ބަލި މީހުންނާއި ދުވަސްވީ މީހުންނަށް ހައްޖު ޖާގަ ދޭން އެދިއްޖެ

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމުގައި، ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް، ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.


އެމަނިކުފާނު މި ކަމަށް އެދިވަޑައިގަތީ ހައްޖު ކޯޕަރޭޝަންގެ ޗެއާމަން ޑރ. މުހައްމަދު ކިނާނަތާއި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދާ ބައްދަލު ކުރައްވައި، އެ ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ ހައްޖަށް މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރު ވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރަން ދާ މީހުންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ. އެގޮތުން ރަށްރަށުގައި ވެސް ދުރާލައި އެފަދަ ޕްރޮގުރާމްތައް ހިންގައި ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތައް އެ ކުންފުނީގެ ވެރިން ނައިބު ރައީސަށް ދެންނެވި އެވެ. އަދި ހައްޖާޖީންގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރިއާލައި ކޯޓާ ޔަގީން ވާނެ ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ނައިބު ރައީސް އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުން ވެގެން ނައިބު ރައީސަށް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ.

އެ ހުށަހެޅުންތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.