ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް: އޭނާ އަށް ސީރިއަސް ތުހުމަތުތަކެއްކޮށް ބަޔަކު ވަނީ ރައީސް އޮފީހަށް ސިޓީއެއް ހުށަހަޅާފައި.
30 ޖުލައި 2019 - 11:09
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަަމަށް ކުރިމަތިލެއްވި ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނިޔާޒަށް މާކްސް ދަށްވެ، މެމްބަރު ކަމަށް އައްޔަންކުރަން ކޮމިޓީން އޭނާގެ ނަން ފާސްނުވީ ހުށަހެޅި ތުހުމަތުތަކަކާ ގުޅިގެން ކަން އެނގިއްޖެ އެވެ.
ފަސް މެމްބަރުން ތިއްބަވާ އޭސީސީ އަށް ކުރިމަތިލެއްވި 68 ބޭފުޅުންގެ ތެރެއިން ކޮމިޝަނަށް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފާހަގަކުރެއްވި 12 ބޭފުޅުންގެ ތެރޭގައި ނިޔާޒް ހިމެނިވަޑައިގަތެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނަންތައް ދިރާސާކޮށް މާކްސް ދިން އިރު ނިޔާޒް ހިމެނިވަޑައިގަތީ ހަ ވަނައިގަ އެވެ.
ނިޔާޒަށް ކޮމިޓީން ދިނީ 67.47 މާކްސް އެވެ.
މަގާމަށް ގާބިލް ކަމަށް ކޮމެޓީން ބަލަނީ 75 މާކްސް ނުވަތަ އެ އަށް ވުރެ މަތިން މާކްސް ލިބުމުންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ކޮމިޓީން މާކްސް ދޭ އިރު އެ ބޭފުޅަކާ ގުޅޭ ގޮތުން ކޯޓުތަކުންނާއި އެ ނޫން މުއައްސަސާތަކުން ހޯދާ މައުލޫމާތުތަކަށް ރިއާޔަތް ކޮށް ކޮމިޓީގެ މެމްބަރުން ބައްލަވަން ޖެހޭ ކަންކަން ބައްލަވާ ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި މައްސަލައެއްގެ ކުށުގެ ރެކޯޑެއް ވެސް ނިޔާޒްގެ އެބަ އޮތެވެ.
ނިޔާޒްގެ ނަން މަޖިލީހަށް ހުށަހެޅުއްވި ފަހުން އޭނާ އަށް ސީރިއަސް ތުހުމަތުތަކެއްކޮށް ރައީސް އޮފީހަށް ޝަކުވާގެ ސިޓީއެއް ހުށަހެޅިކަން އެނގިފައިވެ އެވެ. އެ ސިޓީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވި ކަމަށް ވެ އެވެ.
"މިހާރު" އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ނިޔާޒަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައިވެ އެވެ. އޮޑިޓަ ޖެނެރަލަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގެ އިތުރުން ސިޔާސީ ބޭފުޅެއްގެ އެންގެވުމަށް އޮޑިޓް ރިޕޯޓްތައް ނެރުއްވި ކަމަށް ވެސް ފަސް ސޮފްހާގެ އެ ސިޓީގައި ލިއެފައިވެ އެވެ.
އެ ހުރިހާ ތުހުމަތެއް ނިޔާޒް ދޮގުކުރެއްވި އެވެ. އެއީ މަގާމަކަށް ކުރިމަތިލެއްވުމުން ސިޔާސީ ގޮތުން އަބުރު ކަތިލަން ހުށަހެޅި ތުހުމަތުތަކެއް ކަަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ނިޔާޒް "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމްއާ ގާތް ގުޅުމެއް އޮންނަ ކަމަށް އޭނާ އަށް ތުހުމަތުކުރާ ކަމަށާއި އެކަމަކު އޮޑިޓަ ޖެނެރަލަކަށް ހުންނެވި އިރު މާލިއްޔަތު ކޮމިޓީން ބައްދަލުވާ ވަގުތު ފިޔަވައި ނާޒިމާ އެކު ވަކިން އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގު ކުރެއްވީ ކޮންމެ ބޭފުޅަކު ހުށަހެޅި ނަމަވެސް އެއީ މަގާމުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވެ ގެއްލިގެންދާ އިރު ޒިންމާ އަދާނުކޮށް ހުންނެވުމަކީ ގަބޫލުކުރައްވާ ސިފައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި އޭނާ އޮޑިޓަ ޖެނަރަލްގެ މަގާމުން ވަކިކުރީ އެ ރިޕޯޓާ ހެދި އެވެ. މަގާމުގެ ގެއްލުވާލިއަސް ހިތާމަ ނުކުރައްވާ ކަމަށާއި އެ އޮޑިޓް އޭނާ ނުކުރެއްވި ނަމަ ރައްޔިތުންނަށް މިއަދު ދެއްވާނެ ޖަވާބެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ އޮޑިޓާ ގުޅުވައި ނުހައްގު ތުހުމަތުތަކެއް ކޮށްފައިވާތީ ހިތާމަ ކުރައްވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ވެސް ހަގީގަތެއް ނެތެވެ. އޮޑިޓް އޮފީހުގެ ޖޫނިއާ މުވައްޒަފެއްގެ ގޮތުގައި އުޅުއްވި އިރު ވަރަށް ގިނަ ބަޔަކު ތިބި ތަނެއްގައި އަންހެން މުވައްޒަފަކާ ސަމާސާ ކުރެއްވި ކަމަށާއި އެކަމަކު އެއްވެސް މުވައްޒަފެއްގެ ގަޔަށް އަތްލައި އެފަދަ އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ވެސް އޭގެ ފަހުން ކަން ނިޔާޒް ފާހަގަކުރެއްވި އެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރެއްވި ވާހަކަ ވެސް އޭނާ ދޮގުކުރައްވަ އެވެ.
"އަޅުގަނޑަށް ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަން އެނގިވަޑައިގަންނަވާ ބޭފުޅުން އޮޑިޓް އޮފީހުގައި އަދި އެހެން މުއައްސަސާތަކުގައި ތިއްބަވާނެ. އަޅުގަނޑަށް ކޮށްފައިވާ ތުހުމަތުތަކަކީ ސިޔާސީ ގޮތުން ކޮން ބަޔަކު ކުރާ ކަމެއް ކަން ވެސް އެނގޭ. އެކަން އެގޮތަށް ކުރިއަސް އަޅުގަނޑުގެ މައްސަލައެއް ނެތް،" ނިޔާޒް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނަފްސާ
31 July 2019
ތާހިރު ތަކެއް ވެއްޖެތޯ ތި ބައިގަނޑު މާ ހެޔޮއެދޭނެ ކަމަށް އެމީހުން ބުނި ގޮތަކަށް ވާހަކަ ފަތުރާ ދޮގު ރައްޔިތުންގެ ބޮލަށް ވާ ވައްދަ ދިނީމަ.. ވިސްނިބަލަ.. ކިޔެވި ކިޔެވިހެން ވަނީ ގަބު.. .ހެހެހެ.. ޓޭކް ކެއަރ.
ފަސީ
31 July 2019
ތުހުމަތު ކުރެވުމަކީވެސް ކުށާ އެއްވަރު ކަމެއްދޯ ؟؟ އަހާލީ
ނިޔާޒު އާޢިލާ
31 July 2019
އެމްޑީޕީ އަކީ އިންސާފު ނުލިބިގެން އިންސާފަށް ލޯބިކުރާ ކަމަށް ހެދިގެން އިންސާފު ގާއިމު ކުރަން މަސައްކަތް ކުރާ ހަމަށް ހެދިގެން އުޅޭ ޕާޓީއަކަށް ވާއިރު އިންޓަނެޓުން މީހުންގެ އަބުރު ކަލިތި ލުމަށް ފެންނަ ކޮންމެ އެއްޗަކަށް ބެލުމެއް ނެތި އެއީ ތެދު ހަގީގަތް ކަމަށް ބަލައި މާކްސް މަދުކުރުރުމަކީ އެމް.ޑީ.ޕީ އިންސާފަށް ލޯބިކުރާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް
ނިޔާޒު އާޢިލާ
31 July 2019
އަލީ ޒާހިރު ކީއްވެބާ ނިޔާޒު ގުޅުއްވާފަ އެޕްލިކޭޝަން ސަބްމިޓް ކުރަން އެދުނީ. މީ އެމް.ޑީ.ޕީ މީހުން 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކައިރި ވެފައި ވަނިކޮށް ނިޔާޒް އިބްރާހީމް ރިޕޯޓެއް ނެރުނީތީވެ އޭގެ ބަދަލު ހިފުމަށް ކުރި ކަމެއް.
