އަދީބު ފުލުހުންގެ ބެލުމުގެ ދަށުގައި: އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައި.
06 އޯގަސްޓް 2019 - 11:03
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓުގައި އިއްޔެ އިއުތިރާފްވެވަޑައިގެންފި އެވެ.
އަދީބު މިގޮތަށް އިއުތިރާފްވެވަޑައިގަތީ، ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފުވެވަޑައިގެން ރާއްޖެ އިން ފިއްލެވުމުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ރޭ ބޭއްވި ބަންދުގެ މަޖިލީހުގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.
ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް މި ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތެވެ. ރަށްތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް ގެއްލުނީ މި އަދަދު ކަމަށް ތަހުގީގީ އިދާރާތަކަށް މިހާރު ހޯދިފައި ވިޔަސް މި ޚިޔާނާތް މިއަށް ވުރެ ބޮޑުވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް އަދީބު އިއުތިރާފްވެވަޑައިގަތީ، މި ހިޔާނާތް ސާބިތުވެ އޭނާގެ މައްޗަށް އިއްވި ހުކުމްތައް ބާތިލްކޮށް އަލުން ޝަރީއަތް ހިންގަން ހުކުމް ވެސް ކޮށްފައި ވަނިކޮށެވެ.
ބަންދުގެ މަޖިލީހުގައި އަދީބު ވަނީ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ފިއްލެވި ކަމަށް ވެސް އިއުތިރާފްވެވަޑައިގެންފަ އެވެ. އަދި އެ އަމަލު ހިންގެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވެވަޑައިގެން ދައުލަތާ އެކު ހެދި އެއްބަސްވުމާ ޚިލާފަށް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި ގޮތާއި ލޯންޑަ ކުރެއްވި ގޮތާއި އެ ފައިސާ ލިބުނު މީހުންނާއި އެ މީހުންގެ ދައުރު ވެސް ތަފްސީލްކޮށް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް މުއްދަތު މަޖިލީހުގައި އަދީބު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގިނަ ހެކިތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދީބު މިގޮތަށް ވިދާޅުވުމާ އެކު ޝަރީއަތުގެ މަޖިލީހުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ އަދީބުގެ އިއުތިރާފް، ގާޒީގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ޚިޔާނާތް ހިންގެވި ކަމަށާއި ފުލުހުންގެ ތަހުގީގަށް އެ ކަން ހިންގި ގޮތް ކިޔައިދީފައިވާ ކަމަށް އަދީބު ވެވަޑައިގަތް އިއުތިރާފް ކޯޓުގައި ރެކޯޑް ކުރުމަށް ރިޔާޒް އެދިވަޑައިގަތެވެ. އަދި އަދީބުގެ ވަކީލް ވެސް ވަނީ ކޯޓުގައި އަދީބު ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ކޯޓުން ތައްޔާރުކުރާ ބަޔާނުގައި އަދީބު ސޮއިކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ މުޅި ތަހުގީގު ފުލުހުން އަލުން ހިންގަމުން އަންނަ އިރު، މި ތަހުގީގަށް އަދީބާ ސުވާލުކޮށް ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ.
އަދީބުގެ ވަކީލް ކޯޓުގައި ރޭ ވެސް ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ތަހުގީގަށް އެއްބާރުލުން ދެމުން ގޮސް އަދީބު ފިލަން ޖެހުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެކި ފަރާތްތަކުގެ ބިރު ދެއްކުންތަކާއި އިންޒާރުތަކާ ހެދި ކަމަށެވެ.
ތިން މައްސަލައެއް ސާބިތުވެ އަދީބުގެ މައްޗަށް 33 އަހަރުގެ ހުކުމް އިއްވި އެވެ. އެއީ ސިޔާސީ ނުފޫޒު ވަދެފައިވާ ދައުވާތަކެއް ކަމަށް ބުނެ އެ ހުރިހާ ހުކުމްތަކުން އޭނާ މިނިވަންވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޖަމީލާ
08 August 2019
އަދިވެސް މާތް ބަހުރުވައިންތަ އޭނަޔާ މުޚާތަބު ކުރަންވީ؟ ?
މަހޭ
07 August 2019
ކޮބާ މަހޭ އާ އަކްރަމް ކަމާލުއްދީން، މިހާރު ތިބޭނީ ހުންއައިސްސަ ތޯއްޗެ.
