ބަންގްލަދޭޝްގެ ލޭބަރުން ގެނައުން އެއް އަހަރަށް މަނާކޮށްފި

ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މިއަދުން ފެށިގެން އެއް އަހަރު ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފި އެވެ.


ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނާއި ގަވާއިދަށް ފެއްތުމަށް ފަށާ މަސައްކަތާ ބެހޭ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެގޮތުން ކޮންމެ ގައުމަކަށް ކަނޑައެޅީ 150،000 ގެ ކޯޓާއެއް ކަމަށާއި މި މިންގަނޑަށް ބެލުމުން ބަންގްލާދޭޝްގެ ކޯޓާ މިހާރު ހަމަވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު ހަމަވެފައި ވާތީ ދެން ގެނެވޭނީ އެހެން ގައުމުތަކުގެ މަސައްކަތްތެރިން ކަމަށެވެ.

މިގޮތަށް ކަނޑައެޅި ނަމަވެސް ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނައުން މަނައެއް ނުވާނެ އެވެ.

"އަޅުގަނޑުމެން ނިންމައިފިން ކޮންމެ ގައުމަކަށް ވެސް ލިމިޓެއް ކަނޑައެޅުމަށް. މި ލިމިޓް ކަނޑައެޅުމުގައި މި ބަލަނީ އަންސްކިލްޑް ލޭބާގެ ކެޓަގަރީއަށް. އެހެންވީމާ މިހާރު ކަންވެފައި އޮތް ގޮތުން ބަންގްލަދޭޝް އަށް އިތުރަށް މީހުން ވެއްދޭކަށް ނެތް މިވަގުތު،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު

މިނިސްޓަރު ވިދާޅުވީ މި ގޮތަށް އަމަލުކުރަން ފަށަނީ މިއަދުން ފެށިގެން ކަމަށް ވާތީ މިއަދާ ހަމައަށް ކޯޓާއަށް އެދިފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ.

މިއީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެކުލަވައިލެއްވި ޓާސްކުފޯހުގެ ނިންމުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ނިންމުމުގެ ސަބަބުން، ކުރިއަށް އޮތް ހަ މަސް ދުވަހު އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރާ ނަމަ ނިންމުން މުރާޖައާކުރާނެކަމަށެވެ.

"ހަމަސް ތެރޭގައި އިގްތިސާދަށް އޭގެ ސަބަބުން އަންނަ ބަދަލުތަކާއި ގޮންޖެހުންތަކެއް ހުރިއްޔާ އަޅުގަނޑުމެން ޓާސްކުފޯހުން މި ނިންމުން އަލުން ރިވިއުކުރާނަން،" މި ޓާސްކް ފޯހުގެ ޗެއާމަންކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.

ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ރާއްޖެ އަށް ބިދޭސީން ގެނެސް ގާނޫނާއި ގަވައިދާ ހިލާފް ކަންކަން ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތަށް މިދިޔަ ހަފުތާގައި ބަންގްލާދޭޝް ދެ މީހަކު ވަނީ ޑީޕޯޓްކޮށްފަ އެވެ.