ހަމަޖެހުން ގެނެވޭނެ ހަމަ އެކަނި ގޮތަކީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުން: ރައީސް

މެދުއިރުމައްްޗަށް ހަމަޖެހުން ގެނެވޭނެ ހަމަ އެކަނި ގޮތަކީ އިޒްރޭލު ވެސް އޮތުމާ އެކު ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ގާއިމްކޮށްދިނުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.


އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އިޒްރޭލުން މިހާރު ގެންދަނީ މީގެ ކުރިން ދުވަހަކު ވެސް ނަގައިނުލާ ވަރަށް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނަގައިލަމުން ކަމަށެވެ. އެގޮތުން ފަލަސްތީނު ރައްޔިތުން އެކަހެރިކޮށް އެމީހުންނާ މެދު ބޭއިންސާފުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ހުރިހާ ގަރާރަކާ ހިލާފަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރުގަދަ އަށް ގަބޫލުކުރަނީ މެދުއިރުމަތީގެ މައްސަލަޔަށް ދާއިމީ ސުލްހަ ގެނެވޭނީ އިޒްރޭލާއި އަރަބި ގައުމުތަކާ މެދު އިހުލާސްތެރިކަމާ އެކު މާނަހުރި މަޝްވަރާތަކެއް ކޮށްގެން ހޯދާ ދެ ދައުލަތް އޮންނަ [ފަލަސްތީނުގެ ދައުލަތާ އެކު] އޮންނަ ހައްލެއް ހޯދައިގެން ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެ ނަތީޖާ ނެރެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އދ. އާއި އެ ޖަމާއަތުގެ މެމްބަރު ހުރިހާ ގައުމުތަކަށް ރައީސް ގޮވައިލެއްވި އެވެ. ފަލަސްތީނަށް ރާއްޖޭން ކުރާ ތާއީދަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"1967 ވަނަ އަހަރު އޮތް ފަލަސްތީނުގެ ބޯޑަރުގެ ތެރޭގައި، ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް އޮންނަ ގޮތަށް، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދަން ފަަލަސްތީނު މީހުން ކުރާ މަސައްކަތަށާއި ފަލަސްތީނު މީހުންނަށް ދެ ގޮތެއް ނުވާ ތާއީދުކުރުމުގައި ދިވެހިރާއްޖެ އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރު ފެއްޓެވީ ކަނާތުފިޔައިގެ ހަރުކަށި ވިސްނުން (ޕޮޕިއުލިޒަމް) އާއި ސިޔާސީ ހައްދުފަހަނައެޅުމާއި ނަސްލީ އިމްތިޔާޒްގެ ވިސްނުން ދުނިޔޭގައި ފެތުރޭ ކަމުގެ ކަންބޮޑުވުމާއި ވިޔަފާރީގެ ހަނގުރާމަޔާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެހެން ގައުމުތަކާއި ނަސްލުތަކުގެ މީހުންނަށް ނަފްރަތު ކުރުމުގެ ވިސްނުމުގެ ސަބަބުން މުޖުތައުތައް ބައިބައިވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެކަންތައްތަކާ އެކު ދުނިޔޭގައި ގިނަ ކަންތައްތަކެއް ގޯސްކޮށް އެބަހުރި ކަމަށާއި އދ. މުހިއްމުވަނީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އދ.ގެ މުހިއްމުކަން ކުރިއަށް ވުރެ ބޮޑުވާ އަނެއް ސަބަބަކީ ހުރިހާ މުޖުތަމައުތަކެއްގައި ޓެރަރިޒަމް ފެތުރެމުން ދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މުއައްސަސާ އުފައްދަން މެދުވެރިވި ބިރުވެރި ކަންތައްތައްކުގެ މަތިން [ފުރަތަމަ ބޮޑުހަނގުރާމަޔާއި ދެ ވަނަ ބޮޑުހަނގުރާމައިގެ މަތިން] އަޅުގަނޑުމެން ހަނދާންކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ވާހަކަޔަކީ ފާހަގަކޮށްލެވޭ ވާހަކައެއް ކަމަށާއި އެއީ ޑިމޮކްރަސީ ނެތި ދަނިކޮށް އަނބުރާ އިއާދަކޮށްފައި ވާތީ ކަމަށެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުމާ ހަމަޔަށް ރާއްޖެ އޮތީ އެކަހެރިވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ އަކީ ލުއިލުއި ކަމެއް ކަމަކަށް ނުބަލަން. ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ދެއްވި މި ތަގުރީރުގައި ރައީސް ވަނީ ޓެރަރިޒަމްގެ ނުރައްކަލާއި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ފާހަގަކުރައްވައި އެ ކަންކަމާ ދެކޮޅަށް ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވިއިރު ވެސް ތަގުރީރު ކުރެއްވުމަށް އދ. އަށް ވަޑައެއް ނުގަންނަވަ އެވެ.