އަމްސާ
31 July 2019
ނިޔާޒގެ ޕްރޮފެޝަނަލްކަން ޖަޖްކުރަން ތިމީހުންތީ ކޮންބަޔެއްހޭ. މުސްކުޅިވެ ތަނެއްދޮރެއްނޭގި ސަރުކާރުގެ ބުރައަކަށް ވެފައިތިބި ބައިގަނޑު ކަނޑާލުން އެއީ ނިޔާޒް ކުރި އެންމެ ރަގަޅުކަންތައް. ދުނިޔޭގެ ކޮންމެ ތަނަކުންވެސް ނިޔާޒް އަށް ވަޒީފާ ލިބި ދާނެ. އެއްވެސް ކޮލިފިކޭޝަނެއް ނެތީމާ އަދިވެސް ވަޒީފާ ނުލިބިފަ ނިޔާޒް ފަހަތުން ނެއްޓެއްން ނޭގިގެން ތިޔަ އުޅޭނީ ތިބައިގަނޑު
އަހަންމާ.
30 July 2019
ކޮއްކޯ ނިޔާ، ކޮއްކޮ އަށް ވެސް މިހާރު އެގޭދޯ، ވެރިކަމުގައި މިހާރު މިތިބީ ޔާމީނަށް ވުރެން ނުބައި ނުލަފާ ބަޔެއްކަންދޮތަ. ދެންވެސް ޔާމީނު އަތުން ހިތް ހަލާލުހޯދާ، މާތްﷲ ތިބާ އަށް ހެޔޮ ރަހްމަތް ލައްވާނެ.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
30 July 2019
މަނިކުފާނުގެ ޕުރެޒިޑެންސީ ބަޔަކު އަޑީގައި ތިބެ ހަރާބުގެ ތެރެއަށް ގަންބައިލަމުންއެގެންދަނީ، ރައީސު އޮފީހަށް އެކިމީސްމީހުންގެ ނަމުގައި ފޮނުވާ ސިޓީތަކާއި ކުރާ ޝަކުވާ ތަކުގެ އަޑީގައި ވަނީ ޚޮދު މަނިކުފާނުގެ ދުޝްމަނުން، ނިޔާޒު އަކީ އެއްގޮތަކަށްވެސް ވަޒީފާ އެއްނުލިބޭނެ ބޭފުޅެއްނޫން، އަދި ވާހީދުފަދައިން އޮޕޮޗުނެޓީ ފަހަތުން ދުވާނެ ބޭފުޅެއްނޫން. އުއްމީދުކުރަން މަނިކުފާނު މިކޮމެންޓު ވިދާޅުވުމަށްފަހު އެކަށީގެންވާ އަމަލެއް ޕުރޮސެސްކުރައްވާނެކަމަށް..
ކަނބިލި
30 July 2019
ޕާޓީގެ ކުދިންގެ ތެރެއިން ވަޒީފާއެއްގެ އިންތިޒާރުގައި ތިބިކުދިން ހޮވޭނީ. މާކްސް ދިނުމާ ކަންކަން ކުރަނީ ދައްކާ ދަޅައެއް. ބޮޑުވަޒީރު އަންގާފަ އޮންނާނީ މާކްސް ދޭނެ ގޮތް ވޯޓް ދޭނެ ގޮތްވެސް.
މަންބޭ
30 July 2019
ތިޔަތަނަށް ކުރިމަތިލި ކުރިން އޭސީސީގައި އުޅެފައި ހުރި، އެހެންމީހަކުވެސް ކަޓުވާލީ ޖިންސީ ފުރައްސާރައޭ ކިޔާފައި. މިއީ ބަޔަކު ވަރަށް ނުބައި ނިޔަތެއްގައި އަނެކާގެ އަބުރު ކަތިލައި ނަފުސު މަރާލަންގަންނަ ގަނޑެއް. ޖިންސީ ފުރައްސާރައޭ ކިޔަންވާނީ ހެކި ހުރެގެން. މިކާއީލްމެން މީހަކު ކަޓުވާލަންބޭނުން ވުމުންއެކަންޏަކުނޫން.
އިބުހިމްބެ
30 July 2019
ހަމަ އެކަނި ހިތްވަރާއެކު ކުރިމަތިލާ ކޮރަޕްޓު ސަރުކާރަކާ ކުރިމަތި ލިމީހާ މަޤާމަށް ނުލުމުން ހިތާމަކުރަން