އަލިފާން ރޯވެ ފެތުރެނީ
21 ސެޕްޓެމްބަރ 2019 - 12:58
ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާ ފެށިގެން އައީ ހ. ފެހި އާބާދުގައި ހަދާފައިވާ ކެމިކަލް އެއްޗެހި ރައްކާ ކުރާ ގުދަނެއްގައި ރޯވެގެން ކަމަށް މިހާތަނަށް ބެލެވުނަސް، އެއީ ތެދު މައުލޫމާތެއް ނޫން ކަން ކަށަވަރު ވެއްޖެ އެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވީ ފެހި އާބާދުގެ ތިރީގައި ހަދާފައިވާ ގުދަނެއްގައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވެސް ބުނެފައި ވެ އެވެ. އެހެން ނަމަވެސް، އެގޭގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި، އަލިފާން ރޯވީ އެގޭ މަގުގެ އަނެއް ފަޅީގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަނެއްގަ އެވެ. އަދި ފެހި އާބާދުގައި ރޯވީ އޭގެ މާފަހުން ކަމަށް އެ ގޭގައި ދިރިއުޅޭ މީހަކު މިއަދު ބުންޏެވެ. މި ކެމިކަލް ގުދަން ހުރީ ތިލަފުށި ނަމަކަށް ކިޔާ ގެއެއްގައި ޓިނުން ހަދާފައިވާ ތިން ބުރީގެ އިމާރާތެއްގަ އެވެ.
"އެ ތިން ބުރި ވެސް އެއީ އެ މީހުންގެ ތިން ފްލޯ،" އޭނާ ބުންޏެވެ.
ތިލަފުށީ ގޭގައި ޓިނުން ހަދާފައިވާ އެ އިމާރާތް އަނދައި ހުލިވިޔަސް، އަދިވެސް ފެންނަން އެބަހުއްޓެވެ. ތިރީގައިވާ މި ވާ ޗާޓާ ހަވާލާދީ، އޭނާ ބުނި ގޮތުގައި، ތިލަފުުށީ ގޭގެ ކުރިމަތިން ފެހި އާބާދާ ޖެހިގެން ދެކުނަށް ހުރި، ގަޒްވިން އާއި އަދޫ އާއި އީރާނުގޭގެ އިތުރުން ރަދުވާނިއާ އިމާރާތް ވަނީ އަނދައިފަ އެވެ. އަދި ތިލަފުށި ގެއާ ޖެހިގެން ހުރި މާޓިންގެ އިން ފެށިގެން ގޮސް ހުޅަނގަށް ހުރި އަލްފާ އާ ހަމައަށް ވަނީ އަލިފާނުގެ އަސަރު ކޮށްފަ އެވެ. އެ ގެތަކުގެ އިތުރުން ތިލަފުށީގެ ބިތްދޮށުން ހުރި ވަރަށް ގިނަ ގެއަށް އަސަރުކޮށް، ކޯލް ފީލްޑާ ޖެހިގެން ހުރި އިމާރާތަކާއި ބިތްދޮށުގައި ހުރި ދެ އިމާރާތް ވެސް ވަނީ އަނދައިފަ އެވެ. މީގެ އިތުރުން ހަމަ އެތާނގައި ހަދަމުން ދިޔަ އިމާރާތެއްގެ އޮނިގަނޑު އަރިއަޅާލައި އެހެން އިމާރާތެއްގެ މައްޗަށް ވަނީ ވެއްޓިފަ އެވެ.
"އަޅުގަނޑުމެންގެ ގޭގެ ވެސް ދެ ބުރި ގައިމު ވެސް އަނދައިހުލިވި، އެ މަގުގައި އެ ސަރަހައްދުގައި ހުރި ސައިކަލްތައް ވެސް އަނދައިގެން ދިޔަ،" ފެހި އާބާދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ދިހަ ބުރީގެ ފެހި އާބާދުގައި ދިރިއުޅޭ އެހެން އަންހެނަކު ބުނީ އިރާކޮޅު، ހަތެއް ޖަހާ ބޮޑުވި ފަހުން ކޮޓަރީގައި ހުއްޓާ އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅު "އަލިފާނޭ" ކިޔައި ހަޅޭއްލަވައިގަތް ކަމަށާއި އޭރު ގޭތެރެއަށް ދުންގަނޑު ވަދެގެން އަންނަނީ ކަމަށެވެ. ސާދަ އަހަރުގެ އަންހެން ދަރިޔަކު ވެސް އެ ވަގުތު ގޭގައި ހުއްޓެވެ.
"ބަދިގޭގެ ދޮރު ހުޅުވާލައިފައި ބަލާލި އިރު އަލިފާންގަނޑު ކުރިމަތިން ފެނޭ،" އޭނާ ކިޔައިދިނެވެ. "ދެން އަވަސް އަވަހަށް އަޅުގަނޑު ބެލީ އެތަނުން ނުކުމެވޭތޯ."
