މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 800 އަށް ވުރެ ގިނަ ދަރިވަރުން ރޭ ދަސްވެނިވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ހިންގި ކޯސްތަކުން 868 ދަރިވަރުން ދަސްވެނިވި އެވެ. އޭގެ ތެރޭގައި 260 ފިރިހެނުން ހިމެނޭއިރު ދަސްވެނިވި އަންހެނުންގެ އަދަދަކީ 609 އެވެ.
އެންމެ ގިނަ ދަރިވަރުން ސެޓްފިކެޓް ހާސިލްކޮށްފައި ވަނީ ނާސިންގެ ޑިޕްލޮމާ ކޯހުންނެވެ. އެ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައި ވެ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ވިޔަފާރިވެރިޔާ، އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ކުރިން އަދާކުރެއްވި ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ގައުމެއްގެ ތަރައްގީ ބިނާވެފައި އޮންނަނީ އެ ގައުމެއްގެ ދަރިންގެ ތައުލީމް ހުރި ގޮތުގެ މައްޗަށް ކަމަށެވެ. އެކަމަކީ ބަހާއި ހިސާބު އިލްމާއި މަސައްކަތް ކަމުގައި ވިޔަސް ގައުމެއް ބިނާކުރަން ބޭނުންވާ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޓްމެންޓް ދީ ވަގުތު މެނޭޖުކުރަން ދަސްކޮށް ރަނގަޅު ކަންކަމުގައި ބޭނުންކުރަންޖެހޭނެ ކަމަށެވެ. އަދި އަވަހަށް ނިދައި ފަތިހު ހޭލައިގެން ކަސްރަތުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އަމިއްލަ ސިއްހަތާ ދޭތެރޭ ނުވިސްނާ ބައެކޭ، މޭވާ ނާޅާ ގަހެކޭ އެއްވެސް ތަފާތެއް ނެތެވެ.
އޭނާ ވިދާޅުވީ ފަތިހު ހޭލައި ނަމާދުކޮށްލައި ކަސްރަތު ކޮށްލާ ނަމަ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށެވެ.
.