ކުޑަކުދިންނާ ގުޅޭ އެކި ބާވަތުގެ 105 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
ކޮންމެ މަހަކު ވެސް އެ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކުގެ އަދަދުތައް އެތަނުން އަންނަނީ އާންމު ކުރަމުންނެވެ. އެތަނުން ބުނީ މިދިޔަ މަހަށް ވުރެ ޖޫން މަހު ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގެ އަދަދު ގިނަ ކަމަށެވެ. ކުޑަކުދިންނާ ގުޅޭ 125 މައްސަލައެއް އެ މިނިސްޓްރީ އަށް ޖޫން މަހު ހުށަހަޅާފައި ވެ އެވެ.
ޖޫން މަހާ އަޅާބަލާއިރު، މިދިޔަ މަހު ހުށަހަޅާފައިވާ ޖުމްލަ އަދަދުގެ މައްސަލަތައް ވެސް މަދެވެ. ޖޫން މަހު އެ މިނިސްޓްރީއަށް 241 މައްސަލައެއް ހުށަހަޅާފައިވާ އިރު، މިދިޔަ މަހު އެތަނަށް ހުށަހަޅާފައި ވަނީ 214 މައްސަލައެކެވެ. މިއީ 11 ޕަސެންޓުގެ ތަފާތެކެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ފަދަ 34 މައްސަލައެއް އެތަނަށް ރިޕޯޓުކޮށްފައިވާ އިރު، އިހުމާލުގެ 25 މައްސަލަ އާއި ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ އާއި ނަފްސާނީ ހާނިއްކައިގެ 11 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ. އަދި އެހެން ކުދިންގެ ފަރާތުން ބުލީ ކުރުމާއި ފުރައްސާރަކުރުމުގެ އަށް މައްސަލައަކާއި ކުދިންގެ ވަގު ވިޔަފާރިކުރުމުގެ އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ.
މީގެ އިތުރުން ކުދިންގެ ހައްގުތަކާ ބެހޭ ހަތަރު މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެކި ބާވަތުގެ ކުށްކުރާ ތިން ކުޑަކުއްޖެއްގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
މިދިޔަ މަހު އެ މިނިސްޓްރީ އަށް އާއިލީ 27 މައްސަލައެއް ހުށަހަޅާފައިވާ އިރު ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލައަކާއި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެތަނުން ބުންޏެވެ. ކުދިންނަށް ހަރަދު ދިނުމާ ގުޅޭ ތިން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
މި އަހަރުގެ ޖުލައި މަހާ ހަމައަށް ޖުމްލަ 1613 މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ އިރު، އެންމެ ގިނަ މައްސަަލަ އެތަނަށް ހުށަހަޅާފައި ވަނީ ޖެނުއަރީ މަހެވެ. އެ މަހު އެ މިނިސްޓްރީ އަށް 274 މައްސަލައެއް ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރެއިން 128 މައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ.