މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފަކު ޑިއުޓީގައި ހުރެ މީހަކަށް ހަމަލާ ދިން މައްސަލައެއް ބަލަމުން ދާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފަކު ހަމަލާ ދެނީ ކުންފުނީގެ ކާގޯ ސާވިސް އޭރިއާގައި ހުރި ބިދޭސީއަކަށެވެ. އެ ވީޑިއޯގައި، އަނިޔާ ލިބުނު މީހާ ދައްކާ ވާހަކަތަކުން ހާމަވާ ގޮތުގައި އޭނާ ގައިގައި ޖަހާނެ ކަމަށް ކުރިން ވެސް އެ މުވައްޒަފު ވަނީ ބުނެފަ އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފަކު މީހަކަށް ހަމަލާ ދިން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މުވައްޒަފު ކަސްޓަމަރުންނާ މެދު އަމަލު ކުރި ގޮތަކީ އެމްއޭސީއެލް އިން ބަލައިގަންނަ އަމަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މުވައްޒަފަކު އެފަދަ ގޮތަކަށް އަމަލު ކުރުމަކީ އަޅުގަނޑުމެން ވަރަށް ދެރަވާ ކަމެއް،" ހަސަން ވިދާޅުވި އެވެ.
ހަމަލަދޭ ވީޑިއޯ އާންމުވެ ސޯޝަލް މީޑިއާގައި އަންނަނީ އަނިޔާ ލިބުނު ބިދޭސީ މީހާ އަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.