ނޮޅިވަރަންފަރުގެ މަރުގެ ހާދިސާގެ ހަނދާނެއް، މޫދު އަޑިން

މިދިއަ މަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދު އަށް ދަތުރުކުރަނިކޮށް، ލޯންޗު ބަންޑުން ޖަހައިލައި ފަސް މީހުން މަރުވި ހާދިސާގެ ހަނދާނެއް، މޫދު އަޑިން ރޭ ބަޔަކަށް ފެނިއްޖެ އެވެ.


ހަނިމާދޫ ދެކުނު ކޮޅަށް އިހި ނަގަން ފީނި ޒުވާނުންތަކަކަށް ފެނިގެން ނެގީ ކަޅު ކުލައިގެ ފޮއްޓެކެވެ. އޭގައި ހުރީ ކޮންމެވެސް ވަރަކަށް ފެހި ވެސް ޖަހައިފަ އެވެ. އެ ފޮށި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިހީގެ މަސްވެރިކަމަށް ނުކުތް މީހުންނަށް ފެނުނީ، ލޯންޗު ބަންޑުން ޖަހައިލި ހާދިސާއިން ސަލާމަތްވި އާއިޝަތު ޝެހެނާޒް 29، ގެ ފޮއްޓެވެ.

އިހި ނަގަން ފޭބި ގްރޫޕްގައި ހިމެނޭ ފިރާގު މުހައްމަދު ބުނީ އެ ފޮށި ފެނުނީ ލޯންޗު ބަންޑުން ޖަހައިލި ސަރަހައްދުން ކަމަށެވެ. އެ ފެނުނީ އެ ގްރޫޕްގެ އެހެން ޒުވާނެއް ކަމަށް ވާ އަލީ ވިސާމަށް ކަމަށް އޭނާ ބުންޏެވެ.

"ހިތަށްއެރީ އެ މީހުންނަށް ބޭނުން އެއްޗެއް އޭގައި ހުރެދާނެއޭ. ފައިސާ ވެސް ހުރެދާނެއޭ. އެހެންވެ ނަގައިގެން ގެނެސް ޕޮލިހާ ހަވާލުކުރީ،" ފިރާގު ބުންޏެވެ.

އެކަމަކު އޭނާ ބުނީ އެ ފޮށީގެ އިތުރުން ދަތުރުވެރިންގެ އެހެން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.

މިދިޔަ މަހު 29 ގައި ބަންޑުން ޖަހައިލި ލޯންޗުގައި ދަތުރު ކުރި މީހުންގެ ހުރިހާ އެއްޗެއް، އެ ހާދިސާގައި ވަނީ ގެއްލިފަ އެވެ.

އެ ހާދިސާގައި ފަސް ހަތަރު މީހަކާއި ތިން އަހަރުގެ އަންހެން ކުއްޖަކު މަރުވި އެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މެމްބަރަކު ހިމެނެ އެވެ.

ލޯންޗު ބަންޑުން ޖަހައިލި ހިތާމަވެރި ހާދިސާގައި މަރުވި މީހުން:

- ހުސައިން އަބްދުﷲ 55، އަހިމާގެ، ނޮޅިވަރަންފަރު - މަރިޔަމް މައުސޫމް 48، ހުސައިންގެ އަންހެނުން - ފާތުމަތު ގުރައިޝާ 30، ހުސައިންގެ ދަރިފުޅު - އީރާ ހަސަން ޝިފާޒް 3، ގުރައިޝާގެ އަންހެން ދަރިފުޅު - އާއިޝަތު އަލީ 51، ސަލާމަތްވި ޝުކުރޫގެ އަންހެނުން