ރިލްވާން ވަގަށް ނެގި މައްސަލާގައި 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނާ ގުޅޭގޮތުން، ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ވަނީ ރިލްވާން ގެއްލުވާލުމާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ހާމަކޮށްފަ އެވެ.

ތަހުގީގާ ގުޅޭ ގޮތުން، 14 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ފިޔަވައި އިތުރު މައުލޫމާތެއް މިކަމާ ބެހޭ ގޮތުން ލިބިފައެއް ނުވެ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލްގައި ވަނީ ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ރިލްވާން ވަގަށް ނަގައިގެން ގެންގޮސް އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާގެ ބޯ ބުރިކޮށްލައި މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ތަހުގީގު ރިޕޯޓްގައިވެ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރައްވާފައިވެ އެވެ.

ރިލްވާން ގެންދިޔަ ކާރުގައި ތިބި މީހުންނާއި އެރުވި އުޅަނދު ފަހަރުގެ މައުލޫމާތާއި އެ ތަކެތީގެ ވެރިންގެ މައުލޫމާތު ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ. ރިލްވާން ވަނީ ރާއްޖޭން ބޭރަށް ގޮސްފައި ކަމަށް ދެއްކުމަށް، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ދެ ފުލުހަކު މަސައްކަތް ކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ އެނގިފަ އެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓްގެ ހުލާސާ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހިއްސާކޮށް މިިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ހާމަކޮށްފަ އެވެ.