ރިޔާސީ ކޮމިޝަނުން މަރުގެ މައްސަލައެއް ނިންމައި ފުރަތަމަ ފަހަރަށް ދައުވާ ކުރަނީ

މަރުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ދައުވާ ކުރުމަށް ރިޔާސީ ކޮމިޝަނުން ފޮނުވައިފި އެވެ.


ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދައުވާ ކުރަން ފުލުހުންނަށް ފޮނުވާފައި ވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދ. ވާނީ، ބްލޫހެވަން ހުސައިން ޒަރީރު މަރުވި މައްސަލައާ ގުޅިގެން ކަމަށެވެ.

ދައުވާކުރަން ފޮނުވީ އެ މައްސަލަ ބެލުމަށް ފަހު، އެކަމުގައި އިހުމާލުވި މީހުންގެ މައްޗަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ.

ޒަރީރު މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނޮވެމްބަރު 8، 2016 ގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށީ އޭގެ ކުރީ ދުވަހު އެވެ. ނަމަވެސް ޒަރީރަށް ފަރުވާ ދިނީ ކޮން ބައްޔަކަށް ކަމެއް ނޭނގެ އެވެ.

ރިޔާސީ ކޮމިޝަން އުފެއްދީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ހިމެނެ އެވެ. ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އަފްރާޝީމާއި ޔާމީން ރަޝީދު މަރާލި މައްސަލަ އާއި ރިލްވާން ގެއްލުވައިލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށެވެ. އެކަމަކު، އެ ތިން މައްސަލާގައި އެއްވެސް ބައެއްގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.