ފަޓާސްތަކެއް ގެންގުޅުނު މީހަކު ހައްޔަރުކޮށް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ރޭ ފަތިހު 4:00 ހާއިރު މި މީހާ ހައްޔަރުކުރީ ހިލާލީގެ ކުރިމަތިން އޮންނަ، ފަރީދީ ގޯޅި ތެރޭ އުޅެނިކޮށް، ފުލުހުންނަށް ޝައްކުވެގެން ފާސްކުރި އިރު އޭނާގެ އަތުން ބަޑިބޭސް ފެނިގެންނެވެ. އަދި ފަހުން އޭނާގެ ގެ ފާސްކުރި އިރު ގެއިން ވެސް ބަޑިބޭހުގެ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ތަހުގީގަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ ހަތް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފާސްކުރި އިރު ފެނުނީ ފަޓާހުގެ ގޮތުގައި ބޭނުންކުރާ އާދައިގެ ބަޑިބޭސްތަކެކެވެ. މިއީ އަވަށްޓެހި ގައުމުތަކުގައި އެކި މުސާބަތުތައް ފާހަގަކުރަން ރޯކުރާ ޒާތުގެ ފަޓާސްތަކެއް ކަމަށްވެ އެވެ.
ފަޓާސް އަދި ބަޑި ބޭހުގެ ބާވަތްތައް ރާއްޖެ އެތެރެކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން، ހާއްސަ ބޭނުންތަކަށެވެ.
ހައްޔަރުކުރި މީހާ އުޅޭ ގެއިން ފެނުނު އެއްޗިއްސަކީ އޭނާއާ ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށާއި އެއީ އާއިލާގެ ކުއްޖަކު ގެންގުޅެފައި ހުރި އެއްޗެއް ކަމަށް އެ މީހާ ބުނާ ކަމަށްވެ އެވެ.