ތެރޭގައި އޮންނަ މިނިވަން ވަކި ޔުނިޓެކެވެ. އެ ޔުނިޓުުން ކުރާ ކަންކަމާ ބެހިވަޑައިގަތުމުގެ ފުރުސަތެއް ގަވަރުނަރަކަށް ލިބިވަޑައެއް ނުގަންނަވަ އެވެ.
އެފްއައިޔޫގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަން ނަސީރު މަސައްކަތް ކުރެއްވި ކަމަށް އަޝްރަފް ކުރެއްވި ތުހުމަތުތަކާ މެދު މިދިއަ އާދީއްތަ ދުވަހު ވެސް ނަސީރު ވަނީ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވައިފަ އެވެ.
އަޝްރަފް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސީރު އޭނާއާ ފޯނުން ވާހަކަ ދެއްކެވުމުގެ އިތުރުން އެމްއެމްއޭގެ ޓެރަސް މަތީގައި ވެސް ބައްދަލުކުރެއްވި ކަމަށެވެ. އެ ތިން ފަހަރު ވެސް ވާހަކަ ދެއްކެވީ އެފްއައިޔޫގެ މަސައްކަތް ވަކި ގޮތަކަށް ބައްޓަން ކުރަން ބާރު އަޅުއްވާ ގޮތަށް ކަމަށް އަޝްރަފް ތުހުމަތުކުރެއްވި އެވެ.
ކޮމިޓީގައި ނަސީރު ވިދާޅުވީ އަޝްރަފް ވިދާޅުވެފައިވާ ދުވަސްތަކުގައި ފޯނުން ވާހަކަ ދެއްކެވި ކަމަށާއި ބައްދަލުކުރައްވައިގެން ވެސް ވާހަކަ ދެއްކެވި ކަމަށެވެ. އެކަމަކު އެފްއައިޔޫގެ މަސައްކަަތް ވަކި ގޮތަކަށް ބައްޓަންކުރަން ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން އަޝްރަފް ވިދާޅުވީ ރައީސް ޔާމީނާއި އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީ އަށް ހުށަހެޅުއްވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ނަސީރު ވާހަކަ ދެއްކެވި ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން މެމްބަރުން އަޝްރަފާ ކުރެއްވި އެއް ސުވާލަކީ އެކަން ސާބިތުކޮށްދެއްވޭނެ ގޮތެއް އެބަ އޮތްތޯ އެވެ. އޭނާ ވިދާޅުވީ ގަވަރުނަރުގެ އިއުތިރާފުން ނޫނީ އެކަން ސާބިތު ކޮށްދެއްވެން ނެތް ކަމަށެވެ.
ކޮމިޓީގައި ނަަސީރު ވިދާޅުވީ އެ ރިޕޯޓް އޭސީސީ އަށް ފޮނުވުމުން އެކަމާ ބެހޭ މައުލޫމާތު ސާފުކުރެއްވި ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ސާފުކުރެއްވީ މުހިއްމު ސަބަބަކާ ހެދި ކަމަށާއި ވަކި ގޮތަކަށް ކަމެއް ކުރަން ނުވަތަ ނުކުރަން އަންގަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޔާމީނުގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް ޖަމާކޮށް، ނެގި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ނަސީރު ގުޅުއްވައިގެން ވާހަކަ ދެއްކެވި ކަމަށް އަޝްރަފް ކުރެއްވި ތުހުމަތަށް ވެސް ނަސީރު އެއްބަސްވެވަޑައިގެންނެވި އެވެ. ވިދާޅުވީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރަން އަޝްރަފަށް ގުޅުއްވީ އެ މައްސަލާގައި ރައީސް ޔާމީނު ނަސީރަށް ގުޅުއްވުމުން ކަމަށެވެ.
"ވަޓްސްއެޕުން ގުޅީ އެ މައްސަލަ ފޮނުވިތާ އެއް ގަޑިއިރު ތެރޭގައި ކަމަށް އަޅުގަނޑަށް ފަހުން މައުލޫމާތު ލިބުނީ. އެ މައްސަލަ ރައްދުވާ ފަރާތުން [ރައީސް ޔާމީން] އަޅުގަނޑާ ގުޅާފައި މިވެނި އެއްޗެއް ފޮނުވި ވާހަކަ، އެހެންވީމާ އެއީ ކޯއްޗެއްކަން ނޭނގޭތީ އެކަން އޮޅުންފިލުވައިލުމަށް އަޅުގަނޑު ގުޅާފައި އޮންނާނީ،" ނަސީރު ވިދާޅުވި އެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުން އޭނާ ދުރުކުރުމުގެ ކުރިން އެމްއެމްއޭގެ ޓެރަސް މަތީގައި ބައްދަލުކޮށް ވާހަކަތަކެއް ދެއްކެވި ކަމަށް އަޝްރަފް ކުރެއްވި ތުހުމަތާ ބެހޭ ގޮތުން ނަސީރު ވިދާޅުވީ އެގޮތަށް ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް އެއީ ވެސް މުހިއްމު ސަބަބަކާ ހެދި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އެކަމުގެ ބާވަތުން އަޅުގަނޑު ބޭނުންވީ އެ ވާހަކަ ހަމަ ދައްކާލަން. އަޅުގަނޑު ނަގާ ޑެސިޝަނާ ބެހޭ ގޮތުން އަޅުގަނޑަށް ވެސް ޔަގީންވާން އެބަ ޖެހޭތާ ކަންތައްތަކެއް. އެހެންވީމާ އެ ޖަޖްމަންޓް އަޅުގަނޑު ހަމަ ކޮންފޯމް ކުރުމަށް ޓަކައި،" އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު ވަނީ އަޝްރަފާ ދެކޮޅަށް ވެސް ބޮޑެތި ތުހުމަތުތަކެއްކުރައްވައިފަަ އެވެ. އޭގެ ތެރޭގައި އެފްއައިޔޫގެ މައުލޫމާތުތައް ބޭރަށް ލީކްކުރެއްވުމާއި ސިޔާސީ ބައެއް މީހުންނާ ބައްދަލުކުރެއްވުން ފަދަ ކަންކަން ހިމެނެ އެވެ. އޭގެ އިތުރުން އެފްއައިޔޫގައި އަޝްރަފު އަދާކުރަައްވަން ޖެހޭ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާނުކުރައްވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
އިގުތިސާދީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ނަސީރަށް ގަވަރުނަރުކަން ލިބިވަޑައިގަތީ އޮގަސްޓް 24، 2017 ގަ އެވެ. އޭނާ ވަނީ އޭގެ ކުރިން ވެސް އެމްއެމްއޭގައި މަސައްކަތްކުރައްވައިފަ އެވެ. އަދި ކުރީގެ އެމްޑީޕީ ސަރުކާރުގެ ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި އެވެ.
ގަވަރުނަރުކަމާ ނަސީރު ހަވާލުވެވަޑައިގަތީ، ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލާގައި، އެމްއެމްއޭގެ ނުކުޅެދުންތެރިކަން ފެންމަތިވެ، މަރުކަޒީ ބޭންކްގެ ނަން ކިލަނބުވެފައި ވަނިކޮށެވެ.
އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ، ބީއެމްއެލްގެ ތެރެއިން އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާވި އިރު، އެމްއެމްއޭއަށް އެކަން ހުއްޓުވޭ ގޮތެއް ނުވި އެވެ. އެއީ މަނީ ލޯންޑަރިންގެ ނުބައި އަމަލްތަކެއް ނަމަވެސް، އެމްއެމްއޭގެ އެފްއައިޔޫ ވެސް އޮތީ އެކަން ހުއްޓުވުމުގައި ނުކުޅެދިފަ އެވެ.
މި މަައްސަލާގައި އޭރުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އަދި އެފްއައިޔޫގެ ވެރިޔަކަށް އޭރު ހުންނެވި އިބްރާހިމް އާތިފް ޝަކޫރަށް އޭނާގެ ޒިންމާ އަދާނުކުރެއްވުނުކަން، ތަހުގީގުތަކުން އެނގެ އެވެ.
އެ ބޮޑު ހިޔާނާތް ހުއްޓުވުމުގައި އެމްއެމްއޭގެ ބާރު ނުފެނުނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހުމަދު އަދީބުގެ ނުފޫޒު އަޒީމާ އާއި އެމްއެމްއޭގެ މައްޗަށް އޮތުމުން ކަމަށް، އޭރު ބެލެވުނެވެ. އެކަމަކު އަޒީމާ، އޭނާގެ ދިފާއުގައި އަބަދުވެސް ވިދާޅުވީ އެއްވެސް މީހެއްގެ ނުފޫޒެއް އޭނާއަށް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތީ ތައުލީމު މައި ފުޓް
24 July 2019
ކޮން މަތީ ތައުލީމެއް. ތިހެން ކިޔައިގެން އުނު ޔާނަކީ އެންމެ މޮޅު އިކޮނޮމިސްޓޭ. ނަސީރުވެސް ހިތުން އިކޮނޮމިސްޓު. ޓެރަސް-ކޮނޮމިސްޓު.
މަރުކަޒީބޭންކު
24 July 2019
ބްރޭކިންގ: އެމް ޕީ ރ ސީގެ މމަސްއަލައާ ޔަމީނު ފައިސާގަޑުގެ މަސްއަލާ މީދެކަމެއް. ޔާމިނަށް މޮޅުކޮށްދޭން އަޝްރަފް އެހެލީ. މި އޮތީ އެ މަޅި ކަރުގަ ބެދިފައި.