އަވަސް އަވަހަށް ބުރުގާ އަޅައިގެން އޭނާ ނުކުތް އިރު، ގޭގެ އެހެން ފްލޯތަކުން މީސްމީހުން ދުވަމުން ދުވަމުން ސިޑިން ފައިބަމުން ދެ އެވެ. އޭނާ ބުނީ ހާސްވެފައި ހުރިލެއް ބޮޑުކަމުން މީހަކަށް ވެސް ގުޅަން ހަނދާން ނުވި ކަމަށެވެ.
"އަޅުގަނޑު ގެއިން ބޭރަށް ނުކުތް އިރު މަގު މެދަށް އޮތީ ހުޅުގަނޑު ފެތުރި، މަގުގެ އަނެއް ފަރާތުގައި ހުރި ސައިކަލްތަކުގައި ހިފާފައި،" އޭނާ ކިޔައިދިނެވެ. "އޭރު އަދި އަޅުގަނޑުމެންގެ ފަޅިން އެއްވެސް ގެއެއްގައި އަލިފާނެއް ނުހިފާ."
އެކަމަކު އެ ސަރަހައްދަށް މީހުން ޖަމާވެ، ސައިކަލްތައް ނެގޭތޯ މަސައްކަތް ކުރަމުން ދިޔަ ތަން އޭނާ އަށް ފެނުނެވެ. އޭގެ ތެރޭގައި އޭނާގެ ސައިކަލް ވެސް ހިމެނެ އެވެ. އެކަމަކު އެ ސައިކަލް މި ހާދިސާގައި ސަލާމަތެއް ނުވި އެވެ.
"ސައިކަލްތަކުގައި ރޯވެ، އެ އަލިފާންގަނޑު އަޅުގަނޑުމެންގެ ގޭގެ ފަޅިއަށް ދިޔައީ،" އޭނާ ބުންޏެވެ.
އަނދައިގެން ދިޔަ ގެތަކަށް އަދިވެސް މީހުންނަކަށް ނުވަދެވެ އެވެ. އެހެންވެ، އޭނާގެ އެޕާޓްމަންޓް އަނދައިގެން ދިޔަކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު އޭނާ އަށް އެއްކަމެއް ޔަގީނެވެ.
"ވަރަށް ބޮޑު ގެއްލުމެއް ލިބިފައި ހުންނާނެ،" މިހާރު ތިމާގެ މީހެއްގެ ގޭގައި ވަގުތީ ގޮތުން ހުރި މީހާ ބުންޏެވެ.
އަނދައިގެން ދިޔަ ސަރަހައްދު ވަށައިގެން ސިފައިންނާއި ފުލުހުން އަންނަނީ ފޯރިމަރަމުންނެވެ. އެހެންވެ، އަނދައިގެން ދިޔައީ ކިތައް ގެ ކަމެއް، އަދި ގެއްލުން ލިބިފައި ވަނީ ކޮން ގެތަކެއް ކަމެއް ވެސް ސާފެއް ނުވެ އެވެ. އެ ސަރަހައްދަށް ނުވަދެވޭތީ ނޫސްވެރިންނަކަށް ވެސް އެ މަންޒަރެއް ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
22 September 2019
މާލެ ސަރަހައްދުގެ އޮފުކަން ކަނޑުވާލަން ގޮވާލަން. އޭރުން މާލެއަށް މީހުން ނާންނާނެ. ދެން މާލޭގައި ހުރި ކާޕެންޓްރީތަކާއި ވޯކްޝޮޕްތަކާއި ގުދަންތައް ހުޅުމާލެއަށް ބަދަލުކުރުމަށް ގޮވާލަން. ހުޅުމާލޭގައި އިންޑަސްޓްރިއަލް އޭރިޔާއޭކިޔާ ބޮޑު ސިންގާ އޭރިއާއެއް އެބައޮތް. އެތަންތަނުގައި ލޭބަރ ކުއާޓަރ ހަދާފަ ހެސްކިޔާފަ ބަންގާޅީން ނިންދަވާފަ ގެސްޓް ހައުސާއި އޮފީސް ހެދިގެންނުވާނެ. އެތަން ދިން ބޭނުންނޫން ކަމެއްކުރާނަމަ ބިން އަތުލާ. އަބަދުވިޔަފާރިވެރިންގެ ހައްގު
އިމަނާ
22 September 2019
ތުލުސްދޫގަވެސް މީހުން ދިރިއުޅޭ ގޭގޭގައި ޕެޓްރޯލް ފުޅިފުޅިއަށް އަޅައިގެން ވިއްކާ. މިގޮތަށް ރާއްޖޭގެ ހުރިހާ އާއްމު ގޭގޭގައި މިފަދަ ނުރައްކާތެރި އެއްޗެތި ވިއްކުން މަނާކުރާނީ ހިތާމަވެރި ހާދިސާއެއް ހިނގީމާތޯ ސުވާލު އުފެދޭ؟ މިކަމަށް އަވަސް ހައްލެއްބޭނުން.
