ޕީއައިއެލްސީން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި، ބަޔަކަށް ގާނޫނީ ލަފާ ދެނީ.--ފޮޓޯ: ޕީއައިއެލްސީ
01 އޯގަސްޓް 2019 - 15:57
ތަފާތު އެކި ކަންކަމުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫގައި މޮބައިލް ލީގަލް އެއިޑް ކްލިނިކެއް ހިންގަން ތައްޔާރުވެއްޖެ އެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ މި ހަރަކާތުގައި 15 ވަކީލުން އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ. އެއީ ޕީއައިއެލްސީގެ ވަކީލުންނާއި ފެމިލީ ލީގަލް ކްލިނިކްގެ ވަކީލެކެވެ.
ދެ ދުވަހުގެ މުއްދަތަކަށް ހިންގާ ހަރަކާތުގައި ކަނޑައެޅޭ ދާއިރާތަކަކުން ގާނޫނުތަކަށް އާއްމުން ހޭލުންތެރިކުރުވުމާއި ފުދުންތެރިކަން ނެތް މީހުންނަށް ކޯޓަށް ހުށަހަޅަން ބޭނުންވާ މަދަނީ މައްސަލަތަކުގައި އެ ވަކީލުން އެހީތެރިކަން ފޯރުކޮށްދެއްވާނެ އެވެ. އޭގެ ތެރޭގައި، ކޮންޓްރެކްޓާ ގުޅޭ މައްސަލަތަކާއި ބިމާއި މުދަލާ ގުޅޭ މައްސަލަތަކާއި ވަޒީފާގެ މައްސަލަތަކާއި ބެންކް ލޯނާ ގުޅޭ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ޕީއައިއެލްސީން ބުނިގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލީގަލް އެއިޑް ކްލިނިކް ހިންގަން ވަނީ ރާވައިފަ އެވެ. މާދަމާ އަދި އަންނަ ހޮނިހިރު ދުވަހު އައްޑޫގައި މި ބާއްވަނީ މީގެ ފުރަތަމަ ޕްރޮގްރާމެވެ.
އައްޑޫގައި ބާއްވާ ހަރަކާތުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމާ ގުޅޭގޮތުން ގްރޭޑު 11-12 ގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ. ޝަރަފުއްދީން ސްކޫލުގައި މިކަން އޮންނާނީ މެންދުރުފަހު 2:30-4:00 އަށެވެ.
އެއަށްފަހު ރާއްޖޭގެ ގާނޫނީ ނިޒާމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މާދަމާރޭ 8:00-10:00 އަށް ޝަރަފުއްދީން ސްކޫލުގައި އޮންނާނެ އެވެ. އޭގައި، ގާނޫނީ ނިޒާމް ބައްޓަންވެފައިވާ ގޮތްތަކާއި ގާނޫނު ފަހުމުވުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތަކާއި އާއްމުންނަށް މުހިއްމު ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވާނެ އެވެ.
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއައިއެލްސީގެ ލޯޔަރުން އެހީތެރިކަން ދޭނެ އެވެ. އަދި މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދަން ފޯމު ފުރުން ހިމެނެ އެވެ.
ފުރަތަމަ ދަންފަޅި ހިންގަން ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00-12:00 އަށް ސ. އަތޮޅު މަދަރުސާގަ އެވެ. ދެ ވަނަ ދަންފަޅި އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 2:00 އިން 6:00 އަށް ޝަރަފުއްދީން ސްކޫލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙސޖސ
02 August 2019
ބަރާބަރު ކަމެއް. ޝުކުރިއްޔާ ވަކީލުން އަދި ޔުތް މިނިސްޓްރީ
ކަނބިލި
01 August 2019
ހައްގު މިންވަރު ދޯ
މަރޭމިތުރު
01 August 2019
ސާނަވީ ސުކޫލުތަކުގައި ގާނޫނު އަސާސީ ކިޔަވައިދިނުން މާރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްބެލެވޭ ތިގޮތައް ދެދުވަހަކު ދޭ ލަފަޔަކަށްވުރެން!