ޓީޗަރުންތަކެއް، ޓީޗަރުންގެ ދުވަސް ފާހަގަ ކުރަނީ. އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވީ ބްލޮކް މޯޑް ގެ ކޯސްތަކުން ރަނގަޅު ޓީޗަރުން ތަމްރީނު ނުވާ ކަމަށް. ފައިލް ފޮޓޯ/މިހާރު
08 އޯގަސްޓް 2019 - 14:25
ބްލޮކް މޯޑަށް ހިންގާ ކޯސްތަކުން ޓީޗަރުން ރަނގަޅަށް ތަމްރީނު ނުވާ ކަމަށާއި ރަނގަޅު ޓީޗަރުން ތަމްރީނު ކުރުމަށް "ފޭސް ޓު ފޭސް" ތަމްރީނު މަދުވެގެން ތިން އަހަރު ވަންދެން ދޭންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރައީސްް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ތަމްރީނު ނުވެ ތިބި ގިނަ އަދަދެއްގެ ރިލީފް ޓީޗަރުންތަކެއް ވެސް ސްކޫލްތަކުގައި އެބަ ތިބި ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ. ތަމްރީނު ނުވެ ތިބޭ ޓީޗަރުން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައި ދިނުމަކީ އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުން ކިޔަން ފޫހިވެދާނެ ކަމެކެވެ.
"ރަނގަޅު މުދައްރިސަކު ކްލާސްރޫމަކަށް ވެއްދުމަށްޓަކައި ހަގީގަތުގައި އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ތިން އަހަރު ދުވަހު ފޭސް ޓު ފޭސްކޮށް އެ ޓީޗަރަށް ތަމްރީނު ދޭން. ބްލޮކް މޯޑަށް ހިންގައިގެން ނުވަތަ ސެމިސްޓާއެއްގައި ދެ ފަހަރު އައިސްފައި ލެކްޗަރާއަކާ ބައްދަލުކޮށްލާފަ އެ ކިޔަވައިދޭ ކިޔަވައިދިނުމަކުން ހަގީގަތުގައި ރަނގަޅު ޓީޗަރެއް ބިނައެއް ނުކުރެވޭނެ،" އައިިޝަތު އަލީ ވިދާޅުވި އެވެ.
އައިޝަތު އަލީ އަކީ ކުރިން މޯލްޑިވެސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަން އަދި ފަހުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި ޓީޗަރުން ތަމްރީނު ކުރެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.
ޕްރައިމަރީ ގްރޭޑްތަކަށް ބޭރު ޓީޗަރުން ގެންނަ ފެށުމުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ބޭރު ޓީޗަރުން ގެންނަން ނިންމީ ތަމްރީނު ވެފައިވާ ދިވެހި ޓީޗަރުން ނުލިބިގެން ކަމަށެވެ. އެގޮތުން ޓީޗަރުން ގެންނަނީ ހަމަ އެކަނި އިންޑިއާ އިން ނޫން ކަމަށާއި ސަރަހައްދީ އެހެން ގައުމުތަކުން ވެސް ޓީޗަރުން ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރައިމަރީ ގްރޭޑްތަކުގައި އެ ދަރިވަރަށް ކިޔަވައިދޭ އެއްޗެހި އެހާ ކޮލިޓީ ރަނގަޅު ނޫންކަމުގައި ވެއްޖެއްޔާ ސެކަންޑްރީ ގްރޭޑްތަކަށް ދިޔައިމަ ވެސް ހަމަ އެ ރިޕީޓްވެގެން ދާނީ. އެހެންވީމާ ފުރަތަމަ ބިންގާ ރަނގަޅުކުރަން އެބަ ޖެހޭ. އެހެންވީމާ އެގޮތުގެ މަތިން ވިސްނާފައި އަޅުގަނޑުމެން ބޭރުން ޓީޗަރުން ގެންނަން ނިންމީ. ނަމަވެސް ވަރަށް ބޮޑަށް މިނިސްޓްރީން ސަމާލުކަން ދޭނެ އެ ގެނެވޭ މުދައްރިސުންނަކީ ކޮލިޓީ މުދައްރިސުންކަން ކަށަވަރު ކުރަން،" އައިޝަތު އަލީ ވިދާޅުވި އެވެ.
ދިވެހި ޓީޗަރުން ތަމްރީނު ވާ މިންވަރު މަދުވެެގެން އުޅެނީ އޭނާ ވިދާޅުވި ގޮތުގައި އެ ދާއިރާއާ އެކަށީގެންވާ އުޖޫރައެއް ނުލިބޭތީ އެވެ.