މާލޭމީހާ
22 September 2019
ދެން އެންމެ އަވަހަށް ކުރަންވީ މާފަންނުގަ އެހެރަ ލަކުޑި ގުދަން ތަށް ތިލަފުއްޓަށް ބަދަލު ކުރަންވީ އެއިން ތަނެއްގަ އަލިފާން ހިފާލާފިނަމަ ވ ބޮޑެތި ގެއްލުންވާނެ.
ހޮޅުދޫ
22 September 2019
N. Holhudhoo ga theyo vikkamum gendhaa faraathun rashuthereyga meehun dhiriulhey hisaabuga tank bahattakain ekan kuraathy aammun evaahaka dhakka. Nurakkaatheri haadhisaa aky bunefa vaa kankameh nun. Sarukaarun mikamah kommes gotheh nimma dhinun edhen.
ނެތީތަ
22 September 2019
ކައުންސިލަރުން ކިޔާ ބަޔަކު ނެތީތަ؟
މަރުދުރު
21 September 2019
ގއ.މާމެމެންދޫ ގަ މީހުން ދިރިއުޅޭ ގެތަކުގެ މެދުގަ 70ޓަނުގެ ޕެޓްރޯލް ޓޭންކް އެއް ބިންމަތީގަ ބަހައްޓާގެން ޕެޓްރޯލް ވިއްކަމުން އެބަގެންދޭ. މިކަން ކުރާ ފަރާތުން ވެސް ރައްޔިތުންނާ މެދު ވިސްނަވާ ވީހާވެސް އަވަހަކަށް މިތަނުގައި ޕެޓްރޯލް ވިއްކުން ހުއްޓާލުމަށް އަޅުގަޑު އިލްތިމާސް ކުރަން.
އަސްތާ
21 September 2019
ތިޔަކަން އެކަނިތޯ؟ މަސްތުވާތަކެތި ކިހާވަރަކަށް ވިއްކާތޯ؟ ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ވައްކަން ނުކުރޭތޯ؟ މަކަރާއި ހީލަތާއި ޚިޔާނާތް އޮތީ ހައްދުފަހަނަޅާފައި ނޫންތޯ؟ ނެތިމޮށުމާއި މުޅަމަސްކެއުން އޮތީ އަތްނުފޯރާފަށުގައި ނޫންތޯޯ؟ ހިތެއް އޮތް މީހަކަށް ކުޅަދާނަ ނުވާ މިންވަރަށް މިބާވަތު ކިތައް ކިތައް ކަންތައް އެބައޮތްތޯ؟
ބަސްތާ
23 September 2019
'އަސްތާ'އަށް ސަލާން. 'މަސްތުވާތަކެތި' ތަކެއްޗާ މިކަމާ ހުރީކޮންގުޅުމެއް. ކަމުގެއަސްލު އޮޅުވާލާ އެހެންކަމެއްގެ ވާހަކަދެއްކުމަކީ އެކަމަކަށްދޭން އޮންނަ އަހަމިއްޔަތުކުން ނެތޭކަމެކެވެ. މަސްތުވާތަކެތީ ވާހަކަދައްކާނީ މަސްތުވާތަކެތީގެ މައްސަލައެއްނަމަ. ދެންވެސް މޮޔަ ނުގޮވާނެކަމަށް އުއްމީދުކުރަން.
ރަބަރު
21 September 2019
ވަރަށް ހިތާމަވެރި ހާދިސާއެއް. މިފަދަ ހާދިސާތައް ހިނގުމުގައި ޒިންމާ ނަގަންޖެހެނީ އެންމެ ފަރާތަކުންނޫން. ފުރަތަމަ ޒިންމާ ނަގަންވީ ގޭގެވެރިފަރާތުން. ކެމިކަލްގުދަންކުރަން އަމިއްލަ ގެ ކުއްޔަށްދީގެންނުވާނެ. މީހުން ގިނަ ތޮއްޖެހިފައިވާ މާލޭގައި މިފަދަ ކެމިކަލް ގުދަންކުރުން މަނާކުރަންޖެހޭއިރު މިހާތަނަށް ނުކުރެވި އޮތުމަކީ ކުރީގެ ސަރުކާރުތަކުގެވެސް ޒިންމާއެއް.
އިސްމާލްކަލޭފާނު
21 September 2019
ފެހިއާބާދެއް ރަތް އާބާދެއް ނޯންނާނެ. ތިޔަކަހަލަ އަލިފާންފަތުރާލާ ކެމިކަލު ތިޔަކަލަ މީހުން އާބާދުވެއުޅޭ ތަންތަނުގައި ބެހެއްޓިގެންނުވާނެ އެންމެފުރަތަމައިނުންވެސް.
ާއިސްމާއިލް
21 September 2019
ޙަބަރު ކިޔާފަ ކިޔާ އެއްޗެއް ކިޔާ ބަލަ މިހާރު ތިޔަ ގޮވެނީ މޮޔަ ކަލޭފާނު ?
ދެބަންދިހާރުު
21 September 2019
ބަލަގަ މިތާގަ ކޮބައިތަ ހަބަރު ނުކިޔާ ކޮމެންޓް ކޮށްފަ؟ އެބުނަނީ މީހުން ދިރިއުޅޭ ގޭގޭގައި އެފަދަ ޒާތުގެ ގޮވާތަކެތި ނުގެންގުޅޭށޭ!
ހުސެެން
21 September 2019
އެގެޔައް ތިލަފުށި ކިޔާތި އެގޭގަ ކެމިކަލް ގުދަން ކުރިޔަސް އޯކޭ ވާނެ
ސުޕް
21 September 2019
މިއީ މަޖާކުރަންޖެހޭކަހަލަ ދަނޑިވަޅެއްނޫން.
ދަންނަ ނުދަންނަ
21 September 2019
ކެމިކަލް ރައްކާކޮށްފައި ތިހުރީ ތިލަފުށީގައި. އެންމެންވެސް މިކިޔަނީ ތިލަފުށީގައި ކެމިކަލް ބަހައްޓަން ޖެހޭ ވާހަކަ ނޫންތޯ؟
ފުރަމާލެ. މޯލްޑިވްސް
21 September 2019
ކަލޯ މިކަން ހުއްޓޭނީ ގުދަންކުރުން ހުއްޓިގެން. އިންސާނުން ދުނިޔޭގައި އުޅެ ހޯދާފައިވާ ތަޖްރިބާތަކައް ބަލައިގެން ކަންކޮށްބަލަ. ގްރީން ޒޯނޭ ރަތްޒޯނޭ ވަތްކެތްނުވޭ ޕެޓްރޯލް ޝެޑާޖެހިގެން ސްކޫލް ދެން މިލިޓރީ މަރުކަޒާ ޖެހިގެން މިސްކިތް. އެއްމިއެއް ވަތްކެތް ނުވޭ. އަސްލު ތިވީ ހީކުރިވަތަށްވުރެ ކުޑަ ގެއްލުމެއް. މޫސުމްގެ ސަބަބުން މިހާވަރުން ސަލާމަތްވީ.
ބަނަމާލެ
23 September 2019
ކަމުގެ އަސްލަކީ ގުދަންކުރުމެއްނޫން. ގުދަންކުރަން ގެންގުޅުނުއުސޫލް. ތިޔައުސޫލުން ބުނަނީނަމަ 'އިންސާނުން ދުނިޔޭގައި' ނޫޫޅުންނަމަވެސް ތިކަމެެއްނުވީސް.
ކަރީމުއްދީން ބާޝާ
21 September 2019
ކެމިކަލުބޮލުގައި އަޅުވާފައި ނޫނީ ކޮންމެސް ބަންގާޅީއެއް ބޮލިގައި އަޅުވާފައި މިކަން ނިންމާނުލާތި.
ހިމޯ
21 September 2019
މިކަމުގަ ޒިންމާ ވާންޖެހޭނީ ސަރުކާރަކުން ނޫންތަ ؟ ހުއްދަ ދެނީ ސަރުކާރުން ، މާލެ އަށް މީހުން ތޮއްޖައްސަނީ ސަރުކާރުން. މިސަރުކާރުން މިކަން ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރަން.
ޒިންމާދާރުވޭ
23 September 2019
ސަރުކާރާއެއްވަރަށް އިހުމާލުވި އެހެންފަރާތްތަށްވެސް ޒިންމާނަގަންވާނެ. ސަރުކާރުވެސް ވަނީ އިހުމާލުވެފަ (ހީވާ ގޮތުގައި ޒިންމާނެގުމުގެ ގޮތުން މިހާރުވެސް އެހީފޮރުކޮށްދެނީ، ބަދަލުވެސް ދޭންޖެހޭނެ). އަމިއްލަ ފަރާތްތަށްވެސް ދޫކޮށްލެވިގެންނުވާނެ. ކޮންމެފަހަރަކު ސަރުކާރު ޒިންމާއޭކިޔާފަ ވިޔަފާރިވެރިން ބަދަލު ހޯދަންދުވަނީ.