ބައްބެ
07 August 2019
ރައީސް ފަކީރު ސަލާމަތްވޭތަ؟
ާއާމިނަ
06 August 2019
ދުވަސް ކޮޅެއް ފަހުން ބޮލުގައި ބަޑި ޖައްސައިގެން ބުނިއެއްޗެ ކޭ ނުބުނެފިއްޔާ ރަނގަޅު
ގދސސ
06 August 2019
ޙިޔާނާތް ހިންގެވުން، ބަދުއަހުލާގުގެ އަމަލުފުޅުތައް ހިންގެވުން. ދެން ކީކޭ ބުނާނީ
ހަހަހަ
06 August 2019
މި އަދީބަށް މާ މާތްބަހުން މުޚާޠަބު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ. މީނާގެ ކަމަކީ މިނިސްޓަރަކަށް ނުވާއިރުއްސުރެވެސް ޑްރާމާ ކުޅުން. އަދިމާ މީހަކަށް ވެގެން ގިޓާކުޅެ ލަވަކިޔާ ނުވިތާކަށް ހެޑްލައިން އިން ބޭރުނުވާން ވެގެން އަބަދު ސްޓަންޓް ޖައްސާލަ ޖައްސާލަ. މިކަހަލަ "ކަސޯޓީ" ކުޅޭމީހުން ނަށް ގަމާރު ދިވެހިން މާތްބަހުން ވާހަކަ ދައްކާ ސަނާ ކިޔާތީ ހަމަ އަޖައިބުން އަޖައިބު.
ސާމާނުބެ
06 August 2019
މިއީ ސަރުކާރަށާ މުޅި ދައުލަތުގެ މިކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަރަށް ބޮޑު އިމްތިހާނެއް އަދީބުވި އިއުތިރާފްގެ މައްޗަށް ސަރީއަތްކޮށް ދައުލަތުން ވަގަށްނެގި ހުރިހާ ފައިސާއެއް އަނބުރާ ދައުލަތަށް ނަގައި މިކަމުގައި ބައިވެރިވި މީހުންނަށް އަބުދެވިއްޖެނަމަ ކޮރަޕްޝަނާ ފަސާދަ ވަރަށްބޮޑަށް މަދުވާނެކަމަށް ބެލެވެނީ އެހެން ނޫންނަމަ ކޮރަޕްޝަނާ ވައްކަމަކީ މިގައުމުގައި ޒީނަތްތެރި ކަމަކަށްވާނީ
ރުމާލް 2
06 August 2019
ޔާމީނު ސަލާމަތްކުރަންޖަހާ މަޅިއަކަށްވެސްވެދާނެ! ދައުލަތުން ފުންކޮށް މިކަމާ ވިސްނަވާނެ ކަމުގައި އުއްމީދުކުރަން.
disgusting
06 August 2019
ޙިޔާނާތަކީ ހިންގަވާ އެއްޗެއްނޫން، ހޭބަލިނުވޭ
ދާދޭ
06 August 2019
ކީއްތޯވީ ޚިޔާނާތް ފުރާވަޑައިގެންވެސްފާނެ ނޫންތޯ؟ ޚިޔާނާތްޕުޅަކަށްވެސް ވެދާނެ. މަނިކިފާނު ކިޔާނެ މީހުންގެ ނަމެއްގެ ގޮތިގައި، ދައުލަތުގެ މިސްޓަރުންގެ މަގާމަށް ދެވުނީމާ މަގާމުގެ މަތިވެރިކަމުން. ދެން ވާހަކަ ކިޔާއިރު ވާހަކައިގެ ބަޠަލުން ނުވަތަ ރަސް ކަލުން ނުވަތަ ރަސް ދަރިކަލުންނަށްވެސް. އަހަރެމެން ބޮޑު ޑްރަގް ލޯޑް އެސްކޮބާ އަށްވެސް ކިޔަނީ އެމަނިކުފާނު. މުޖުތިމް ނަތަންޔާހޫއަށްވެސް އެމަނިކުފާނު.
އިިސްމާލު
06 August 2019
ދުވަސްކޮޅެއް ފަހުން، އަހަރެން އިިއުތިިރާފްވީ ފުލުހުންނާއިި ދައުވާ ކުރާފަރާތް މަޖުބޫރުކޮށްގެންނޭ ނުބުނިިއްޔާ ރަނގަޅު.