ފޯ ސީޒަންގެ ޕެގީ ހެޔޮ ހާލުގައި، ރާއްޖެ ދޫކޮށް މާ ދުރަށް!

ދަލެއްގައި އޮޅި، ހާލުގައި ޖެހިފައި އޮއްވައި ނަގައިގެން ފޯ ސީޒަންސް އިން ފަރުވާދިން ވެލާ ދޫކޮށްލިތާ ދެ މަސް ތެރޭގައި ރާއްޖެއާ ވަރަށް ދުރު "ބޭ އޮފް ބެންގަލް" ކަނޑަށް ދަތުރުކޮށްފި އެވެ.


ޕެގީގެ ނަން ދީފައިވާ އެ އަންހެން ވެލާ، 2014 ވަނަ އަހަރު ފެނުނީ އއ. ކުރަމަތި ރިސޯޓް ކައިރިން ދަލެއްގައިި އޮޅިފައި އޮއްވަ އެވެ. އެ ވެލާގެ ވާތު ފިޔަގަނޑު ބިނދިފައިވާ އިރު އޭތި އޮތީ ވެސް ވަރަށް ބަލިކަށި ވެފަ އެވެ. އެކަށީގެންވާ ބަރުދަނެއް ވެސް އޭރަކު ނެތެވެ.

ފޯ ސީޒަންސްގެ ރިސޯޓެއްގައި ޕެގީ އަށް ފަރުވާ ދެނީ: އެ ވެލާ މިހާރު ވަނީ ބޭ އޮފް ބެންގަލް ކަނޑުގައި-- ފޮޓޯ: ފޯ ސީޒަން

ފޯ ސީޒަންސްއިން ހިންގާ ކުޑަ ހުރާ ރިސޯޓްގެ އިތުރުން ލަނޑާ ގިރާވަރު ރިސޯޓްގެ "މެރިން ޑިސްކަވެރީ ސެންޓަރު"ން ވަނީ އެ ވެލައަށް ފަރުވާ ދީފަ އެވެ.

އިތުރު ފަރުވާ އަށް އެ ވެލާ ބެލްޖިއަމްގެ ޒުލަކަށް އެ ރިސޯޓުން ފޮނުވި އެވެ. އިތުރު ވެލާތަކަކާ އެކު ޕެގީ ބެލްޖިއަމަށް ފޮނުވި އިރު އޭގެ ތެރެއިން ސަލާމަތްވީ ހަމައެކަނި ޕެގީ އެވެ. ތިން އަހަރުގެ ފަރުވާ އަށް ފަހު ޕެގީ ރާއްޖެ ގެނައީ މިދިޔަ ޖޫން 19 ގަ އެވެ.

ލޮކޭޝަން ދެނެގަނެވޭ ޑިވައިސްއެއް އޭގެ ބުރަކަށީގައި ހަރުކުރުމަށް ފަހު ކުޑަ ހުރާ ރިސޯޓުން މިދިޔަ ޖޫން 21 ގައި ދޫކޮށްލި ޕެގީ މި ވަގުތު އޮތީ ބޭ އޮފް ބެންގަލް ކަނޑުގަ އެވެ. ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ވެލާ ވަނީ އެތައް ހާސް ކިލޯ މީޓަރެއް ހުރަސްކޮށްފަ އެވެ. އަދިވެސް އެ ވެލާ އުޅޭ ސަރަހައްދު ފޯ ސީޒަންސްއިން އަންނަނީ މޮނީޓާ ކުރަމުންނެވެ.

ފޯ ސީޒަންސްގެ ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ވެލައަށް ފަރުވާދީ ބަލަހައްޓަ އެވެ. އެކަމަށް ހާއްސަ ސެންޓަރުތަކެއް އެ ރިސޯޓްތަކުގައި ހުރެ އެވެ. ފަރުވާ ދިނުމަށް ފަހު ދޫކޮށްލާ ވެލާތައް މީގެ ކުރިން ވެސް ލޮކޭޓްކޮށް އުޅޭ ސަރަހައްދުތައް އަންނަނީ ބަލަމުންނެވެ.

ދުނިޔޭގައި އުޅޭ ހަތް ބާވަތުގެ ވެލާގެ ތެރެއިން ފަސް ބާވަތެއް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެ އެވެ. އޭގެ ތެރެއިން އާންމުކޮށް ފެންނަނީ ދެ ބާވަތެއްގެ ވެލަ އެވެ. ވެލާގެ ހިމާޔަތުގައި ފޯ ސީޒަންގެ ރިސޯޓުތަކުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. ލަނޑާ ގިރާވަރުގައި ހުރި ޓޭންކްތަކުގައި މިވަގުތު ވެސް ވާވޮށިވެލާ އެބަ އޮތެވެ. އެއީ ދަލުގައި އޮޅިގެންނާއި ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހީގެ ސަބަބުން ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކޮށްފައިވާ ވެލާތަކެކެވެ.