އާ ގަވައިދާ އެކު ޓެކްސީ ޑްރައިވަރުން އަނެއްކާވެސް މުޒާހަރާއަށް

ޓެކްސީތަކުގައި މީޓަރު ހަރުކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، މާލެ ސަރަހައްދުގައި ދަތުރަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. ކަމަށް ހަމަޖެއްސުމުން މުޒާހަރާ އަށް ނުކުންނަން ޓެކްސީ ޑްރައިވަރުން ތައްޔާރުވާން ފަށައިފި އެވެ.


ޓެކްސީ ސެންޓަރަކުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ބުދަ ދުވަހު މުޒާހަރާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. މުޒާހަރާ ސަރުކާރަށް ޑިމާންޑްކުރަން އުޅެނީ ކޮން ކަންތައްތަކަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މުޒާހަރާ އަށް ނުކުންނަ ސަބަބާ ބެހޭ ގޮތުން ވާހަކަ ދެއްކި ޑްރައިވަރަކު ބުނީ ޓެކްސީ ޑްރައިވަރުންގެ މައިގަނޑު ތިން ކަންބޮޑުވުމެއް މިފަހަރު އެބަ އޮތް ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކަމަކީ އޭނާ ބުނި ގޮތުގައި އަލަށް ހުއްދަ ދިން އެޕްލިކޭޝަންތަކާ އެކު، ޓެކްސީ ކުރުމަށް ރަޖިސްޓްރީކޮށްފައި ނެތް އަމިއްލަ ކާރުތަކުގައި ހިދުމަތް ދިނުން އާއްމުވެ، ޓެކްސީތަކަށް ޑިމާންޑް ކުޑަވެދާނެ ކަމުގެ ކަންބޮޑުވުމެވެ. ދެވަނަ ކަމަކީ މާލެ ސަރަހައްދުގައި ނެގޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަގު ކުޑަވުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްގެން ދުއްވާ ހުރިހާ ޓެކްސީއެއްގައި، މޮބައިލް ތިން އެޕްލިކޭޝަނެއް ބޭނުންކުރަން ހުއްދަ ދީފައިވާ ކަމަށެވެ. އެއީ އަވަސް ރައިޑް، ޕިކްމީ އަދި އެއައީ އެވެ. ނަމަވެސް އެ އެޕްލިކޭޝަންތައް ބޭނުންކުރަން ފެށުމަށް މިނިސްޓްރީން ވަނީ ޓެކްސީތަކަށް ދެ މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

"އަގުތައް ވެސް އަސްލު ކުޑަ، އެކަމަކު އެއަށް ވުރެ ކަންބޮޑުވަނީ މި އެޕްލިކޭޝަންތަކަށް ހުއްދަ ދިނީމާ. އެޕްލިކޭޝަންތައް މެދުވެރިކޮށް މިހާރު ވެސް ޓެކްސީ އެބަކުރޭ ޕްރައިވެޓް ކާރުތަކުގައި. އަޅުގަނޑުމެން މި ތިބެނީ މި ހިދުމަތަށް ރަޖިސްޓްރީކޮށްގެން. ދައްކަން ޖެހޭ ފީތައް ދައްކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި ޑްރައިވަރަކު ބުންޏެވެ.

އެހެން ޑްރައިވަރަކު ބުނީ މާލެ އިން ހުޅުމާލެ އަށް އަދި މާލެ އިން އެއާޕޯޓަށް ގޮސް އައިސް ވުމަށް ކަނޑައެޅި އަގު މާ ކުޑަ ކަމަށެވެ. އޭނާ ބުނީ އެ އަގާ މެދު ހިތްހަމަ ނުޖެހެނީ އެއީ ގިނަ ވަގުތުތަކެއް ހޭދަވާ ދަތުރުތަކަކަށް ވާތީ ކަމަށެވެ.

"ހުޅުމާލެ އަށް ނުވަތަ އެއާޕޯޓަށް ގޮސްފައި އަންނަންޏާ މަދުވެގެން ބައިގަޑިއެއްހާ އިރު އެބަ ހޭދަވޭ އެކަމަށް. އެހެންވީމާ 60 ނޫނީ 75 މިއީ ކުޑަ އަގެއް. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަހަލަ ދަތުރުތަކުގެ އަގު ހަމަ ބޮޑު،" އޭނާ ބުންޏެވެ.

ޓެކްސީ މީޓަރާއެކު ދަތުރުތަކުގެ އަގަށް ގެނައި ބަދަލު

- މާލެ- ހުޅުލެ އަދި ހުޅުލެ- މާލެ: ދަތުރެއްގެ އަގު 60ރ. - ހުޅުމާލެ- ހުޅުލެ އަދި ހުޅުލެ- ހުޅުމާލެ: ދަތުރެއްގެ އަގު 60ރ. - މާލެ- ހުޅުމާލެ އަދި ހުޅުމާލެ- މާލެ: ދަތުރެއްގެ އަގު 75ރ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ވެސް ޓެކްސީ ނުލިބުމާއި ޓެކްސީގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެހެންވެ މަޝްވަރާތަކަށް ފަހު މި ގެނައީ އެންމެންނަށް ވެސް ފައިދާވާނެ ބަދަލެއް ކަމަށް ވިދާޅުވެފައިވެ އެވެ.

"މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި ޓެކްސީކުރުމުގެ ހުއްދަ 1،200 ޓެކްސީއަކަށް ދީފައިވެ އެވެ.