ހައްޖުވެރިން އައުމާ ދިމާކޮށް ފެތުރިދާނެ ބަލިތަކަށް ސަމާލުވާން އެދެފި

ހައްޖު މޫސުމުގައި ކޮންމެ އަހަރަކު ވެސް ބަލިތައް ފެތުރޭތީ، އެކަމަށް ސަމާލުވެ ބަލިތަކުން ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.


އެޗްޕީއޭ އިން ބުނި ގޮތުގައި ހައްޖުން އައުމަށް ފަހު ހުން އައިސް، ރޯގާ ޖެހި، ކެއްސައި އަދި ނޭވާލާން އުނދަގޫކަން ފާހަގަކުރެވިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ. ހައްޖަށް ގޮސް އަންނަތާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެ އަލާމާތްތަކަށް ސަމާލުވުން މުހިންމުކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ. އަދި ޑޮކްޓަރަށް ދައްކާ އިރު، އެ މީހަކީ ހައްޖު ނުވަތަ އުމްރާ އިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުން މުހިއްމު ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް

ހުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަ ނަމަ ގޭގައި ހޯދޭނެ ފަރުވާތަކުގެ ތެރޭގައި ދިޔާތަކެތި ގިނައިން ބުއިން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ އިތުރުން ކަޅުސަޔާއި ލުނބޯ އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން ރަނގަޅު ކަމަށް ވެސް ބުންޏެވެ. ނަމަވެސް ޑޮކްޓަރުގެ ލަފާއަކާ ނުލައި ޕެރަސެޓަމޮލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރަން ވަނީ ލަފާ ދީފަ އެވެ.

ބަލި ފެތުރުން މަދުކުރަން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ކެއްސައި ކިނބިހި އަޅާ އިރު، އަނގަ އާއި ނޭފަތް ނިވާކުރުމާއި ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ހާމަ ތަންތަނުގައި ނުބަހައްޓާ، ރައްކާތެރިކަމާ އެކު ނައްތާލަން ވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.