ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީން ނިންމައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މިއަދު ނިންމައިފި އެވެ.


މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝަހީބާއި ޒައިނާ ވަކި ކުރަން ނިންމީ އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ވަކިވަކިން ހާޒިރު ކުރި މި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ މީޑިއާ އަށް ސިއްރުކޮށްގެންނެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކުރީ އޭޕްރީލް 5، 2016 ގަ އެވެ.

ޝަހީބު މީޑިއާގެ ދާއިރާއާ ގުޅިވަޑައިގެންފައިވަނީ 1989 ގައި، "ހަވީރު" ނޫހުންނެވެ. އަދި އެ ނޫހުން ވަކިވެވަޑައިގެން ސަންއެފްއެމް ރޭޑިއޯއެއް ހިންގެވި އެވެ. ނޫސްވެރިކަމުގައި 21 އަހަރު އުޅުއްވި ޝަހީބު ވަނީ އެ ދާއިރާ އިން އެކި އެވޯޑުތައް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭގެ ފަހުން، ޝަހީބު ވަނީ ނޫސްވެރިކަމުގެ އެކިއެކި ކޯސްތައް ވެސް ހިންގަވައިފަ އެވެ.

ބްރޯޑްކާސްޓިން ދާއިރާއާ 2007 ވަނަ އަހަރު ގުޅިވަޑައިގެންނެވި ޒައިނާ އެންމެ ފުރަތަމަ އަދާ ކުރެއްވީ ވީޓީވީގެ ވީޑިއޯ ޖާނަލިސްޓެއްގެ މަގާމެވެ. އޭގެ ފަހުން ޗެނަލް 13 ގައި މަސައްކަތް ކުރެއްވި އެވެ. އެ ސްޓޭޝަންގައި އަދާކުރެއްވީ ސީނިއަ އެޑިޓަރުގެ މަގާމެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމާ ހަމައަށް "އަސުރުމާ ޔަގީން" މަޖައްލާގެ އެޑިޓަރުކަން ކުރެއްވި އެވެ.

ބްރޯޑްކޮމްގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ މެމްބަރު ޒީނާ ޒާހިރު، އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ. އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ހަސަން ނަބާހާއި ކޮމިޝަން މެމްބަރު އިސްމާއިލް ސޮފްވާން ވަނީ މަޖިލިހުން މައްސަލަ ބަލަން ފެށުމާ އެކު އިސްތިއުފާ ދެއްވައިފަ އެވެ.

ކުރީގެ ސަރުކާރުގެ ނުފޫޒާ އެކު ވަކިވަކި ޗެނަލްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގައި އިސްކޮށް އުޅުއްވީ ބައެއް މެމްބަރުން ކަމަށް ކަމަށް ތުހުމަތު ކުރެ އެވެ. އަދި ބައެއް މައްސަލަތައް ކޮމިޝަނުން ނިންމީ އިންސާފުން ނޫން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރި އެވެ. އަދި ސަންގު ޓީވީ އާއި ވީޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރެއްވި އެއް ކަމަކީ އަބުރުގެ ގާނޫނު އުވާލެއްވުމެވެ.