ކޮމިޝަންގެ ތަހުގީގަށް 17 ތަނަކާއި 11 މީހެއް ފާސްކޮށް އޮޕަރޭޝަން ނިންމާލައިފި

ރިޔާސީ ކޮމިޝަންގެ ތަހުގީގަށް 17 ތަނަކާއި 11 މީހެއް ބަލާ ފާސްކުރުމަށް ފަހު، ފުލުހުން ފެށި ހާއްސަ އޮޕަރޭޝަން މިރޭ ނިންމާލައިފި އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން އަންނަނީ 27 މައްސަލައެއް ބަލަމުންނެވެ. އޭގެ ތެރެއިން ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލައާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު މިދިޔަ އާދިއްތަ ދުވަހު ވަނީ ކޮމިޝަނުން ދީފަ އެވެ.

ފުލުހުން ބުނީ ކޮމިޝަންގެ ބޭނުމަށް ހޯދި އަމުރުތަކުގެ ދަށުން ރެއިން ފެށިގެން މާލެ އާއި އައްޑޫގެ ތަންތަން ފާސްކޮށްފައިވާ ކަމަށެވެ. އެއީ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނަކަށް ވާތީ އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

"އެ ކޮމިޝަނުން މި ސާވިސްއާ ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރުތަކެއް ތަންފީޒުކޮށް ނިމިފައިވާތީ ފުލުހުން އިއްޔެ އިން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މާލެ އާއި އައްޑޫގެ އިތުރުން ކަނޑުމަތީގައި ވެސް ފުލުހުންގެ އޮޕަރޭޝަން ހިންގި އެވެ.

ރިލްވާން ވަގަށް ނެގުމަށް ފަހު އެރުވިކަމަށް ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ބުނާ ދޯނި ހަމަޖެއްސި އަހުމަދު އަގްލީލް (ކިޑް) ވެސް، އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ބަޔާން ނެގުމަށް ފަހު ރޭ އޭނާ ދޫކޮށްލީ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހު އެވެ.