ޝާހިދު ކަޕޫރް.
05 ސެޕްޓެމްބަރ 2019 - 07:57
ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ފިލްމު "ކަބީރު ސިންގް" ކުޅުނު އެކްޓަރު ޝާހިދު ކަޕޫރް، ތެލެގޫ ފިލްމު "ޖާޒީ" އަށް ވެސް ސޮއިކޮށްފި އެވެ
މީޑިއާތަކުން ބުނީ ފިލްމަށް ޝާހިދު ފިލްމަށް އެއްބަސްވެފައިވާތީ އެ ފިލްމަށް ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ބައެއް ނޫސްތަކުން ބުނިގޮތުގައި "ޖާޒީ" ގެ ހިންދީ ފިލްމުން ޝާހިދާ އެކު ފެނުމުގެ ފުރުސަތު ބޮޑީ ސައުތުގެ މަޝްހޫރު ޒުވާން ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އޭނާ އަކީ މިދިޔަ މަހު ރިލިޒްކުރި، ވިޖޭ ދެވަރަކޮންޑާގެ ފިލްމު "ޑިއާ ކޮމްރޭޑް" ގެ ވެސް ބަތަލާ އެވެ. އެ ފިލްމުގެ ހިންދީ ރިމެކެއް ވެސް ހަދަން ބޮލީވުޑުން އަންނަނީ ތައްޔާރުވަމުންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ޖާޒީ" އަށް ޝާހިދު ސޮއިކޮށްފައި ވަނީ 40 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) އަށެވެ. އޭނާ ވަނީ "ކަބީރު ސިންގް" ގެ ބޮޑު ކާމިޔާބިއާ އެކު ފިލްމު ކުޅެދޭ އަގު ބޮޑު ވެސްކޮށްފަ އެވެ. އެގޮތުން ދެން 35 ކްރޯޑް ރުޕީސް އަށް ވުރެ ކުޑަކޮށް ޝާހިދު ފިލްމެއް ނުކުޅޭނެ ކަމަށްވެ އެވެ.
މިދިޔަ އެޕްރީލް މަހުގެ 19 ގައި ރިލީޒްކުރި "ޖާޒީ" އަކީ ކްރިކެޓްގެ ވާހަކައެއް ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމުގެ ބަތަލަކީ ނާނީ އެވެ. އަދި ބަތަލާއަކީ ޝްރަދާ ސްރީނާތެވެ.
"ޖާޒީ" ޑައިރެކްޓްކޮށްފައި ވަނީ ގޯތަމް ތިނައްނޫރީ އެވެ. ނަމަވެސް މީގެ ހިންދީ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އޭގެ ޓީމުން ރަސްމީކޮށް އަދި ހިއްސާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy