ކުރީގެ ނައިބު ރައީސް ޖިހާދު އުޅުއްވާ ފްލެޓް ހުސްކުރަން އަންގައިފި

ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި، ރެހެންދި ފްލެޓް އިމާރާތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި ދެ ފްލެޓް ހުސްކޮށް ސަރުކާރާ ހަވާލު ކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.


"މިހާރު" އަށް އެނގިފައިވާގޮތުގައި މި މަހުގެ އެއް ވަނަ ދުވަހު ހައުސިން މިނިސްޓްރީން ޖިހާދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހަތް ދުވަހުގެ ތެރޭގައި ފްލެޓް ހުސްކުރުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެ އެޕާޓްމަންޓަކީ ދައުލަތުގެ ތަނަކަށް ވާތީ އެ ތަން އެގޮތަށް ބޭނުން ނުކުރެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާތީ އެވެ.

ހުސްކުރަން އެންގި މުއްދަތު މިދިޔަ ބުދަ ދުވަހަށް ހަމަވެފައި ވިޔަސް ހައުސިން މިނިސްޓްރީ އާއި ޖިހާދުގެ ބަހެއް ވެސް ނުލިބޭތީ، ހުސްކުރިކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނޫނެވެ.

އޭސީސީން ވަނީ އެ ދެ ފްލެޓް ޖިހާދަށް މިލްކުކޮށްދޭން ރައީސް އޮފީހުން ކުރި މަސައްކަތް ވެސް ކުރިން ހުއްޓުވައިފަ އެވެ. ޖިހާދަށް އެ ދެ ފްލެޓް މިލްކުކޮށްދޭން ރައީސް އޮފީހުން ހުށަހެޅީ ސެޕްޓެމްބަރު 23، 2018 ގައި، ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ.

އަމިއްލަ ފަރާތަކުން އިމާރާތްކުރި ރެހެންދި ދެ އިމާރާތުން ސަރުކާރަށް 10 ތަނެއް ލިބުނެވެ. އެތަނުން އަށް ތަނެއް މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވިއްކުމަށް ފަހު، ބާކީވި ދެ ފްލެޓް 2016 ގައި ހަމަޖެއްސީ ނައިބު ރައީސް ޖިހާދު ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގަ އެވެ. ނައިބު ރައީސްގެ މަގާމު ގެއްލިވަޑައިގެން ފަހުން ވެސް ޖިހާދު އުޅުއްވީ އެ އެޕާޓްމަންޓުގަ އެވެ.

ރައީސް ޔާމީންގެ ތިން ވަނަ ނައިބަކަށް ޖިހާދު ހަމަޖެއްސެވިއިރު، އެމަނިކުފާނު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ނެތެވެ. ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްތައް ހިންގަވާ އޮފީހެއްގެ ގޮތުގައި މުލިއާގެ ބޭނުން ކުރެއްވީ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ.