ކުރީގެ ރައީސް ޔާމީނާއި އަދީބު: ޔާމީނަށް ދެކޮޅަށް ދައުވާކުރާ މައްސަލާގައި އަދީބުގެ ހެކިބަސް މާދަމާ ނަގަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/ރައީސް އޮފީސް
21 އޯގަސްޓް 2019 - 21:47
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ޝަރީއަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގަން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރު ކުރުވި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އޭގެ އަސްލު އޮޅުވާލީ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
އެ މައްސަލާގެ މާދަމާ ބާއްވާ އަޑުއެހުމުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި ހިމެނޭ އަދީބުގެ ހެކިބަސް ނަގަން ހަމަޖައްސާފައި ވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ދައުލަތާއި އޭނާއާ ދެމެދު ވަނީ ހަދައިފަ އެވެ.
އެ އެއްބަސްވުން ހެދުމަށް ފަހު އަދީބު ފިލައިގެން ރާއްޖެ ބޭރަށް ވަޑައިގަންނަވަނިކޮށް އޭނާ ރާއްޖެ ގެނެސް، ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދީބު މިހާރު ބަންދުގައި ހުންނެވީ އޭނާއާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ޅ. މާބިންހުރާގެ ޚިޔާނާތުގެ މައްސަލައިގަ އެވެ.
އަދީބުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ވެސް މާދަމާ ނަގަން ހަމަޖައްސައިފައިވެ އެވެ. އަދި ކުރިން ވެސް އެ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހާޒިރުކުރި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ވެސް މާދަމާ ނަގަން ވަނީ ހަމަޖައްސައިފަ އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް މާދަމާ ނަގާއިރު، އެ ދެ ބޭފުޅުން ޔާމީނާ މެދު އަދާވާތްތެރިކަން އޮވެދާނެތީ އެ ބޭފުޅުންގެ ހެކިންގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅަން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ކުރިން އެދުނެވެ. އެކަމަކު ކޯޓުން ނިންމާފައިވަނީ އެ ދެ ބޭފުޅުންގެ ހެކިބަސް ނެގުމަށެވެ.
އެ މައްސަލައިގެ ޝަރީއަތް ޓީވީން ވަގުތުން ލައިވް ކުރަން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެނީލާ
22 August 2019
ކިހާ ދެރަކަމެއް! ޝަރީޢަތް ފަށާ ގަޑި ކޮބާހޭ؟؟
އަނިޔާވެރިޔާ
22 August 2019
ޔާމީނު ކޮށްފައިވާ އެއްމެ ބޮޑެތި ކުށް ތަކަކީ މުވައްސަސާ ތަކަށް ނުފޫޒް ފޯރުވާގެން ދައުލަތުގެ ވެރިން ލައްވާ ޤާނޫނާ ޤަވާއިދާ ޚިލާފު ކަން ތަށް ތަކާއި ހުކުމް ތަށް ކުރުވިމެޗެ. ބައެެއް މުވައްސަސާ ތަކަށް ސީދާ ޔާމީނު ބިރުދައްކަވައި ނުފޫޒް ފޯރުވި ކަމަށް އަޅުގަޑު ހެކި ދޭނަމެވެ. އަޅުގަޑު ކުށްވެރި ވިޔަސް ހެޔޮ އެވެ.
އެކަން ނިމުނީ
22 August 2019
ތިކަން އަވަހަށް ނިންމާލާފައި ތީނަ ޖަލަށް ލާބަލަ.. އަދި ދެންހުރި ބޮޑެތި ޝަރީޢަތް ތަށް ފަށާ ބަލަ..
ރަށުމީހާ
22 August 2019
ކޮންހެއްކެތްނަގަން ފައިސާވަނީދޫވެސްސައްކަން އަމިއްލްފުޅުން އެއްބަސްވެވިފާ ވާއިރު ކޮންހެއް ކެއްތަ މިހާރު ނިކަމެތި މީހަކު ނަމަ އެމީހަކު އޮންނާ ނީޖަލުގާ
ރޮޑު
22 August 2019
ބަލާބަލަ ދައުލަތް މަޅާލައިގެން ހެވިފަ އިންވަރު....
ސަންދާނު މޮޔަމީހާ
22 August 2019
އަދީބުކީ ރައީސްޔާމީނުގެ ޖާނީދުސްމަނެއް އަދީބުގެ މައްޗައް ތުހުމަތު އެބަކުރެވޭ ރިލްވާނު ގެއްލުވުމުގެ އެކަހަލަ ބޮޑުހާއިނަކު ދޭހެކިބަހެއް ރައްޔަތުން ގަބޫލެއްނުކުރާނެ ނުވެސްކުރެވޭނެ ބަޔަކު ބަޔަކައް ހީވާކަހަލަ ރައީސްޔާމީނުގެ ފަހައްޕުޅުގަ ބަޔަކުނެތްކަމައް ދުވަސްވާވަރަކައް ރައީސްޔާމީނުގެ ސަޕޯޓަރުން އިތުރުވަނީ ސަރުކާރު ހިންގަންތިޔައުޅޭ ނާގާބިލު ގުޜޫޕު ބޭޒާރުވެ ބޭކަރާރުވަނީ
ނނ
22 August 2019
ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން އަދީބު ވަރެއް ނޯންނާނެ.އާފަހެ.މިވެސްދެން އިންސާފުވެރި ޝަރީއަތެއް ކުރަނީދޯ! ބޯހަލާކު!
ބަބުރަންޖީ ހާޖީ
22 August 2019
ބޮޑުމީހާގެ ނަން ކިއުމަށްފަހު ކުޑަޔަށްތިބި އެންމެންގެ ނަންތައްވެސް ކިޔާތި.
އަސީލު
22 August 2019
މިއުޅެނީ އެސްކްރޯ އެކައުންޓެއް ހަދަން... ނެތްތަ މިލިއަނެއް ޖަމާކޮށްދޭނެ ހެޔޮ އެދޭ މަސް ފެކްޓްރީއެއް ހިންގާ ފަރާތެއް..
ކަލަމިންޖާ
22 August 2019
ވައްކަމަކީ ވާރުތަވާ ބައްޔެއްތަ؟ ނޫނީ ސިޔާސީ މީހުންގެ ތެރޭގައި ފެތުރޭ ވައިރަސް އެއްތަ؟؟؟ ޢެހެން މިބުނީ ، އެޕް.ޕީ.އައި.ޑީ، މޯލްޑިވްސް ޝިފިންގ ލައިން، އެއަރ މޯލްޑިވްސް، އަދި ވެސް މިނޫން ސަރުކާރު ތެރޭގައި ހިގާފައި ހުރި ވައްކަންތައް ކޮށްފައި ހުރީ ސިޔާސީ މީހުންކަމަށް ވާތީ.. ސިވިލް ސާވިސްގައި އުޅޭ އާދައިގެ މުވައްޒަފެއް ކުރިނަމަ މިހާރު އެމީހަކު މާފުށީ ކުޑަ ގޮޅިން އާސަހަރާއަށް ބަދަލު ކުރިތާ ކިތަންމެ ދުވަހެއް!!!! މިވައްކަން ކިހާ ވަރަކުން ދާނެބާ؟؟؟