ތާރީޚީ ދުވަހެއް، ސުޕްރީމް ކޯޓުގައި އަންހެން ދެ ފަނޑިޔާރުންގެ ފުރަތަމަ ޝަރީއަތް

ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވި އަންހެން ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ފުރަތަމަ ފަހަރަށް މިއަދު އެ ކޯޓުގައި ޝަރީއަތެއް ކުރިއަށް ގެންދަވައިފި އެވެ.


މިއީ، ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އަންހެން ދެ ބޭފުޅަކު ހިމެނިވަޑައިގެން ޝަރީއަތެއް ކުރިއަށް ގެންދެވި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާ އެކު އަޒްމިރަލްދާ ކުރިއަށް ގެންދެވީ ދައުލަތަށް ރައްދުވާ ވަޒީފާއާ ބެހޭ މައްސަލައެއްގެ ޝަރީއަތެވެ. ޝުޖޫން ކުރިއަށް ގެންދެވީ ހަޟާނާތުގެ މައްސައެއްގެ ޝަރީއަތެވެ. ޝުޖޫންއާ އެކު އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އަޒްމިރަލްދާ އަކީ ކުރިން ހައި ކޯޓުގެ ފަނޑިޔާރެކެވެ. ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރު އެ ކޯޓުން އިސްތިއުފާ ދެއްވީ 2016 ގަ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރުކަން ކުރެއްވި ޝުޖޫން ހިމެނެނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރޭގަ އެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.

ސުޕްރީމް ކޯޓަށް ޝުޖޫނާއި އަޒްމިރަލްދާ އައްޔަން ކުރަން އެންމެ ފުރަތަމަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ލަފަޔާ އެއްގޮތަށް ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ 62 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރެއްވުމުން އެ ކޯޓުގެ ބެންޗުން އިތުރު މަގާމެއް ވެސް އޮތީ ހުސްވެފަ އެވެ. އެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ، މަހާޒް އަލީ ޒާހިރު އައްޔަން ކުރައްވަން ލަފައަކަށް ރައީސް ވަނީ ޖޭއެސްސީ އަށް ހުށަހަޅުއްވައިފަ އެވެ.