ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގި ހަ ޓެކްސީއެއް އިއްޔެއާ ހަމައަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ މާލޭ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގުތައް ކަނޑައަޅައި، އެ އުސޫލަށް އަމަލު ކުރަން ފަށައިފަ އެވެ. އާ އުސޫލު ބުނާ ގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދުގެ ދަތުރަކަށް އެންމެ ބޮޑުކޮށް ނެގޭނީ 75ރ. އެވެ. އޭގެ ކުރިން އެ ދަތުރުތަކަށް ޓެކްސީ ޑުރައިވަރުން ދިޔައީ 100ރ. އަށް ވުރެ ބޮޑުކޮށް ނަގަމުންނެވެ.
ސަރުކާރުން ކަނޑައެޅި އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޑްރައިވަރުން ވަނީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ.
ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ޓެކްސީ ޑުރައިވަރުން ފައިސާ ނަގާތޯ ބެލުމަށް މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
އެ އުސޫލާ ހިލާފަށް ބޮޑު އަގު ނަގާ މީހެއް ނަމަ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދަށުން 750ރ. އިން ޖޫރިމަނާ ކުރެވެ އެވެ.
ޓެކްސީގެ އަގުތަކުގެ އިތުރުން ފުލުހުންގެ އޮޕަރޭޝަންގައި ރޯޑް ވާދިނަސް މިންގަނޑަށް އުޅަނދުތައް ފެތޭތޯ އާއި އުފެއްދިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް ދަތުރު ކުރޭތޯ ވެސް ބަލަ އެވެ. ނަމަވެސް އެފަދަ އުޅަނދަކާ މެދު ފިޔަވަޅު އެޅި ކަމެއް ފުލުހުން ނުބުނެ އެވެ.