އދ. ދަނގެތި ރައްޔިތުންނާ ބައްދަލުކުރަން އެ ރަށުގައި ރޭ ބޭއްވެވި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން (މ)، އަދި ކުރީގެ ނައިބު ރައީސް ޖަމީލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕީއެންސީ
07 ސެޕްޓެމްބަރ 2019 - 09:19
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމަށް ލިބުނު ނާކާމިޔާބީއާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ކޯލިޝަނަށް ދީގެން އެކަމުގެ ހިތްދަތިކަން ރައްޔިތުން ތަހައްމަލުކުރަމުންދާ ކަމަށާއި އެކަން ބަދަލުކުރެވޭނީ އެކަތިގަނޑަކަށް ވެ މަސައްކަތްކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިދިކޮޅުން ކާމިޔާބު ކޮށްގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބުގެ ބޮޑު ނާކާމިޔާބީ އަށް ފަހު، ރަށްރަށަށް ފެއްޓެވި ފުރަތަމަ ދަތުރުފުޅުގައި އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ކައުންސިލްތަކުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނުލިބިއްޖެ ނަމަ އެކަމުގެ ހިތްދަތިކަން ރައްޔިތުން އިހުސާސް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ ހާލަތު ބަދަލުކުރުމަށް އަނެއްކާ ވެސް ޖެހޭނީ އިންތިޚާބަކަށް އިންތިޒާރުކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ސިޔާސީ މީހުންގެ "އޮޑި" އެކި ފަހަރު ހުރީ އެކި ދިމާލުގަ އެވެ. އަދި އެގޮތަށް މަސައްކަތް ކުރާ ނަމަ ރާއްޖެ ސަލާމަތެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވޭނީ ތަރުތީބެއް އޮވެ ހަމަޖެހުމާ އެކީ، ކުރިއަށް ދާ ނަމަ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުގެ އެއްވެސް އަމާޒެއް ނެތް ކަމަށާއި ހަމަޖެހުމެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެންމެ މުހިއްމީ ގައުމީ މިސްރާބުގައި ގައުމީ ނައުގައި މަސައްކަތް ކުރުމެވެ. އަދި ވިދާޅުވީ މުދާ ބަހާނީ އޭގެ ފަހުން ކަމަށެވެ. އެކަމަކު ޔާމީން ވިދާޅުވީ، ސިޔާސީ މީހުންގެ ހިޔާލަށް އަބަދު ވެސް ފުރަތަމަ އަންނަނީ މުދާ ބަހާނެ ގޮތަކާ މެދު ކަމަށާއި އެ ވާހަކަތައް ދައްކާއިރު ރައްޔިތުން ތިބި ގޮތާ މެދު ވާހަކަ ދައްކާކަށް އެމީހުން ބޭނުމެއް ނުވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީން، އދ. ދަނގެތި ރައްޔިތުންނާ ބައްދަލުކުރަން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ޕީއެންސީ
"އެހެންވީމާ މިއީ ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތަކަށް ވޭތޯ؟ މިއީ ފަރުދީ ގޮތުން ކުރާ އަމިއްލަ މަސައްކަތްތަކެއް. ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތަކަށް ވާނީ، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގެ ވާހަކަ ދައްކައި އަދި ގައުމުގައި ހުންނަ މުހިއްމު ކަންތައްތައް އެ އުސޫލުން ތަރުތީބުން ކުރަން ހިތްވަރު ދީ އަދި ދައްކާ ވާހަކަ ދެ ފަހަރު ދެގޮތް ނުވެ އެއް އަޒުމަކަށް މަސައްކަތް ކޮށްގެން،" ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ރަށްރަށުގައި ހަމަޖެހުން އޮންނަ ނަމަ އެ ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދުވާނެ ކަމަށާއި އަދި ދީނީ ކަންތަކަށް ސަމާލުކަން ދޭ މީހުން ވެސް ގިނަވާނެ ކަމަށެވެ. އަދި ވިދާޅުވީ، ތަނަވަސްކަން އޮތީ މުޅި ގައުމުގެ ހަމަޖެހުމާ އެކު ކަމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުއުނިކަށް ވާތީ އެ މީހެއްގެ ގައިގައި ދެ ފަހަރަކު އެއް ހަރަކުން ކައްޓެއް ނުޖަހާނެ ކަމަށް ސިޔާސީ ބޭފުޅުން އެތައް ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ދެ ކަށްޓައް ވުރެ ގިނައިން ޖަހައިފި ނަމަ އެއީ ފުރިހަމަ މުއުމިނެއްތޯ ނޫނީ އެ މީހުން ދެއްކި ވާހަކަ އަނބުރާ ގެނައިތޯ އެމަނިކުފާނު އެއްސެވި އެވެ.
ޔާމީން ވިދާޅުވީ، ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށާއި އެއީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކޮށްދޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފިކުރުގެ އިތުރުން "ސާދަވިލޭރޭގެ ހަނދު" ގެނެސް ހަމައެކަނި ކޮށްދޭނެ ކަންކަން ބުނާ ފިކުރު ކަމަށެވެ. ހަމައެކަނި ކަންކަން ކޮށްދޭނެ ފިކުރު ކަމަށް އެމަނިކުފާނު އެ ވިދާޅުވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ވަކި ފިކުރެއް ކަމަށާއި ޕީޕީއެމްގެ ފިކުރު އެއާ އިިދިކޮޅު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ ދެމެދުގައި ދެން ތިބި ފިކުރުތަކަކީ ޖެހޭ ވައިރޯޅިއާ އެކީ ބަދަލުވާ ފިކުރުތަކެކެވެ. އެ ފިކުރުތައް އެގޮތަށް ބަދަލުވިޔަ ނުދިނުމުގެ ހުރިހާ ބާރެއް އޮތީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ އަތްމަތީގައި ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން، އދ. ދަނގެތި ރައްޔިތުންނާ ބައްދަލުކުރަން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ޕީއެންސީ
ރައްޔިތުން މިހާރު ތިބީ ވަރަށް ނިކަމެތި ހާލެއްގައި ކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ، އެ މީހުން ހިތްދަތިކަން އިހުސާސް ކުރަމުންދާއިރު އެކަންކަން ބަލަން ފަސޭހައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ތަހައްމަލްކުރެވޭ ކަންކަމެެއް ނޫން ކަމަށެވެ. ނަމަވެސް އަޅާނުލާ ގޮސްފި ނަމަ އެ ފާރުގަނޑު ބޮޑުވެ، ގޯސްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، މާޒީގައި ގޯސްތަކެއް ހެދިފައި އެބަހުއްޓެވެ. ޚާއްސަކޮށް، ކޮންމެ ފަހަރަކު ވެސް އިންތިޚާބާ ދިމާކޮށް ގޯސްތައް ހެދޭ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީފޮނިޓައްޕު ހަސަނު
09 September 2019
ތިކަމެއް ނުވާނެ. ތިހިތް ދަތިކަން ފިލާނެ އެއްވެސް ގޮތެއް ނޯންނާނެ ސަބަކީ ހޭލާ ހުންނަ އިރުވެސް ހުވަފެނުން ފެންނާނީ ޖަލުގެ ކުޑަގޮޅި.
ނެވަރ
08 September 2019
ޖަމީލު ލަދެއް ނުގަނޭތަ ތި ފާޑަށް އުޅެން. ތިހެން އުޅޭ މީހުންނަށް އިތުބާރެއް ނެތް.
ރަށުމީހާަ
08 September 2019
ޕީޕީކިޔާފިއްޔާ ރަގަޅެއްނޫން
ޢަބްދުﷲނާފިޒް
07 September 2019
"އެންމެ މުހިއްމީ ގައުމީ މިސްރާބުގައި ގައުމީ ނައުގައި މަސައްކަތް ކުރުމެވެ". އެއީ ތިޖޫރިއާ ދިމާލަށް މިސްރާބު ބަހައްޓައިގެން މަސައްކަތް ކުރުންބާ! އަދި ޖަމީލު ކާރީގަ ބައިންދައިގެން އޭނަޔާ ދިމާލަށް އޮށްގާ މިއުކަނީ ހިތުން އޭނަޔަށް ދިން އަނިޔާ ޖަމީލަށްވެސް ނޭގޭނެ ކަމަށްބާ! ހިޔަޅުގެ މަކަރުވެރި ވިސްނުން ދޯ.
އާރީ
07 September 2019
އަހަރަމެންގެ ހިތްދަތިކަން ފިލާނި ޔާމިނު އަށް އިންސާފް ލިބުނި ދުވަހަކުން. މި ބުނީ ޔާމިނު ޖަލަށް ލީ ދުވަހަކުންނޭ
އޭޑީ
07 September 2019
ނިކަން ރަނގަޅަށް އަލާފިލާވަރަށް ހިތްދަތިކަން ގެނެސްދޭނަމޭ މިފަހަރު! ރައްޔިތުންނަށް ޔާމީނުގެ 5 އަހަރު ދުވަހު ދައްކާލި އަހުވަ އަދި ހަނދާނެއް ނުނެތޭ، ލަދުހަޔާތްކުޑަކަމުން ރައްޔިތުންގެ ތެރެއަށް ނުކުމެ ދެއަތް ފުޅާކޮށްފައި، ބޮޑެތި ބަސްބުނެ ހަދަން އަދި މާއަވަސް! ވެރިކަމުގައި ހިންގި ބޮޑެތި ވައްކަންތަކާއި، ޖިނާއީ ބޮޑެތި ކުއްތަކަށް ފުރިހަމައަށް އަދަބުދޭނަން. އިންތިހާބަކުން ދެން ލާހިކެއްނޫން މޮޅުވާކަށް. ހަނދާންނައްތާލާ ބުރޯ
ބޭސް
07 September 2019
ހިތްދަތިކަން ފިލާނީ ރާއީސް ޔާމީނު ޖަލަށް ލީމައެވެ.
ޢަލީބެ
07 September 2019
ހިތްދަތިވެޔޭ ކިޔާފަ ތިހެން އުޅެން ލަދެއް ނުގަނޭތަ. ޢަމިއްލަ އެދުން ބޮޑުބައެއްމޫ.
ރަށުމީހާ
07 September 2019
ރައީސް ޔާމިން އަކީ ދެފަހަރު ދެގޮތައް ވާހަކަ ދައްކާބޭފުޅެއް ދެންކައިރީގާ ހުރީ ބަސްނުވިކޭ މީހުންތަކެއް.
ހަސަންމަނކި
07 September 2019
ދެން އެންމެންވެގެން ހިތްދަތިކަން ފިލުވަން ވޯޓުލާންވީދޯ، ގައުމަށް ފައިދާއަކަށް ނޫން ޔާމީނުގެ ހިތައް..