ޕީއެސްގެ މަގާމުން މުސްއަބް ވަކިކޮށްފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުން މުސްއަބް އަބްދުﷲ އިއްޔެ ވަކިކޮށްފި އެވެ.


ސިވިލް ސާވިސް ކޮމިޝަނުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން، މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މުސްއަބް ހުންނެވީ ސަސްޕެންޝަނުގަ އެވެ. އޭނާ ވަޒީފާ އިން ވަކިކުރީ ފަސް ފަހަރަށް ސަސްޕެންޝަންގެ މުއްދަތު އިތުރުކުރުމަަށް ފަހު އެވެ.

މުސްއަބް "މިހާރު" އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ޓްވީޓެއްގެ މައްސަލައިގައި ކަމަށެވެ. އެއީ އިސްލާމިކް މިނިސްޓްރީ އާއި މުސްއަބާ ގުޅޭގޮތުން މީހަކު ކުރި ވައްކަމުގެ ތުހުމަތަކަށް އޭނާ ދިން ޖަވާބެވެ. އެ ޖަވާބު މުސްއަބް ދީފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާއާ ގުޅޭގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަ ނިންމިގޮތުގެ ރިޕޯޓުން ބައެއް ހިމަނައިގެންނެވެ. އެ ރިޕޯޓު އޭސީސީގެ ވެބްސައިޓުގައި ވެސް ހާމަކޮށްފައިވެ އެވެ.

ނަމަވެސް އެ ޓްވީޓުގެ މައްސަލަ ސީއެސްސީން ބެލީ ދައުލަތުގެ ސިއްރު މައުލޫމާތެއް ހާމަކުރިކަމަށް ބުނެ އެވެ.

މުސްއަބް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ އަންނަ އާދިއްތަ ދުވަހު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.