އެމްވީ ސީހޯމް ސެފަޔާ ، މިބޯޓް ނައްތާލަނީ ރަނގަޅަށް ކަމަށް ތިލަފުށި ބަލަހައްޓާ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނި.
11 ސެޕްޓެމްބަރ 2019 - 14:30
ތިލަފުށީ ފަޅަށް ދޫކޮށްލާފައި އޮންނަތާ 10 ވަރަކަށް އަހަރު ވެފައިވާ ބޯޓެއް ކޯޓު އަމުރެއް ހޯދައިގެން އެތަނުން ނަގައި ނައްތާލަން ބަޔަކާ ހަވާލުކުރީ ރަނގަޅަށް ކަމަށާއި އެ މައްސަލައިގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ދައްކަވަނީ ދޮގު ވާހަކައެއް ކަމަށް ތިލަފުށި ބަަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެމްވީ ސީހޯމް ސެފަޔާ ނަމަކަށް ކިޔާ ބޯޓް ތިލަފުށީ ފަޅުން ނަގައި ނައްތައިލަން ބަޔަކާ ހަވާލުކުރީ އެ ބޯޓްގެ ވެރިފަރާތް ނުހޯދިގެން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ބޯޓް ދައުލަތާ ހަވާލު ކުރުމުން ކަމަށެވެ.
ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދު ވިދާޅުވީ އެމްވީ ސީހޯމް ސެފަޔާ އަކީ 2011 ވަނަ އަަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އަށް އައި ބޯޓެއް ކަމަށެވެ. އެ ބޯޓް ރާއްޖޭން ފުރުން ސިވިލް ކޯޓުން އޭރުގައި މަނާކުރީ ބޯޓްގެ ވެރިފަރާތާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އޮތީ އަންގައިފަ އެވެ.
އެ ކުންފުންޏާ ކަސްޓަމްސްއާ ދެމެދު ބަދަލުކޮށްފައިވާ ސިޓީތަކުން އެނގޭ ގޮތުގައި ބޯޓް ރާއްޖޭން ފުރުން މަނާކުރި އިރު ރާއްޖޭގެ އެޖެންޓްގެ ގޮތުގައި ހަމަޖައްސާފައި އޮތް ކުންފުނި ވަނީ އެޖެންޓްކަމުން ވަކިވެފަ އެވެ. އެއަށް ފަހު ބޯޓްގެ އެޖެންޓްކަމާ ހަވާލުވި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތޮފާގެ މަސްލަހަތު އޮންނަ މޯލް ލިންކްސް ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ބޯޓް ތިލަފުށި ފަޅުން އެ ކުންފުންޏަށް ވެސް ތަކުރާރުކޮށް އެންގި ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
"ދެން މި ކުންފުނިން ސިވިލް ކޯޓަށް ދިޔައީ އެ ބޯޓް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން. ކޯޓުން މަައްސަލަ ނިންމީ ބޯޓްގެ ވެރިފަރާތެއް ނުހޯދިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ތަކެއްޗާ މެދު އަމަލުކުރަން ޖެހޭ އުސޫލުން އަމަލުކުރުމުގެ އަމުރެއް ހޯދަން. އެ އަމުރު ސިވިލް ކޯޓުން ވަނީ ދީފައި،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެމްވީ ސީހޯމް ސެފަޔާ ނައްތައިލަން ބަޔަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ މުސްތޮފާ ގެންދަވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރައްވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ އެ ބޯޓަކީ އަދިވެސް ވިއެޓްނާމްގެ އެގްރިބޭންކް ނަަމަކަށް ކިޔާ ބޭންކެއްގެ ބޯޓެކެވެ.
"އެއީ މިހާރު އަޅުގަނޑަށް ލިބުމުގެ މަގުމަތީގައި އޮތް ބޯޓެއް. އެގްރިބޭންކުން ވަނީ އަޅުގަނޑަށް ބޯޓް ދޭން އެއްބަސްވެފައި،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ މުސްތޮފާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ ކޮމެޓީން އެ މައްސަލާގައި ގްރޭޓާ މާލޭގެ މެނޭޖްމަންޓް ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. އެކަމަކު ބޯޓު ނައްތާލަން ހަވާލުކުރުމުގައި މައްސަލަތަކެއް ހުރި ކަމަކަށް ކޮމެޓީން ވެސް ފާހަގަކޮށްފައެއް ނުވެ އެވެ.
އެކަމަކު އެ ބޯޓްގެ ވެރިފަރާތެއް ހޯދަން ސިވިލް ކޯޓުން ކުރި ޖުލައި 20، 2017 ގައި ކުރި ހުކުމުގައި ބުނެފައި ވަނީ ކަސްޓަމްސް ގާނޫނުން ބާރުލިބިގެން ހަދާފައިވާ ގަވައިދާ ގޮތަށް އެމްވީ ސީހޯމް ސެފަޔާގެ ރާއްޖޭގެ އެޖެންޓެއް 2015 ވަނަ އަހަރުން ފެށިގެން ހަމަ ނުޖެއްސި އޮތްކަން ސާބިތުވާ ކަމަށެވެ. އަދި އެ ބޯޓް ތިލަފުށީ ފަޅުގައި ބީޗްކޮށްފައި އޮތުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވަމުންދާ ކަމަށާއި އެ ކުންފުނިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހިންގަން އުޅޭ މަޝްރޫއުތަކަށް ވެސް އޭގެ ސަބަބުން ހުރަސް އެޅޭ ކަމަށެވެ.
ސިިވިލް ކޯޓްގެ ހުކުމުން އެނގޭ ގޮތުގައި ބޯޓްގެ މިލްކުވެރި ފަރާތެއް ހޯދަން އެ ކޯޓުން 2017 ވަނަ އަހަރު އިއުލާނުކޮށްފައިވެ އެވެ. އެ އިއުލާނާ ގުޅިގެން ވެސް ބޯޓަށް ޒިންމާވާނެ ފަރާތެއް ހޯދިފައި ނުވާތީ ގާނޫނީ ގޮުތން ޒިންމާވާނެ ފަރާތެއް ނެތް ތަކެއްޗާ މެދު ދައުލަތުން އަމަލުުކުރާ އުސޫލުން އަމަލު ކުރުމުގެ ހުއްދަ ސިވިލް ކޯޓްގެ ހުކުމުން ވަނީ ދައުލަތަށް ދީފަ އެވެ. އަދި އެ ބޯޓް 30 ދުވަހުގެ ތެރޭގައި ތިލަފުށި ފަޅުން ނަގަން ހުކުމުގައި ދައުލަތަށް އަންގާފައި ވެ އެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ ދެން ވެސް އެ ބޯޓް ނުނަގާ އޮއްވައި އެންވަޔަރްމެންޓް މިނިސްޓްރީން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް މިދިޔަ ޖެނުއަރީ މަހު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގާ މަޝްރޫއަކަށް އެބޯޓްގެ ސަބަބުން ހުރަސް އެޅޭ ކަމަށެވެ.
"...ކ. ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރައްހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމްކުރަން ހިއްކާފައިވާ ބިމާ ދިމާލުން މޫދުގައި އުރިފައިވާ ބޯޓްގެ ސަބަބުން އެ ބިން ގިރުމުން ސަލާމަތް ކުރުމަށް ލާންޖޭހެ ތޮށިލުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. މި މަޝްރޫއު އަކީ އޭޑީބީގެ 165 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއަކަށް ވެފައި މި ބޯޓް ނުނެނި ދިގުލައިގެން ދާނަމަ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ލިބިފައިވާ ފައިސާ ކެންސަލްވާނެ ކަމަށް ފައިސާ ދޭ ފަރާތުން [އޭޑީބީން] ވަނީ މި މިނިސްޓްރީ އަށް އަންގާފަ އެވެ،" އެންވަޔަރްމެންޓް މިނިސްޓްރީން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ފޮނުވި ސިޓގައި ބުނެފައި ވެ އެވެ.
އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި ސިވިލް ކޯޓްގެ ހުކުމަށް ފަހުގައި ވެސް ބޯޓް ނުނެގި އޮތީ އެ ހުކުމްގައި ދައުލަތަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރަން ޖެހޭނީ އެ ކުންފުނިންކަން ސާފު ނުވެގެނެންނެވެ. އެހެން ނަމަވެސް އެ މައްސަލަ ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމުން ފިނޭންސުން ވަނީ އެ ހުއްދަ ކުންފުންޏަށް ދީފަ އެވެ. އެ ސިޓީގެ ކޮޕީއެއް ވެސް "މިހާރު" އަށް ވަނީ ލިބިފަ އެވެ.
"ބޯޓް ނަގާނެ ފަރާތެއް ހޯދަން އަޅުގަނޑުމެން ބީލަމަށް ލީމާ ކުރިމަތިލީ އެންމެ ފަރާތެއް. އެ ފަރާތާ މަސައްކަތް ހަވާލުކުރީ ރަނގަޅަށް ބިޑް އިވެލުއޭޓްކޮގެން ރަނގަޅަށް،" ރަޝީދު ވިދާޅުވި އެވެ.
އެ ޕްރޮސެސް ކުރިއަށް ގެންދިޔައީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ތުހުމަތު ކުރައްވައި މުސްތޮފާ އޭސީސީ އަށް ހުށަހެޅުއްވުމުން އޭސީސީން މައްސަލަ ބެލުމަށް ހު ބުނެފައި ވަނީ މަސައްކަތް ހަވާލުކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ކަމަށެވެ.
"މި މައްސަލައިގެ ލިޔެކިއުންތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި ތިން ބޮކްސް ފައިލް ފުރިފައި،" ރަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބެ
12 September 2019
މީ ބޯޓް ގެންގޮސް ރަގަޅު ހިސާބަކަށް ފައްތާލަ. ޑައިވްކުރަން ރަގަޅު ޝިޕްރެކްއެއް ހެދިދާނެ.
ވަހީދު
11 September 2019
މުސްތަފާބެ ދައުލަތުން ލާރިކޮޅެއް ހޯދަން ދައްކާ ވާހަކައެއް ކަމަށް ބެލެވޭ. “ ބޯޓު ތިމަންނާއަށް ދޭނެ ކަމަށް ބުނެފައިވަނީ” މިހާރު ނައްތާލައިފައިވާ ބޯޓަށް ދެން ޖެހޭނީ ދައުލަތުން ބަދަލު ދޭން. މުސްތަފާބެ ހީކުރާގޮތުން.
ގޯލް
11 September 2019
ގެސްޓްހައުސްއަކަށް ހަދާ! ކޮންމެސް ރަށަކަށް ގެންގޮސްގެން. ޕޫލަކާ ރެސްޓޮރަންޓެއް ވެސް ހިމަނައިގެން. ސަޅިވާނެ.
ހަސީނާ
11 September 2019
މިހާ ދުވަސްވީއިރުވެސް މިކަމުގައި މަސްލަހަތު އޮންނަ ބޭރުގެ ކުންފުނިން ކީއްވެބާ އަޅާވެސްނުލާ ތިބީ. މި ބޯޓަކީ އަނެއްކާ ސްމަގްލްކުރުމުގައި ބޭނުންކުރި ބޯޓެއްބާ. މީގެ އަޑި ބަލާއިރު ވެދާނެ މަނާތަކެތި އެތެރެކުރަން ބޭނުންކުރި ބޯޓަކަށްވެސް.
ޒިމްޒިމް
11 September 2019
ޏައްތާނުލާ..ތިބޯޓް މަސްކިރާބޯޓަކަށްހަދާ.. ފެލިވަރުގައި މަސްކިރަންގެންގުޅޭބޯޓްތަކަށްވުރެމިހާރުވެސްތިބޯޓްއައު..
އިލޮށި
11 September 2019
"ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދު ވިދާޅުވީ އެމްވީ ސީހޯމް ސެފަޔާ އަކީ 2011 ވަނަ އަަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އަށް އައި ބޯޓެއް ކަމަށެވެ. އެ ބޯޓް ރާއްޖޭން ފުރުން ސިވިލް ކޯޓުން އޭރުގައި މަނާކުރީ ބޯޓްގެ ވެރިފަރާތާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އޮތީ އަންގައިފަ އެވެ." ދެން ނުހޯދުނީ ކޮން ވެރިއެއްބާ؟؟
ރަދީފް
11 September 2019
މުސްތަފާ މަޖްލިސް މެމްބަރެއްގެ ގޮތުގަ ހުރިނަމަ ޔަގީން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ނުކެރޭނެ އެއްވެސް ގޮތަކަށް ބޯޓާއި ބެހެން.މުސްތަފާ އެއީ މިއަދު ބޭކާރު މީހެއްވީމަ ނަތީޖާ އަންނާނީ މިގޮތަށް.
އަޑުގަދަ
11 September 2019
ފުލުހުން ނަގާ އުޅަނދުތައް 60 ދުވަސްވީމާ ނައްތާލަނީ ސަބަބުތަކެއް ހުރީމަ...މީ ވަރަށްވާހަކަ
އަޝްރަފު
11 September 2019
މުސްތަފާބެ ރަގަޅު ދެން މޯލްޑިވްސް ވިކްޓަރީ ހޯދަން ދަޢުވާ ނުކޮށްފިއްޔާ!
ކީކީ
11 September 2019
ކަންޑު އަޑިޔަށް ފައްތާންވީ ... އޭރަށް ދުވަސްކޮޅަކުން ޑައިވިންގް ސައިޓަކަށް ވާނެ ... :)
ބާދަގަނޑު
11 September 2019
މީހެއްގެ މުދަލެ ބޭނުންހާގޮތެ ނުހެދޭނެ.. ތި ބޯޓުގެ ބަދަލު އަންނައަހަރުގެ ބަޖެޓުން ދޭންޖެހިދާނެ.. މުސްތަފާ ހަނުއެހުންނަނީ ކަމެވީމަ.. އެހެންނޫނަމަ ޖާބިރަށްވުރެ ހާލުދެރަވާނެ.. ކޯޓަކުން ނުބުނާނެދޯ ބޯޓު ކީހާލައިގެން ވިއްކާލާށޭ.. ވިއްކިނަމަ އެލާރި ދައުލަތުގެ ހަޒާނާއަށް އެލާރިތައް ވަނީސްދޯ.. ސްޓިކާ ލާރިވެސް ހަފްތާއިން ހަފްތާއަށް އެއޮއްދެނީނުން.. އަދި މައުލޫމާތު ހޯދާލާ ފައިސާތަކާ ބޯޓުގެ ދަގަނޑުތަކަށްވީގޮތްވެސް އެގިދާނެ..