ޒިކުރާ މިސްކިތުގެ ކޮރަޕްޝަން މައްސަލަ މަޖިލީހަށް!

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް ބުނެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.


މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ މިހާރު ސަސްޕެންޑްކޮށްފައިވާ، އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އެވެ.

"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 9، 2018، ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމީ ސަރުކާރުންނެވެ.

ކުރީގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުގައި އޮތީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ގޮތާއި ދައުލަތަށް ލިބޭ ގެއްލުން ބަޔާންކޮށް މަޖިލީހަށް ހުށަހެޅި، "މިހާރު" އަށް ކޮޕީ ލިބިފައިވާ ރިޕޯޓުގައިވާ ގޮތުން ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށެވެ.

އެ ރިޕޯޓުގައި ލިއެފައިވާ ގޮތުގައި ޒިކުރާ މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކުރުމުގެ ކުރިން އެސްޖޭއާ ބިން ހަވާލުކޮށްފަ އެވެ. ވަގުފު އިމާރާތެއްގެ ގޮތުގައި ޒިކުރާ މިސްކިތް އިމާރާތް ކުރަން ހަމަޖައްސާފައި އޮތަސް އެފަދަ އެއްބަސްވުން އެކުލަވާލާފައިވާ ގޮތުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް ރިޕޯޓުގައިވެ އެވެ.

"ވަގުފް އިމާރާތަކުން ދައުލަތަށް ލިބެންޖެހޭ އެއްވެސް ފައިދާއެއް 13 އަހަރުގެ ތެރޭގައި ނުލިބޭ،" ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި ބުނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ފޮނުވަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެ މަޝްރޫއުގެ ފައިދާގެ ގޮތުގައި 10 އަހަރުގެ ކުލިން 24 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްބަސްވުން ބުނާގޮތުން، މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭ އަށެވެ.

މިނިސްޓްރީ އަށް ލިބޭތިން ފްލޯ ބޭނުން ކުރާގޮތަށް އޮތީ މިސްކިތުގެ ގޮތުގަ އެވެ. އިކުއިޓީގެ ގޮތުގައި މިނިސްޓްރީން ދެއްކި 30 މިލިއަން ވެސް އެންމެ އަވަހަށް ލިބޭނީ 13 އަހަރު ފަހުން ކަމަށް ރިޕޯޓުގައިވެ އެވެ.

އިކުއިޓީ ފައިސާ ހޯދަން ކޮންޓްރެކްޓަރު ފޮނުވި ސިޓީގައި ވެސް މަކަރާއި އޮޅުވާލުން ހިމެނޭ ކަމަށް ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.

އެސްޖޭއާ އެކު އިސްލާމިކް މިނިސްްޓްރީން އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ އެވެ. ނަމަވެސް އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ވި އިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.