އައްޑޫ މަރުކަޒީ އިންޖީނުގެ ކައިރި.
09 ސެޕްޓެމްބަރ 2019 - 11:54
ކަރަންޓް ކެނޑޭ މައްސަލައަކީ އައްޑޫ މީހުންނަށް އާ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ތަޖުރިބާ އައްޑޫގެ ރައްޔިތުން ކުރަން ނުޖެހޭ ދުވަހެއް ނާދެ އެވެ. ވަކިން ހާއްސަކޮށް އައްޑޫގެ އާބާދީގެ ބޮޑުބައި އޮތް ގުޅިފައިވާ އަވަށްތަކުގަ އެވެ.
ރެއަކީ ވެސް މިގޮތަށް ކަނު އަނދިރީގައި ރައްޔިތުންތަކެއް އުޅެން ޖެހުނު ރެއެކެވެ. ގާތްގަނޑަކަށް 8 ގަޑިއެއްހާ އިރަށެވެ. އިއްޔެ އެންމެ ފުރަތަމަ ކަރަންޓް ކެނޑުނީ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. އޭގެ ގާތްގަނޑަކަށް 20 މިނިޓް ފަހުން ކަރަންޓް ލިބުނު ނަމަވެސް މާ ގިނަ އިރެއް ނުވަނީސް އަނެއްކާ ކަރަންޓް ކެނޑުނެވެ.
އެހެންވެ ރައްޔިތުން ތިބީ އާދައިގެ މަތިން އަނެއްކާ ވެސް މާ ލަސްތަކެއް ނުވެ ކަރަންޓް ލިބޭނެ ކަމަށް އުންމީދުކޮށްގެންނެވެ. އެއީ އަބަދު ވެސް ކޮންމެވެސް އިންޖީނެއްގައި މައްސަލައެއް ޖެހިގެން މަރާމާރުކުރަން އަވަށްތަކުގެ އެކި ސަރަހައްދުތަކުން އާންމުކޮށް ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑާލާތީ އެވެ.
ކަރަންޓް ކެނޑިފައި އޮތް ވަގުތު ހިތަދޫ ބޮޑުމަގު.
އެކަމަކު ރޭ ކުރަން ޖެހުނީ މީގެ އަށެއްކަ އަހަރު ކުރިން ކުރަން ޖެހުނު ތަޖުރިބާ އެވެ. ރޭގެ އެކެއް ޖެހުމާ ހިސާބަށް އުޅެން ޖެހުނީ ކަރަންޓާ ނުލައި އަނދިރީގައި ގިނަ އިރުތަކެއް ވަންދެން ހޭދަކުރާށެވެ. ރޭ ގާތްގަނޑަކަށް 11 ޖަހަން އުޅެނިކޮށް ކަރަންޓް ލިބުނަސް، ހިފެހެއްޓޭ ވަރު ނުވެގެން އަލުން ކަރަންޓް ކެނޑުނީ އެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއް ކަރަންޓަށް ބަރޯސާވެފައިވާ އާއިލާތައް ރޭ ހޭދަކުރީ މަގުމަތީގަ އެވެ. ބައެއް މީހުން ދަރިން ނިންދެވީ ވެސް މަގުމަތީގައި ގޮދަޑި އާއި ކުނާ އަޅައިގެންނެވެ. އަދި ބައެއް ހިސާބުތަކުގެ އަވަށްޓެރިން ޖަމާވެ، ކައިބޮއެ ހެދީ ވެސް މަގުމަތީގަ އެވެ.
"ކަރަންޓާ ނުލައި މިހާރު ކިހިނެއް އުޅޭނީ؟ އެއްވެސް ކަމެއް މިހާރު ކަރަންޓާ ނުލައި ކުރެވޭކަށް ނެތް،" ރޭ މަރަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އެންމެ ހިތްދަތިވަނީ ރޭގަނޑު ކަރަންޓް ނެތި ކުދިންކޮޅު މަގުމައްޗަށް ނެރެގެން ތިބެން ޖެހޭތީ."
އިއްޔެއަކީ ތަންކޮޅެއް ހޫނު ވެސް ގަދަ ދުވަހެކެވެ. އަނެއްކޮޅުން ކަރަންޓް ދިއުމުން އެ ހޫނުކަމުގެ އިހުސާސް އިތުރަށް ބޮޑުވި އެވެ. ޅަދަރިމައިންނަށް ވެސް ރޭ އެންމެ ބޮޑަށް އުފުލަން ޖެހުނު ތަކުލީފަކީ ހޫނުގަދެވެން ދަރިންނަށް ނުނިދިގެން އުޅެން ޖެހުމެވެ.
"ހޫނުގަދަކަމުން ގޭތެރޭގައި ތިބެވޭކަށް ނެތް. އެހެންވެ ކުދިން ނިންދަވައިގެން ރޭ ދަންވަންދެން ލިންކް ރޯޑްގައި އުޅުނީ،" ފޭދޫ މީހަކު ބުންޏެވެ. "އަނެއްކާ ހޫނުދަވެގެން ކުދިން އެހާ ވަރަށް ރޮއެ."
ރޭ އައްޑޫގެ ގިނަ ފިހާރަތަކާއި ހޮޓާ/ ރެސްޓޯރަންޓް ފަދަ ތަންތަނުން ވެސް ހިދުމަތް ދިނީ ވަރަށް ހާލުގަ އެވެ. ކަރަންޓާ ނުލައި އުޅެން ޖެހުމުގެ ބުރައަކީ މިހާރު ވަރަށް ބޮޑު ތަކުލީފެކެވެ. އަނެއްކޮޅުން އައްޑުއަކީ ކަރަންޓް ކެނޑުން ވަރަށް އާންމު ތަނަކަށްވާތީ ގިނަ ބަޔަކު އަބަދު ވެސް އެންމެ ކަންބޮޑުވެ ޝަކުވާކުރަނީ ގޭގައި ހުންނަ އަގުބޮޑު ކަރަންޓް ސާމާނުތައް ހަލާކުވާތީ އެވެ.
Addu ge current ge massala ah dhaaimee hahleh @TeamFenaka ah hoadhai nudhevunu. Masala eh dhimaavaa konme faharaku inthihaayah bodu kharadhu ebakurey. Mirey current aai nulaa 8hrs vejje. Rayyithun nah varah gehlun vejje. Sarukaarun dhaaimee avas hahleh hoahdhavai dhevvun edhen.
— Abdulla Sodiq(Sobe') (@SobeAbdulla) September 8, 2019
"މިކަމަށް އަހަރެމެން މި ތިބީ މިހާރު ހޭނިފައި. އެކަމަކު ލިބޭ ގެއްލުމަކަށް ޒިންމާވާނެ ބަޔަކު ނެތް. އަބަދު ވެސް ކޮންމެވެސް އެކައްޗެއް ހަލާކުވެގެން ގަންނަން ޖެހިފައި އޮންނަނީ." މަރަދޫ މީހަކު ބުންޏެވެ.
ވިޔަފާވެރިންގެ ޝަކުވާއަކީ ވެސް އެ މީހުން ފިނިކޮށްފައި ހުންނަ މަސް ކަހަލަ އެއްޗެހި ކަރަންޓް ގޮސްގެން ހަލާކުވާތީ އެވެ. އެހެންވެ މިކަމަކީ ހަގީގަތުގައި ވެސް އައްްޑޫ ރައްޔިތުންނަށް މާލީ ގޮތުން ވެސް އުފުލަން ޖެހިފައި އޮތް ބުރައެކެވެ.
އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ކޮންމެ ސަރުކާރަކުން ވެސް ވައުދުވެ އެވެ. ނަމަވެސް މިއީ ނުފުއްދި އޮތް އައްޑޫގެ އެންމެ ބޮޑު އެއް މައްސަލަ އެވެ. ކަރަންޓް ކެނޑޭ މައްސަލަ އާންމު ކަމަކަށްވެ މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބި މި ހާލުގައި އައްޑޫ މީހުން އުޅޭތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެ އެވެ.
Alhugandu Fenakaige Addu main power plant ah gossa mi aee. Ethaaga thibbevi beyfulhun varah varah burakoh masakkaiy kuravvamun gendhavanee karantu massala hallu kurumah. Shukuriyya haveerussure nukai nuboi thibeyfulhun thikohdhevva masakkathah. pic.twitter.com/pGwnEYkWd9
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 8, 2019
ނަމަވެސް އަބަދު ވެސް އަޑުއިވެނީ މައްސަލަ ހައްލުކުރާ ވާހަކަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އައްޑޫގެ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭގެ ނަތީޖާއެއް ނުފެނެ އެވެ.
އާ ޖަނެރޭޓަރުތަކެއް އިންސްޓޯލްކޮށްގެން ހިދުމަތް ދިނަސް، ކުރިއެކޭ މިހާރެކޭ ތަފާތެއް ނެތެވެ. އަބަދު ވެސް އޮންނަނީ ކޮންމެވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަރަންޓް ކަނޑާލަން ޖެހިފަ އެވެ.
"އާ ޖެނެރޭޓަރުތައް އިންސްޓޯލްކުރާ ވާހަކަ އާއި އެ ތަކެތިން ހިދުމަތް ދޭން ފެށި ވާހަކައަކީ ވެސް އައްޑޫން އާންމުކޮށް އިވޭ ވާހަކައެއް. އެކަމަކު އަޅުގަނޑުމެންނަކަށް ތަފާތެއް އަންނަ ތަނެއް ދުވަހަކު ވެސް ފެންނަވަރެއް ނުވޭ،" ހިތަދޫ ވިޔަފާވެރިޔަކު ބުންޏެވެ. "ކުރިއެކޭ މިހާރެކޭ ނެތް އެއްވެސް ތަފާތެއް. އަދި މިއީ އަރަތެއް ކަހަލަ ކަމެއް."
Adhi lasthakeh nuve massala hallu koh khidhumaiy iaadha kureveyne kamuge yageenkan oiy kamugai dhannavameve.
— Fenaka Corporation Ltd (@TeamFenaka) September 8, 2019
Mi dhan’divalhugai, Addu city ge lobuvethi rayyithun dhakkavamun gendhavaa keiytherikamuge namoonaa ah takai nuhanu ikhlaastherikamaa eku shukuru dhannavameve.
އައްޑު އަށް ކަރަންޓް ދޭ ފެނަކައިން ބުނަނީ ކަރަންޓް މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ކުންފުނިން ވެސް ގަބޫލުކުރާ ގޮތުގައި އައްޑޫގެ ކަރަންޓް ހާލަތު ވަރަށް ދަށެވެ. އަދި މިއީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައި އޮތް މައްސަލައެއް ކަމަށް ވެސް އެތަނުން ގަބޫލުކުރެ އެވެ. ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި އައްޑު އަށް އޮތް އެންމެ ބޮޑު އެއް ބުރައަކީ ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނަ އިރު، އެއާ އެއްވަރަށް ކަރަންޓް ނުއުފެއްދޭ މައްސަލަ އެވެ. އެހެންވެ ލޯޑްބޮޑުވަނީ އެވެ.
ފެނަކަގެ އެމްޑީ މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އެ ކުންފުނިން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދޭނެ އެވެ. އަދި އެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އައްޑޫގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިތުރު ޖަނަރޭޓަރު ސެޓްތަކެއް ވެސް ހޯދަން އަންނަ މަހުގެ ތެރޭގައި ބީލަމަށް ލައި، އެކަން އަވަސް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފެނަކަ އެމްޑީ ސައީދު.
"އެކަމުގެ ތައްޔާރީތައް މިހާރު ވެސް މި އަންނަނީވަމުން،" ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަރަންޓް މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ތެރެއިން އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ލިބިގެން ދާނެ. މީގެ ތެރެއިން އެއް ކަމެއް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނާތީ ސަޕްލައި އިތުރުކުރަން މަސައްކަތްތައް ކުރުން ވެސް."
ކަރަންޓްގެ މައްސަލާގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ އައްޑޫގެ ކަރަންޓް މައްސަލަ އަށް ފެނަކަ އަށް ދާއިމީ ހައްލެއް ހޯދައި ނުދެވުނު ކަމަށެވެ.
"މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އިންތިހާ އަށް ބޮޑު ހަރަދު އެބަކުރޭ. ރައްޔިތުންނަށް ވަރަށް ގެއްލުންވެއްޖެ،" އޭނާ ވިދާޅުވި އެވެ. "ސަރުކާރުން ދާއިމީ އަވަސް ހައްލެއް ހޯދައި ދެއްވުން އެދެން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލްކޮކީ
11 September 2019
ފުރަތަމާއިންވެސް އައްޑޫމީހުން ރަނގަޅުވާން އެބަޖެހޭ އޭރުން އަތޮޅު ތަރައްގީވާނެ..1 ކޮންމެ ޕާޓީއަކުން ވެރިކަން ކުރިޔަސް އޭރަކު ހުންނަ މޭޔަރަކު ސަރުކާރާ ލެޑިނުގަތުން.. 2 ސިޔާސީ ޕާޓީ ހިންގާ މާލޭ މީހުންބުނެލާ އިރަށް މުޒާހަރާ ކުރަން މާލެނައުން...3 އަތޮޅައް ކަމެއްކޮއްނުދޭ ބަޔަކާ ހަމަވަގުތުން ސިޔާސީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުއެޅުން ޕާޓީގެ ޖަލްސާތަކައް ނުދިޔުން މިހެންގޮސް ކިތަންމެ ކަމެއްކުރެވިދާނެ އަހަރުމެންނަކީ ކަންތައްކުރަން އެނގޭ ކެރޭބަޔެށް
ކީކޭ ބުނާނީ
10 September 2019
އައްޑޫ އިން މެޖޯރިޓީ މި ސަރުކާރަށް ލިބިގެން މިތާ އަނގަ ކަހައިގަނެގެން އުޅޭ ގުރޫޕަށް ބުނެލަން... މިވޭތުވެ ދިޔަ 5 އަހަރުވެސް އުޅުނީ މިހާލުގަ. އާޓިކަލް ކިޔާލިނަމަ އިނގުނީސް. މި އުޅެނީ މި ސަރުކާރު އައިސް ކަމެއް ވެގެންނެއް ނޫން. އަދި މި ރާއްޖޭގަ އެއްވެސް ރަށެއްގަ ރައްޔިތުން އުޅެން ޖެހޭނެ ހާލެއް ނޫން މީ. މާލެ ވިޔަސް، އަތޮޅުތެރެ ވިޔަސް. ތަންކޮޅެއް ހިތް ތިރިކޮށް ތިމާ މެންގެ ދަރިން މިހާލު ޖެހުނީމަ ކުރާނެ އަސަރު ވިސްނާލާ
ކީކޭ ބުނާނީ
10 September 2019
އައްޑޫ މީހުން އެކަނި ހޮވި ސަރުކާރެއް ނޫން މީ. އަދި މުޅި އައްޑޫ އިން 100% ވޯޓް ދިން ނަމަވެސް މި ރާއްޖޭގެ އެހެން މީހުން ވޯޓު ނުދޭނަމަ ނުހޮވޭނެ. އޭގެ މާނަ އަކީ ސަރުކާރުގެ ދޯދިޔާ ކަމަށް އެހުރިހާ ރައްޔިތުން ހައްޕު ކިޔުމެއް ނޫން. ހަވާލު ކުރީ ޒިއްމާ އެއް. އަމާނާތެއް. އެކަން ބަލައި ނުގަތީމަ ވޯޓުން އެކަން ދައްކާނީ ހަމަ ރައްޔިތުން
ކަޅު ބުޅާ 4
10 September 2019
އައްޑޫ އޭ ބުނާ އިރަށް ބައެއް މީހުންނަށް މި ވާ ގޮތެއް! ޒާތީ ހަސަދަ ލާން މިމީހުންނަށް ބަޔަކު ކީއް ކުރީތަ؟ ރޭސިސްޓް ކަމުގެ ނަމޫނާ
ރަންނަމާރިޔާ
10 September 2019
ކަލޯ ދެންވެސް ވޯޓު ޖަޒީރާ އައް..އައްޑޫ ރައްޔިތުން ނާއި ރޯޒް އައް ހަމަ ސާބަސް...ދެން ލަލަލަ
ހޮޓްކިންގ
10 September 2019
މީ އިބޫސަރުކާރުން ވީ ވަޢުދު ފުއްދޭތަން މިފެންނަނީ. އުއްމީދު ކުރަން ވެރިކަމުގައި ބާކީ އޮތް 4 އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ ޖަޒީރާވެ ނިމޭއިރު ހުރިހާ ރަށެއްގައި ކަރަންޓް ނެތި ކަނުއަނދިރީގައި ދިރިއުޅެވޭވަރުވާނެކަމަށް.
ޖޭބޮކި
10 September 2019
އައްޑޫމީހުން ކަންތައް ބޮޑުލުރަނީ ފުރަތަމަ ސަރުކާރުން މަގުހެދުމަށްފަހު އާކަރަންޓުގެއެއްއަޅާދީ
ޜޮހެންޔާ ކުޑަ ތުއްތު
10 September 2019
ޢަޑޫ ރައްޔިތުން ބޮޑުވައި އިނގީލީގައި ރިއްސާލިޔަސް ހީވަނީ ވިހަން އުޅޭހެން.
ޗޗޗޗޗޗޗ
10 September 2019
ކަރަންޓާ ނުލާ ކުޑަކުދިންތަކެއް ރޮއެ ހޭރޭ އިރު ގޮތް ހުސްވެގެން ތެޅެން ޖެހުމަކީ ކިހާ ބޮޑު ވޭނެއް ކަން މީނާ އަށް ދައްކަވާދޭވެ.
ހޮޓްކިންގ
09 September 2019
ޑިފަރަންޓް އެސްޕީރިއަންސް ފޯކިޑްސް އޭ ޗައިލްޑްހުޑްލައިފޭ ކިޔާ މޮޅުވާހަކަ ދައްކާ އޮޅުވާލަން އުޅެނީ މިއަދު ތީ އައްޑޫމީހުން ގެނައިވެރިކަމެއްވީމާ ދެރަނުވާން. ތީ ޔާމީނުގެ ވެރިކަމުގާ ވީކަމެއްނަމަ މިއަދު އައްޑޫމީހުން 2ވަނަފަހަރަށް ބޮޑުހުޅުޖެހީސް.
ކައުންސިލަރު
09 September 2019
ފެނަކަ އުވާލާ މުޅިރާއްޖެެއަށް ކަރަންޓްދިނުން އެއްކުންފުންޏެއްގެ ދަށަށް ބަދަލުކޮށްލަންވީނުން ހަމައެގޮތަށް ފެނާ ނަރުދަމާވެސް އެއިރުން ހަމަޔަޤީނުންވެސް މިއަށްވުރެ ރަންގަޅުވާނެ