އުކުޅަހުގައި ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކްފެއާ ފަށައިފި

އިންސްޓްޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރިކްސް އިންޖިނިއާސް އިން އއ. އުކުޅަހުގައި ބާއްވާ ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސާއި އުގައިލް ފައުންޑޭޝަނުން ބާއްވާ ޓެކްފެއާ މިއަދު ފަށައިފި އެވެ.


އުކުޅަހުގައި މިއަދު ހުޅުވި ކޮންފަރެންސް ސެންޓަރުގައި މި މަހު 29 އާ ހަމައަށް ކުރިއަށް ގެންދާ ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކް ފެއާ ރަސްމީކޮށް ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާންކަމަށާއި މަސައްކަތް ހަލުވިކުރުމަށާއި މަސައްކަތްތައް ފަސޭހަކުރުމަށް ބޭނުންވަނީ ސައިންސާއި ޓެކްނޮލޮޖީ ކަމަށެވެ.

"އަޅުގަނޑުމެންގެ ގިނަ ރަށްތަކެއް ހިމެނޭ ގޮތަށް އުފެދިފައިވާ މި ޖަޒީރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަރައްގީއާ ބައިވެރިވުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ތާރީހާއި ތަރިކަ އާއި ސަގާފަތް ރައްކާކޮށް ހިމާޔަތްކުރުމުގައި ވެސް ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އިންސްޓްޓިއުޓް އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއާސް އިން ކޮންމެ އަހަރަކު ބާއްވާ ސައިންސްވެރިންގެ މި ކޮންފަރެންސް އުކުޅަހުގައި ބޭއްވުމަކީ އުގައިލް ވިދާޅުވި ގޮތުގައި މި ރަށަށާއި ރާއްޖެ އަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެކެވެ. އެގޮތުން މިކަމުން ރާއްޖެ އަށް ކޮންފަރެންސް ޓޫރިޒަމް ތައާރަފްވެގެން ދިއުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮންފަރެންސް ކުރިއަށްދާ ކޮންމެ ދުވަހަކު އުކުޅަހަށް އެއް މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކޮންފަރެންސް ހުޅުުވުމުގެ ރަސްމިއްޔާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސޮފްޓްވެއަ ނޮލެޖް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް އެޕްލިކޭޝަންސް (ސްކިމާ 2019) ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގައި އިލްމީ ގޮތުން މަތީ ފަންތީގައި ހިމެނޭ 75 ބޭފުޅަކު ބައިވެރިވެ ވަޑައިގަނެ އެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ 48 ސައިންސްވެރިންނާއި ޓެކްނިކަލް މީހުން ހިމެނޭނެ އެވެ. ކޮންފަރެންސްގެ ރާއްޖޭގެ މައި ސްޕޮންސަރާ އަކީ އުރީދޫ މޯލްޑިވްސް އެވެ.

ސްކިމާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕްރޮފެސަރު ހަސަން އުގައިލް ވާހަކަ ދައްކަވަނީ. ފޮޓޯ:ހުސައިން ވަހީދު/މިހާރު

ސްކިމާ ކޮންފަރެންސާ އެކު މިއަދު ފެށި ޓެކްފެއާގެ ބޭނުމަކީ އުގައިލް ފައުންޑޭޝަނުން ބުނިގޮތުގައި ޓެކްނޮލޮޖީގެ ދާއިރާ އިން ދިވެހިން ހޯދާ ކުރިއެރުންތައް އެއް ތަނަކުން ދައްކައިލުމާއި ބައިނަލްއަގުވާމީ ސައިންޓިސްޓުންގެ އިރުޝާދު އެ އުފެއްދުންތަކަށް ހޯދައިދިނުމެވެ.

ޓެކް ފެއާގައި 26 ފަރާތަކުން ސްޓޯލްތައް ހަދާފައި ވާއިރު އޭގެ ތެރޭގައި އުރީދޫ އާއި ވެމްކޯގެ އިތުރުން އެހެން ބައެއް ކުންފުނިތަކާއި ދައުލަތުގެ ވުޒާރާތައް ހިމެނެ އެވެ. އުރީދޫން ފެއާގައި ހުޅުވާފައިވާ ސްޓޯލްގައި ދައްކާލަން ބަހައްޓާފައި ވަނީ ތިން އުފެއްދުމެކެވެ. އެއީ ދަތުރުފަތުރުގެ ހިދުމަތް ހޯދަން ފަސޭހަކުރަން ތަރައްގީކުރަމުން އަންނަ އެޕްލިކޭޝަނެއް ކަމަށްވާ "ކުނބު" އަދި ވިޔަފާރި އަށް ހާއްސަ "މޫލީ" އަދި އުރީދޫގެ ކަސްޓަމާ ކެއާ ފަސޭހަ ކުރުމަށް ހަދާފައިވާ އެޕްލިކޭޝަނެކެވެ.

ވެމްކޯގެ ސްޓޯލްގައި ދައްކާލަން ބަހައްޓާފައި ހުރީ އެ ކުންފުނިން ހިންގަމުން އަންނަ، ރިސައިކަލްކޮށް އަލުން ބޭނުން ކުރުމުގެ މަސައްކަތުގެ އުފެއްދުންތަކެވެ. އެގޮތުން އުކާލާ ޕްލާސްޓިކުން އުފައްދާފައިވާ ޓައިލްސް އާއި ލައިޓް ހޯލްޑާ ފަދަ އުފެއްދުންތައް އެ ސްޓޯލްގައި ބަހައްޓާފައި އެބަހުއްޓެވެ.