22 އޯގަސްޓް 2019 - 11:49
ސްކޫލް އެސެމްބްލީގައި ޤުރުއާން ކިޔެވުމަކީ ޖިއާންގެ ހުވަފެނެކެވެ. އެކަމަކު އެ ހުވަފެން ހަގީގަތަކަށް ވުމުގެ ކުރިން މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޑިސެމްބަރު މަހު އެ ކުއްޖާ ވަނީ މަރުވެފަ އެވެ.
ޖިއާންގެ އެ އުއްމީދު، ކޮންމެވެސް ގޮތަކުން ފުރިހަމަކޮށްދޭން އޭނާގެ މައިންބަފައިން ބޭނުންވެ އެވެ. އެގޮތުން އޭނާގެ ނުވަ ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ފ. ނިލަންދޫ ތައުލީމީ މަރުކަޒުގެ އެސެމްބްލީ މިއަދު ފެށީ ޖިއާން ކިޔާފައިވާ ޤުރުއާންގެ ރެކޯޑިން އިން، އިއްވައިގެންނެވެ.
ނިލަންދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ޖިއާންގެ މަންމަ، ޑރ. ފަރްޒާނާ ހުސައިން ބުނީ އެ ސެމްބްލީގައި ޤުރުއާން ކިޔަވަން ޖިއާން ގިނަ ސޫރަތްތަކެއް ހިތު ދަސްކުރި ކަމަށެވެ. އެއީ އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ތައްޔާރުވެފައި ހުރުމަށް ކަމަށް އޭނާ ބުންޏެވެ.
ޖިއާން: އޭނާ މަރުވީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން
މިއަދުގެ އެސެމްބްލީއަށް ފަހު ޖިއާންގެ ކޮއްކޮ، އަޒާން ވަނީ، ޖިއާންގެ އުފަން ދުވަހަށް ތައްޔާރުކުރި ހަދިޔާ އޭނާއާ އެކު މިދިޔަ އަހަރު ގްރޭޑު ދޭއްގައި ކިޔެވި ކުދިންނަށް ދީފަ އެވެ. ޗޮކްލެޓް ވޭފާ ރޯލްއާ އެކު އޭގައި ވަނީ ޖިއާންގެ މަރަށް އިންސާފު ހޯދައިދޭން އެދިފަ އެވެ.
ޔުނީކޯނަށް ގަޔާވާ ޖިއާންގެ ނުވަ ވަނަ އުފަން ދުވަހުގެ ތީމަކީ ވެސް އެއީ އެވެ.
"ޗޮކްލެޓުގައި ޖިއާން އުފަން ދުވަހުގެ ސްޓިކާ ތަތްކޮށް އެ ބެހީ އަޒާން. ޖިއާންއާ އެކު އެއް ކްލާހުގައި ކިޔެވި ކުދިންނާއި އެ ބެޗުގައި ކިޔެވި ކުދިންނާއި ޕްރިންސިޕަލް އަދި ޓީޗަރުންނަށް ވެސް އެ ހަދިޔާ ދީފައި ވަނީ،" ޑރ. ފަރުޒާނާ ބުންޏެވެ.
ހާއްސަ މުނާސަބަތުތަކުގައި ރެސްޓޯރެންޓަށް ދިއުމަކީ ޖިއާން ލޯބިކުރާ ކަމެކެވެ. އެހެންވެގެން މިއަދު ހެނދުނު އެ އާއިލާއިން ވަނީ ބޭކަރީއެއްގައި ވެސް ޖިއާންގެ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.
"ލޯބިވާ ދަރިފުޅަށް އުފާވެރި އުފަން ދުވަހަކަށް އެދެން... މަންމަ އާއި ބައްޕަ އަދި އަޒާން ވަނީ ޖިއާންގެ އުފަން ދުވަސް ފާހަގަކުރަން ރައްޓެހިންނާ އެކު ޕާޓީއެއް އިންތިޒާމްކޮށްފައި. ޖިއާން ވަރަށް އުފަލުން ހުރިކަން މަންމައަށް އެނގޭ،" ފަރްޒާނާ، އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.
ޖިއާންގެ މިދިޔަ އަހަރުގެ އުފަން ދުވަސް ފާހަގަކުރުމުގެ ތެރެއިން
"ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވޭ. އެކަމަކު ކުރިއަށް ދިއުމަށް އެހީތެރިވަނީ އެންމެ ކަމެއް. އެއީ މަންމަ އާއި ބައްޕަ އަދި އަޒާން. ކޮންމެ ތަނެއްގައި ހުއްޓަސް އުފަލުން ހުންނާނެކަން ޔަގީން."
ޑިސެމްބަރު 17 ގައި ކުރިމަތިވި ހިތާމަވެރި ހާދިސާ ހިނގީ، ވިޔަފާރި ދަތުރެއްގައި މާލެ އައިސް، ސައި ބޮއިިގެން ހިނގާފައި ދަނިކޮށެވެ.
އެ އިމާރާތް ހަދަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަންގެ ހަ މީހަކާ ދެކޮޅަށް މިދިޔަ ފެބްރުއަރީ މަހު ޕީޖީން ވަނީ ދައުވާއުފުލައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް އެބަ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން އަލީ
23 August 2019
ކުއްޖާ އެވަނީ ﷲ ގެ ހަޒްރަތުގައި. ދުނިޔެދޫކޮށްފައިވާ ކުއްޖެއްގެ ބާތުޑާ ފާހަގަ ކުރުމަކީ ހަމަ ރަނގަޅު ކަމެއްބާއޭ ހިތަށްއަރާ. އިންސާފުހޯދަން ޕްރެޝަރ ކުރަން ވަރަށް ގިނަ އެހެން ގޮތްގޮތްވެސް އެބަހުރި.
އަހްމަދު
22 August 2019
އެމައްސަލައިގެ އަޑު އެހުންތައް ކުރިއަކަށްނުދޭ. މައްސަލައޮތީ ކޯޓުގައި.
ދިވެހިދަރި
22 August 2019
ރޮވިއްޖެ... މާތްﷲ ޒިއާންގެ ފުރާނައަށް ސުވަރުގޭގެ ބާއްޖަވެރި ނިޢުމަތް ދެއްވާށި. އަދި ޢާއިލާ އަށް ކެއްތެރިކަން ދެއްވާ އުފާ ފާގަތިކަން ދެއްވާށި.... އާމީން!
ަސދަސދ
22 August 2019
އިންސާފު ލިބޭނީ ވަކި ބަޔަކަށް. އެއީ ހުރިހާ މީހުންނަށް އޮތް ހައްގެއްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެކުއްޖާގެ މަރަށް އިންސާފު ލިބޭނީ ގިޔާމަތް ދުވަހުން. އެއިރުން ތިކަމުގައި ފަރުވާ ކުޑަކުރި ހުރިހާ މީހުންނަޢި މައްސަލައިން ބޯދަމައިގަތް މީހުންނާއި މައްސަލަ ބެލުމުގައި އިހްމާލްވި މީހުންނަށް ހައްގުވާ އަދަބު ލިބެގެންދާނެ.
ބިސްބޮންގޮންގް
22 August 2019
ހެޔޮނުވާނެ ޖިއާންގެ އާއިލާއަށް އިންސާފުހޯދައިދީބަލަ! ލޯބިލޯބި ކުއްޖެއް ދުނިޔެއިން ވަކިވެދިއަތާ އަހަރުތަކެއްވާއިރުވެސް ޝަރީއަތް ބަރަވެލި ސްޕީޑުގަ؟ ކޮންކަހަލަ ގައުމެއްހޭމީ؟ އެކުންފުނިން މަރުގެ ދިޔަ ނަގައިދީ އެއާއިލާއަށް ބަދަލު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ފަނޑިޔާރުގޭގެ މައްޗަށް ވާޖިބެއް! ތި ކުންފުނީގެ ވެރިންގެ މައްޗަށްވެސް ދައުވާ ކުރެވެންޖެހޭ، މިކަހަލަ އެހެން ހާދިސާއެއް ހިނގިޔަނުދިނުމަށްޓަކައިވެސް
ބަރަވެލި
22 August 2019
ލޯބިނުވިއަސް ކުއްޖަކުވާނީ ހަމަ ކުއްޖަކަށް...ކޮންމެ ކުއްޖަކަށްވެސް މިހާކަށް އިންސާފް ލިބެން ޖެހޭނެ.
ނުބު
22 August 2019
ރޮވިިިއްޖެ
އިހޫ
22 August 2019
ރޮވިއްޖެ.. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އަދި ތުއްތު ފުރާނައަށް ހެޔޮ ރަހުމަތް މިންވަރު ކުރައްވާށި.