ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ރިޕޯޓް މަޖިލީހުގެ ރައީސަށް އަރުވައިފި

މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ޑްރާފް ރިޕޯޓް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު އަރުވައިފި އެވެ.


އެ ރިޕޯޓް ނަޝީދާ ހަވާލުކުރީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއެކު މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. ނަޝީދު ވަނީ އެ ރިޕޯޓްގެ ކޮޕީތައް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުންނަށް ދެއްވައިފަ އެވެ.

ސުއޫދާއި ނަޝީދު ބައްދަލު ކުރެއްވުން---

ސުއޫދު އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލައިފަ އެވެ. ސުއޫދު ވިދާޅުވިގޮތުގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

މި ތަހުގީގަށް އިޝާރާތްކުރައްވައި، ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާހަގަވި ކަންކަމަށް އަވަހަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ހަރުކަށި ފިކުރުގެ މީހުންނަށް ނިސްބަތްކޮށް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ވަކި ހިއްޕާލާފައިވާ "އަނދިރި ދައުލަތް" އެއްކޮށް ރޫޅާލަންޖެހޭ ކަމަށެވެ. ފުލުހުން ފުރިހަމަ އަށް ދައުރު އަދާކުރަންޖެހޭ ކަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓް---

ނަޝީދު މިއަދު ވަނީ ރިލްވާންގެ އާއިލާއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ދީނީ ހަރުކަށި ވިސްނުމުގެ މީހުން ރާއްޖޭގައި އުޅޭ ގޮތާއި އެ މީހުންގެ އަމަލުތައް ހުންނަ ގޮތުގެ ތަފްސީލު ވެސް އިއްޔެ ސުއޫދު ވަނީ ދެއްވައިފަ އެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ވައްކަންތަކުގައި ވެސް އެ މީހުންގެ ދައުރު ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބައެއް ވިޔަފާރިތައް ހިންގައިގެން ލިބޭ ފައިސާ ޓެރަރިޒަމަށް ހަރަދުކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ދީނީ ހަރުކަށި ފިކުރުގެ މީހުންނަކީ ކޮބާކަމާއި އެމީހުން ހިންގާ ވިޔަފާރިތަކަކީ ކޮބައިކަން ވެސް އެނގިފައިވާ ކަމަށް ސުއޫދު އިއްޔެ ވިދާޅުވި އެވެ.