ފުޅަނދުތައް ދައްކާލުން މިއަދު މާފަންނު ވެލި ދަނޑުގައި

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން މިއަދާއި މިރޭ މާފަންނު ސްޓޭޑިއަމްގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރަން މާލޭގެ ބޮޑެތި މަގުތަކުގައި ރޭ ބޭއްވި ފުޅަނދުބުރުގައި ސަރުކާރުގެ ފަސް ކުންފުންޏަކުން ނުވަ ފުޅަނދެއް ނެރުނެވެ. ފުޅަނދުބުރުގައި މި އަހަރު ވެސް އެކި ތީމުތަކަށް ހާއްސަކޮށް، ކުޑަކުދިންނާ ގުޅޭ ގޮތަށް ކާޓޫން ކެރެކްޓާތައް ހުށަހަޅައިދިނެވެ. ފުޅަނދުބުރުން ޖަޒީރާ އަދި ދިވެހިވަންތަކަން ވެސް ފެންނަން ހުއްޓެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދު ބުރުގައި އަންހެނުންތަކެއް ބައިވެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ ފުޅަނދުތައް އާންމުކޮށް ދައްކާލުމަށް ކުރިން އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ކަނޑައެޅި ނަމަވެސް، މިހާރު އެ ކަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މެރީ ބްރައުން ރެސްޓޯރަންޓު ފުރަގަހުގައި އޮންނަ ހުސް ބިމުގައި ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އޮންނާނީ ކާޓޫން ކެރެކްޓާތަކާ އެކީގައި ފޮޓޯ ނެގުން ފަދަ ކަންކަން. ބައެއް ހަރަކާތްތައް ވެސް ފުޅަނދުތަކުން ބާއްވާނެ،" ހަފްސީ ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ފުޅަނދުބުރު ބެލުމަށް ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ޖަމާވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ވެސް ވަނީ މުލީއާގެ ކައިރީގައި ތިއްބަވައިގެން ފުޅަނދުތައް ބައްލަވާލެއްވި އެވެ.

މިނިވަން ދުވަހުގެ ފުޅަނދުބުރު އެންމެ ފަހުން ބޭއްވީ 2016 ގަ އެވެ.