"އެ މަގަށް ވިސްނާފައި ހަގީގަތުގައި އަޅުގަނޑުމެން ޓީޗަރުންގެ އިނާޔަތްތައް ރަނގަޅުކުރުމާ މުސާރަ ރަނގަޅު ކުރުމާ މިކަން ކަމަށް މި އެންފޯސް ކުރަނީ،" އައިޝަތު އަލީ ވިދާޅުވި އެވެ.
ކިޔަވައިދިނުމަކީ މީހުން ޝައުގުވެރިވާ ދާއިރާއަކަށް ހަދަން ސަރުކާރުން މަސައްކަތްކުރާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްޖާ
12 August 2019
މީނަ ބްލޮކްމޯޑު ކުދިންނަށް ކިޔަވައިދޭން އޯކޭ.. އެހެން ވީމަ ތިބުނަނީ އަމިއްލައަށް ކިޔަވައިދިން ކުދިންނަށް ވެސް އެއްޗެއް ނޭނގޭނެ އޭ ދޯ. ތިކަހަލަ ވާހަކަދެއްކީމާ ތިމާގެ އަގުވެސް ވެއްޓޭކަން ނޭނގޭތަ. ކުރާނެ ކަމެއް ނެތިއްޔާ ފައިސަލް ނަސީމް ފަހަތުން ތިހެން ދުވެ ދުވެ ހުރެބަލަ.
އެދުރުބޭބެ
08 August 2019
ރާއްޖޭގައި ތިޔަ ބުނާ ބުލޮކު މޯޑަށް ނުކިޔަވާ ފަރުޖެހޭނެ ގޮތެއް އެބައޮތްތަ؟ އެނޫންގޮތަކުން ރަށްރަށުގައި ތިބި މުދައްރިސުންނަށް ތަމްރީނު ދޭނެގޮތެއް އަޅެ ވިދާޅުވެބައްލަވާ! ތިޔަ ކިޔާ ބުލޮކަކަށް މަހަކު އެފަހަރު ގެނަޔަސް އެމުއްދަތަށް ގިނަ ރަށްރަށުގެ އިސްކޫލުތައް ބަންދުކުރާ ހާލަތަށްދޭ. ރަށްރަށުގެ އިސްކޫލުތަކުގެ ޕުރިންސިޕަލުން މިކަމަށް ހެކިވާނެ. ދެނޯ. ހުރިހާ ކޮޅަކަށް ވިސްނާ ބައެއްބާ އަޅުގަނޑުމެންނަކީ؟
ޓީޗަރެއް
08 August 2019
ކަމަނާ ހުންނެވި މަޤާމުގައި ހުންނަވައިގެން ކަމަނާގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަގުވަޒަން ނުކޮށް ތިގޮތަށް އެބޭފުޅުން ދަށްކޮށްލުން އެއީ ވަރަށް ދެރަކަމެއް
މުދައްރިސެއް
09 August 2019
ޙަޤީޤަތް ވާނީ ޙަޤީޤަތަށް ބޭފުޅާ ކިތަންމެ ރުޅިފުޅު ދުރުވިކަމުގައިވިޔަސް. އަހަރަކު އެންމެ ލެކްޗާއެއް ނަގައިގެން ބޮޑު ޑިގްރީ ސެޓުފިކެޓެއް ނެގިޔަސް ތަމްރީނުވީ ކަމަކަށް ނުބެލެވޭނެ. (ހަޤީޤަތުގައި ފިރި/އަނބިމީހާ ނުވަތަ ކޮއްކޮ/ރައްޓެެއްސެއް ލައްވާ އެސައިމެންޓުތައް ވެސް ހަދުވާފަ އޮންނަނީ)
ކާސިންޖީ
08 August 2019
ކުރީ ސަރުކާރުންކޮށްފައިހުރި އެއްކަމެއްވެސް މިސަރުކާރަކަށް ރަނގަޅެއް ނުވާނެ. ތިކިޔާ ގޮތަށް ވެއްޖިއްޔާ ބްލޮކްމޯޑް ތައާރުފްކުރެވިފައިވަނީ ކީއްވެ؟
ާއުނިމާ
08 August 2019
ދެން ބްލޮކްމޯޑް ކޯސްތައް މަނާކުރަން ހަޔާއެޑިޔުކޭޝަންއަށް އަންގަންވީނުންތޯ؟ ޔުނިވަރސިޓީ ތީ އެންމެ ގިނައިން ބްލޮކްމޯޑް ކޯސްތައް ހިންގާ ތަނަކީ! ފުރަތަމަ ރަނގަޅު ކުރަންވީ ދައުލަތުގެ ޔުނިވަސިޓީތައް؟ ބޮޑެތި ބަޖެޓްތައްވެސް ދީގެންވެސް ޕަރފޯމަންސް ނުދެއްކޭ!
