ބޯންމެރޯ ހެދި ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ މަނިޕާލު ހޮސްޕިޓަލުން ބޯންމެރޯ ހެދި ދިވެހި ކުއްޖަކު އަނެއްކާވެސް މިއަދު މަރުވެއްޖެ އެވެ.


މިއީ އެ ހޮސްޕިޓަލުން ތެލެސީމިއާ އަށް ދާއިމީ ފަރުވާ ހޯދުމަށް އޮޕަރޭޝަން ކުރި ފަހުން މަރުވި ދެ ވަނަ ކުއްޖާ އެވެ. ބޯންމެރޯއަށް ފަހު ފަރުވާ ދެނިކޮށް މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ފަސް އަހަރުގެ ކުއްޖަކު މަރުވެފަ އެވެ.

މި ދެ ކުދިންނަކީ ވެސް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި، ޒަކާތު ފަންޑުގެ އެހީން ބޯންމެރޯ ހެދި ކުދިންނެވެ.

އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ 19 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ މަރުވީ އޮޕަރޭޝަނަށް ފަހު ދިމާވި ކޮމްޕްލިކޭޝަންތަކެއްގެ ސަބަބުންނެވެ.

ބޯންމެރޯ އަށް ފަހު ފަރުވާއަށް ހަތަރު މަސް ދުވަހު އިންޑިއާގައި މަޑުކުރަން ޖެހެ އެވެ. އަދި އެއްކޮށް ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެހެންވެ އެ ކުދިން އަނބުރާ ރާއްޖެ އައުމަށް ފަހު ވެސް އެއް އަހަރު ދުވަސް ވަންދެން ވަރަށް ފަރުވާތެރިވާތެރިކަމާ އެކު ބަލަން ޖެހޭނެ އެވެ.

ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތެލެސީމިއާ އަށް ކުއްޖަކު ވަނީ މަރުވެފަ އެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް، ތެލެސީމިއާ ކުދިންގެ އުމުރާ ގުޅޭގޮތުން ފަރުވާ ބަދަލު ނުކުރާތީ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތެލެސީމިއާ އޮތް ހާލަތާ ގުޅޭގޮތުން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އުމުރާ އެއްވަރަށް ފަރުވާ ނުދިނުމުގެ އިތުރުން ހެދިބޮޑުވުމާއި ދަރިމައިވުމުގެ ސިއްހަތުގެ ފަރުވާ ވެސް ނުދޭ ކަމަށެވެ. އޭގެ ސަބަބުން ތެލެސީމިއާގެ ބޮޑެތި މީހުންނަށް އެކި ވައްތަރުގެ ކޮމްޕްލިކޭޝަންތަކާ ކުރިމަތިލާން ޖެހުން ހިމެނެ އެވެ. އެކަމުގެ ނަތީޖާ އަކީ، ތެލެސީމިއާ ސޮސައިޓީން ބުނިިގޮތުގައި ފުރާނައަށް ނުރައްކާވެ، އުމުރުގެ އެންމެ އުފެއްދުންތެރި ދުވަސްވަރު މަރުވުމެވެ.