ރަށްރަށުގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ނިޒާމެއް އުފައްދަން ގަރާރެއް

ރާއްޖޭގެ ރަށްރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް "ރަށު ބަންދުން މިނިވަންކޮށް"، ޒަމާނީ ތަރައްގީ ގެނައުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު އިއްޔެ ގަރާރެއް ހުށަހަޅުއްވައިފި އެވެ.


މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ގަރާރެއްގައި ވަނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ވިޔަފާރިތައް ފަސޭހަ ކަމާ އެކު، ބެލެހެއްޓޭނެ އޮންލައިން ބިޒްނަސް ޓު ބިޒްނަސް އަދި ބިޒްނަސް ޓު ކޮންސިއުމަ ގުޅައިދޭނެ ނިޒާމެއް ގާއިމު ކުރެވިފައި ނެތުމުގެ ސަބަބުން ވިޔަފާރިތައް ބޭރު ދުނިޔެ އަށް ބަންދު ކުރެވިފައިވާ ކަމަށާއި އެ މައްސަލަތަކަށް ހައްލު ހޯދަން ބޭނުންވާ ކަމަށެވެ. ގަރާރުގައި އެދިފައި ވަނީ ވިޔަފާރިތައް ފަސޭހަކަމާ އެކު ބެލެހެއްޓޭނެ އޮންލައިން ނިޒާމެއް ވެސް ގާއިމު ކުރުމަށެވެ.

ގަރާރުގައި ވަނީ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި އެކަމުގެ ހައްލު ބަޔާންކޮށްފަ އެވެ.

ފުރަތަމަ ހައްލެއްގެ ގޮތުގައި ބޮންޑެގެ ގަރާރުގައި ވަނީ ސަރުކާރުގެ އިސް ނެގުމުގެ މަތިން ރާއްޖޭގައި ހިންގާ ވިޔަފާރިތަކާއި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގައުމީ ބިޒްނަސް އަދި ބިޒްނަސް ޓު ކޮންސިއުމަ ޕްލެޓްފޯމް ނިޒާމެއް ގާއިމުކޮށް ރަށްތަކުގައި އުފައްދާ އުފެއްދުންތައް ފަސޭހަކަމާ އެކު ވިޔަފާރި ކުރުމުގެ މަގުފަހިކޮށްދިނުމެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް މާލީ މުއާމަލާތްތައް ކުރުމަށް ކޮމާޝަލް ބޭންކްތަކުން ޕޭމަންޓްގޭޓްވޭގެ ހިދުމަތާއި އީވޮލެޓްގެ ހިދުމަތާއި ރާއްޖޭގެ އެތެރޭގެ މުއާމަލާތްތައް ޓްރާންސެކްޝަން ޗާޖަކާ ނުލައި ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

މީގެއިތުރުން ރާއްޖޭގެ ޕާސްޕޯޓްގެ ނިޒާމު ޒަމާނީ އިލެކްޓްރޯނިކް ނިޒާމަކުން ގުޅައި ޑެލިވަރީ ކުރެވޭ މުދާ އިންޝުއަކޮށް ރައްޔިތުންނަށް އަގުހެޔޮކޮށް ހިދުމަތް ލިބޭނެ ގޮތް ހަދަން ގަރާރުގައި އެދުނެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެއްތަނުން އަނެއް ތަނަށް ގެންދާ މުދާ އިލެކްޓްރޯނިކް ނިޒާމަކުން ޓްރެކް ކުރެވި މުދަލަށް ޒިންމާވާ ފަރާތްތަކަށް ރިއަލްޓައިމްކޮށް ފެންނާނެ ގޮތް ހެދުމަކީ ވެސް އެ ގަރާރުގައި އެދުނު ކަމެކެވެ. ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ މައުލޫމާތާއި ޓެކްސް ނިޒާމަށް ބޭނުންވާ މައުލޫމާތު އަބަދުމެ ލިބެން ހުންނާނެ ގޮތް ހެދުމަށް ވެސް ގަރާރުގައި އެދުނެވެ.

އޮންލައިންކޮށް ސައިޓްތަކުގައި ހިދުމަތް ދިނުމަށް ވޭވެ އެއްބަސްވުމާއި ސެކިޔޯ ސައިންއޮން ލިކްސް މެދުވެރިކޮށް އަދި ރެޖިސްޓަޑް މޮބައިލް ފޯން މެދުވެރިކޮށް ވެވޭ އެއްބަސްވުމާއި ކުރެވޭ މުއާމަލާތްތަައް ގާނޫނީ ހައިސިއްޔަތު ދިނުމާއި ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނަށް މި ބައި އިތުރު ކުރަން އެދިފައިވެ އެވެ.