ރައީސް އދ.ގައި ކުރީގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ރައީސަކު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އދ.ގައި ދެއްވި ތަގުރީރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.


އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަން ފައްޓަވަމުން ރައީސް ދެއްކެވީ ދުނިޔޭގައި މިހާރު އެންމެ ބޮޑުވެފައިވާ ބައެއް މައްސަލަތަކުގެ ވާހަކައެވެ. އެގޮތުން ކަނާތުފިޔައިގެ ހަރުކަށި ވިސްނުމާއި ނަސްލީ އިމްތިޔާޒާއި ޓެރަރިޒަމްގެ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. ރާއްޖޭގެ ވާހަކަޔަށް ވަޑައިގެންނެވުމުގެ ގޮތުން އެމަނިކުފާނު ފުރަތަމަވެސް ވިދާޅުވީ ރާއްޖޭގެ ވާހަކަޔަކީ "ޚުދުމުޚުތާރު ކަމަށް އެނބުރެމުން ދިޔަ ދިއުމެއް އަނެއް އަތަށް އަނބުރައިލި ގައުމެއްގެ ވާހަކަ" ކަމަށެވެ.

ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ވުމަކީ "ޑިމޮކްރަސީގެ ހުޅުކޮޅު އެއްފަހަރުން ރޯކޮށްލުން" ކަމަށް ސިފަކުރެއްވި އެވެ. ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހާލަތު އޮތް ގޮތް އެއަށް ފަހު ސިފަކޮށްދެއްވި އެވެ.

"ޝަރުއީ ނިޒާމު އޮތީ ހައިޖެކްކޮށްފައި، ޕާލަމެންޓް އޮތީ ހުއްޓުމަކަށް ގެނެސްފައި، ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ވައްދައި ނޫސްވެެރިންގެ އަނގަ ބަންދުކޮށްފައި،" ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތް ހާލަތު ހުލާސާކުރައްވައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ތިއްބެވީ ޖަލުގައި ނުވަތަ ނޫނީ އަމިއްލަފުޅަށް އަރުވާލެވިގެން ގައުމުން ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖޭގެ ކަންތައް އޭރު ހުރި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އޭރު އޮތް ޚުދުމުހުތާރުކަމާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތައް ވާހަކަ ދެއްކި ކަމަށާއި ފާޑުކިއުންތަކާ މެދު އޭރުގެ ސަރުކާރުން ކަންތައް ކުރީ ހުދުމުހުތާރު އެެހެން ގައުމުތަކުން ވެސް ކަންތައްކުރާ ގޮތަށް ކަމަށެވެ.

"ސަރުކާރުން ދުނިޔެ އަށް ފުރަގަސްދިން. ކޮމަންވެލްތު އޮފް ނޭޝަންސް އިން އަޅުގަނޑުމެން ވަކިވިން. ދިވެހިރާއްޖެ އަށް ޑިމޮކްރަސީ ގެންނަން އެ ޖަމާއަތުން ގޮވައިލި ގޮވައިލުމަކީ ސިޔާދަތަށް އަރައިގަތުން ކަަމަށް ބުނަމުން. އެކަހެރިވުމަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާތަށްވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭން މިހާރު މަސައްކަތްކުރަމުން އަންނަނީ ކުރިއްސުރެ ގުޅުން އޮތް ގައުުމުތަކާ އެކު އޮތް ގުޅުންތައް މުރާޖައާކޮށް އާ ގައުމުތަކާ އެކު ގުޅުން އުފައްދާށެވެ.

އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވިއިރު ވެސް ތަގުރީރު ކުރެއްވުމަށް އދ. އަށް ވަޑައެއް ނުގަންނަވަ އެވެ.