ވަޖީހު
08 August 2019
ބްލޮކް މޯޑާ ހެދި ވަކީލުންގެ ހާލަކީވެސް ހަމަ ތިއީ. މި ބްލޮކް މޯޑަކީ އުވާލަންވެއްޖެ އެއްޗެއް. އެމް.ކިޔު.އޭ އަށް ހަމަ އޯކޭތަ؟
ހަކީމް
08 August 2019
"ބްލޮކް މޯޑް" އަކާއި ހެދި މުޅި ޤައުމު ޖީލެއް ހަލާކުވެ ހިގައްޖެ. ހުސް ޑިގްރީ ، މާސްޓާރޒް ހަދާފަ ތިބިމީހުން. މަތީ މަގާމުތަކުގައި މުޅިން ތިބީ މީގެ މިޙުން. އުޑެއް ބުޑެއް ނުއެނގޭ. ވާނުވާއެއް ނުއެނގޭ. އަދީބު ފިލައިގެން ގޮސް އިންޑިޔާ ފަޅުތެރެއަށް ވަންއިރުވެސް ، އިންޓެލިޖެންސް ވެފަ. ފުލުހުންގެ މުއައްސަސާ އަކީ މީގެ މީސާލެއް.
ޙަސްމުކް
09 August 2019
އެހެންނު ވާނީ އެސައިމެންޓު ތަކާ، އެހެނިހެން ފިލާވަޅުތައް ހަދުވަނީ އާއިލާގެ ކޮންމެވެސް އެހެން ކުއްޖެއް ލައްވާ.
ފުރުޓޭ
08 August 2019
ބޮލަކަށް ނޫން ކޮންމެ ގޮތަކަށްވެސް އެއްޗެއް ނުކިޔަވަވައި ދިންނަމަ އެމީހުން މިއަދު ތިބީހީ އަހަރުމެންގެ ދަރިނަށް ކިޔަވައިދޭން. މީގެ ކުރީންވެސް އިންޑިޔާ ލަންކާއިން ޓީޗަރުން ގެނައިމާ ނަތީޖާ މާގޯސް. މާ ފެންވަރުދަށް
ނާސިހްގެ ބައްޕަ
08 August 2019
އެހެންވީރު، ޑިގްރީއެއް ދެނީއޭ ނުކިޔާ އެހެން އެއްޗެކޭ ކިޔަންވީނު؟ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނޭ ނަމަވެސް؟
ޅިޔަނާ
08 August 2019
ގައުމަށް ހެޔޮއެދޭ މުވާތިނުންނަކީ ދުރާލާ އޮނިގަނޑު ޕްލޭންކޮށް އެ ތަންފީޒުކޮށް ވިލަރެސްކުރާ ބައެއް. މާދަމާ ޕޮލިސީ ސެކްޝަނުން ކަނޑައަޅާނެ ބްލޮކްމޯޑްކޮށް ކިޔެވިމީހުން ރެގިއުލާއަށް ބަދަލުވާން. މިއީ މިގައުމުގެ ކަންހިނގާގޮތް.ކަމަނާއެވެ. ކުރިޔަށްރާވާށެވެ.
ފުންއަސަރު
08 August 2019
އެއްބަޔަކު ބްލޮކްމޯޑުގަ ޑިގްރީ ނަގަނީ. އަނެއް ބަޔަކު ފުލް ޓައިމް ބޭނުންކޮށްގެން ޑިގްރީ ނަގަނީ. ދެމީހުން އަތުގާވެސް ޑިގްރީ. އެކަމަކު ރެޔެއް ދުވާލެއް ނުބަލާ ހަފްތާއަކު 5 ދުވަހު އެތަނަށްގޮސްގެން ކިޔަވާ ކުއްޖާގެ ފެންވަރަކާ ތަޖުރިބާތަކެއް ހުންނާނެ. ހަގީގަތަކީ ކުދިންނަށް ކިޔަވައިދޭން ތިގޮތަށް ތަމްރީން ދިނުމެކޭ އަމާބުނީތީ ފަރަށް ދިއުމެކޭ ހަމަ ދާދި އެއްގޮތޭ. ތީޗަރުންނަކީ ހަމައެކަނީ ޑިގްރީއެއް އޮވެގެން ކަމުދާނޭބައެއްނޫން. އެހެންވީމަ ތަމްރީންގެ ބައިމަދީ.