ދަރިވަރުންގެ މާމަ/ކާފަ އަށް ވެސް ވިސާ ލިބޭނެ: ރަނިލް

އަވަށްޓެރި ސްރީ ލަންކާގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނާ އެކު އެ ގައުމުގައި ތިބުމަށް ދަރިވަރުންގެ މާމައިންނާއި ކާފައިންނަށް ވެސް ގާޑިއަން ވިސާ މިހާރު ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ވިދާޅުވެއްޖެ އެވެ.


ލަންކާ އިން ވިސާ ހޯދުމުގައި ދިވެހިންނަށް މިހާރަށް ވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް ދެގައުމުން ސޮއިކުރި އެއްބަސްވުން ދެ ސަރުކާރުގެ މެދުގައި ބަދަލުކުރީ ރައީސް އޮފީހުގައި އިއްޔެ ހެނދުނު އޮތް ރަސްމިއްޔާތެއްގަ އެވެ. އެއްބަސްވުމުގައިވާ ގޮތުން، ތިން މަސް ދުވަހުގެ އޮން އެރައިވަލް ވިސާގެ އިތުރުން އެއް ގައުމުން އަނެއް ގައުމުގެ ރައްޔިތުންނަށް މަލްޓިޕަލް އެންޓްރީ ބިޒްނަސް ވިސާ ވެސް ދޫކުރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް އެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރަނިލް ވިދާޅުވީ އަލަށް ސޮއިކުރި ވިސާ އެއްބަސްވުމުގައި ރާއްޖޭގެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަަށެވެ. އެގޮތުން ލަންކާގައި ކިޔަވާ ދަރިވަރުންގެ މައިންބަަފައިންގެ އިތުރުން މާމައިންނާއި ކާފައިންނަށް ވެސް ވިސާ ދޫކުރާނެ ކަމަށާއި އެއީ ހާއްސަ އިންތިޒާމެއް ކަަމަށް ރަނިލް ވިދާޅުވި އެވެ.

"ހާއްސަ އިންތިޒާމެއްގެ ގޮތުން، ދަރިވަރުންގެ މާމަ/ކާފައިންނަށް ވެސް ވިސާ ހަމަޖައްސައިދޭނެ އެއީ އެމީހުންގެ މާމަ/ކާފަ ދަރިންނާ އެކު ސްރީ ލަންކާގައި ވަގުތު ހޭދަ ކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ރަނިލް އިއްޔެ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުވަތަކަށެވެ. ރައީސް އޮފީހުގައި އެ ދެބޭފުޅުން އިއްޔެ ހެނދުނު ކުރެއްވި މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރަނިލް ވިދާޅުވީ ދިވެހިންނަކީ ބިދޭސީން ކަމަށް ލަންކާ މީހުން ނުދެކޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލަންކާ ދުނިޔެ އަށް މާބޮޑަށް ހުޅުވިގެން ނުދާއިރު ވެސް އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެނގޭ ކަމަށާއި 1984 ވަނަ އަހަރުން ފެށިގެން ދިވެހިންނާ މެދު ލަންކާ އިން އަމަލުކުރަމުން އަންނަނީ އެހެން ގައުމުތަކުގެ މީހުންނާ ތަފާތު، ހާއްސަ ގޮތަކަށް ކަމަށެވެ.

"ނަވާރަ ސަތޭކަ އަށްޑިހަ ހަތަރެއްގައި އޭރުގެ ރައީސް ޖަޔަވަރުދަނާ ނިންމެވީ އެހެން ހުރިހާ ގައުމެއްގެ ރައްޔިތުންނާ ތަފާތު ގޮތަކަށޭ ދިވެހިންނާ މެދު އަޅުގަނޑުމެން ކަންތައްތައް ކުރަން ވާނީ. އެމީހުން މިތަނަށް އައިސް، އާއްމުގޮތެއްގައި ރައްޔިތަކަށް ލިބޭ ހުރިހާ ހައްގެއް ބޭނުން ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ދޭންވާނެ ކަމަށް. ދެން [ލަންކާ އަށް އައި]މީހުންގެ އަދަދު އިތުރުވި،" ރަނިލް ވިދާޅުވި އެވެ.

ރަނިލްގެ އަރިހުގައި ލަންކާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ އެވެ.

ރާއްޖޭގައި މިއަދު ފަށާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރަނިލް އާއި އެމަނިކުފާނުގެ ވަފުދުން ބައިވެރިވާނެ އެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ.

އިންޑިއަން އޯޝަން ކޮންފަރެންސް 2019 ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ މިނިސްޓަރުންނާއި 10 ގައުމެއްގެ އިލްމުވެރިން ބައިވެރިވާނެ އެވެ.

ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެ އެވެ.