ހުނާ
24 July 2019
އިސްތިއުފާ ދިނުމަކީ އެމީހާ ކުށްކުރިކަމަށް ސާބިތުވާ ކަމެއްނޫން. ހިސާބަށްވުރެ އުނދަގޫ ބޮޑުވީމާ އިސްތިއުފާ ދިނުން އޮންނާނީ. މިގައުމުގައި މައްސަލައަކީ އިވޭހާ އަޑަކަށް ގިނަބަޔަކު ހެއްލޭތީ. ބަޔަކު ވާހަކައެއް ދައްކާއިރަށް ތެދެއްދޮގެއް ނުބަލައި އެމީހަކު ތާއީދުނުކުރާ ކޮޅުގައި ހުންނަ މީހެއްނަމަ އެމީހާއާމެދު އިންސާފުވެރި ނަޒަރަކުން ނުބެލޭތީ. ވަކި މީހަކާ އިންވޯލްވެފައޭ ބަޔަކު ބުނާ ހިސާބުން އެމީހާއަކީ ނަރަކަވަންތަވެރިއެއް ކަމަށް ބަލާތީ. ބަޔަސްވުމުގެ އިންތިހާ
މަމޮޅު
24 July 2019
އިންސާފަކީ މީހަކު ދޭ އެއްޗެއް ނޫން. ޕޮލިހަށް ފޮނުވި ރިޕޯޓު ގެ ވާހަކަ އޭރުގެ ސްޕޯކްސްޕާސްން މީޑިއާގަ ބުނީ ނަސީރުކާރީ އަހާށޭ ކޮބާތޯ. އެއޮތީ ރިކޯޑު. ސޯ ވަޓް އިންސާފު..
ޔާސިރު
24 July 2019
މަރުޙަބާ ނަޞީރު.
ހަސަންދީ
24 July 2019
ދިވެހި އަލްޗަޕޯ ވެސް ތަންތަނުގެ ގަވާއިދު ފޫއަލުވާލައިފައި ސަލާމަތްވެގެނެގެން އެދުވަސްވަރު އުޅުނީ... ބޮޑު ނެޓުވޯކެއްގެ އެހީގައި.
ރޮކު
24 July 2019
ލާރިޔާ ޖެހުނީމަ އިހުލާސްތެރިކަމެއް ނޯވެ އެއީ އެމެރިކާއިން ތަޢުލީމު ޚާޞިލް ނުކުރާތިއެއްނޫން! އެއީ ތިމާހެ އީމާންތެރިކަން ބަލިކަށިވެ، ދުނިޔެވީ މާއްދީތަކެއްޗަށް ތިމާގެ ހަވާނަފުސު ވިކި ހުސްވާތީ ވާހާގޮތް. ނެތޭ މޮޅު އެއްކަމެއް ލިބިފައި އަބުރުވެރިއެއް ކަމަށް ވެވިފައި ތިމައިގެ މަސައްކަތުން ނޫނީ ތިމާއަށް ބާރުލިބިދާނޭފާ
ބީރުބޮލް
24 July 2019
ސަޅިވާހަކައެއް. ތިމާގެ ފައިދާއަށް މީހުންގެ ބޯ ކައިގެން ދޮގު ހަދާފައި އުޅުނު ސްމޫތް ޓޯކަރ މިއޮތީ ފޭލްވެފައި. ޔާނުގެ ޓެރަސް ބޯއީ.
ސޫދާ
24 July 2019
މިހާރުގެ ފެނަކަ އެމްޑީ ސައީދުއަށް ތިމަގާމް ދޭން ފެނޭ
މަރޭމިތުރު
24 July 2019
ދެންއިވޭނީ ބޭރަށް ފުރައިފިޔޭ! ދެންބުނާނީ ތަހުގީގައް ހުރަސްއެޅިއްޖެޔޭ!...................... ދެން ކުއްލިއަކަށް ރާއްޖޭންބޭރަށް ގަވަރުނަރު ފުރާނީ އެހިސާބުން އަނއްކާ ތަހުގީގު ގެއްލިގެންދާނީ.
މަރޭމިތުރު
24 July 2019
ހެދިގޯހާއި މަކަރާއި އެހެނަސް އަންގައްޗޭ! ބެދިފައިވާ މަޅިއިން ރެކެވޭތޯ ނުއުޅެއްޗޭ!،،،،،،،،،،،،،،،،، ހެދިމަކަރާއި ކޮރަޕްޝަން އެހެނސް ބަލައި ޝަރީއަތް ގެންދަންވާނެކަމަށް ދެކެން، އިސްތިއުފާ ދިނަސް އެހިސާބަކުން ނުމުނީކީނޫން.
އައައައަ
24 July 2019
ކުށެއް ނެތަސް މިހާރު ތިހިރީ އިސްތިއުފާ ދޭން ޖެހޭ ހިސާބަށް ގޮސްފަ ރައްޔިތުންގެ އިތުބާރު ގެއްލުނީމާ އެވީ އިސްތިއުފާދޭން.ރަނގަޅު ނިންމުމެއް.ދިވެހިރާއްޖޭގަ ކުރާކަމެއް ނޫން އަމިއްލަޔަ އިސްތިއުފާދިނުން.ކޮންމެވެސް ބަޔަކު ދަމާ ބޭރުކުރަން ޖެހޭނީ
ޜާއީ
24 July 2019
ކެނެރީގޭ ނަށީދު ވެސް ޖެހޭނެ ދޮގު ހަދައިގެން މީހަކު އިސްތިއުފާ ދޭން ޖެހެންޏާ ދޭން