"ބޮޑުން" ޑީޕޯޓްނުކޮށް މޫލާފައި ހުރި ވަރު ބަލަން ޖެހޭ: ފައްޔާޒް

ރާއްޖޭގައި ގަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ "ބޮޑުން" ޑީޕޯޓްނުކޮށް، އެ މީހުންނާ ގުޅިފައިވާ މޫތައް ހޯދައި މައްސަލަ ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ރޭ ވެސް ދެއްވައިފި އެވެ.


ބިދޭސީންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި މިނިސްޓަރު ރޭ މިހެން ވިދާޅުވި އިރު މަނީ ލޯންޑާކޮށް، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރިކުރުމުގައި އުޅުނު ދެ ބިދޭސީއަކު، ތަހުގީގަކާ ނުލައި އިމިގްރޭޝަނުން ދާދި ފަހުން ވަނީ ޑިޕޯޓްކޮށްފަ އެވެ. މި މައްސަލައިގައި އެތަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ފައްޔާޒްގެ ވާހަކައިގައި، ބިދޭސީންނާ ގުޅުން ހުރި މޫތައް ކަމަށް އިޝާރާތް ކުރެއްވީ ދިވެހިންނަށް ކަމަށް ބެލެވެ އެވެ. އެއީ، ކޯޓާ ހޯދައި ބިދޭސީން ރާއްޖެ އެތެރެކުރުމަކީ ބިލިއަން ރުފިޔާގެ ވިޔަފާރިއެއް ކަމަށް މިނިސްޓަރު ސިފަކުރެއްވުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޑިޕޯޓްކޮށްލީ ގާނޫނާ ޚިލާފު އަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގަމުން ދިޔަ ދެ ބިދޭސީން ނަމަ، އެ މީހުންނާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެ މީހުން ހިންގާ ކަންކަމާ ގުޅުން ހުރީ ކޮން ބައެއްތޯ ވެސް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު އެއްބަސްވެވަޑައިގެންނެވި އެވެ.

"ހަމަގައިމު ވެސް ބިދޭސީއަކަށް ރާއްޖެ އައިސް 20 އަހަރު ނޫނީ، 10 އަހަރު އެ ކަހަލަ މަސައްކަތެއް ކުރަމުންދާ އިރުގައި އެކަނިމާއެކަނި އެކަމެއް ނުކުރެވޭނެ. އަސްލުގައި ވަރަށް ރަނގަޅުވީސް އެ މީހުން ހައްޔަރުކޮށްގެން އެ މީހުންނާ ގުޅުން ހުރީ ކޮން ބިދޭސީންނެއްތޯ ނުވަތަ ކޮން ދިވެއްސެއްތޯ ބަލާލެވުނު ނަމަ،" ފައްޔާޒް ވިދާޅުވި އެވެ.

މިނިިސްޓަރު ވެސް ވިދާޅުވި ގޮތުގައި ދެ ބިދޭސީން ޑިޕޯޓް ކުރުމުން އެ ފުރުސަތު އޮތީ ގެއްލިފަ އެވެ.

އެ ދެ ބިދޭސީން ޑިޕޯޓްކޮށްލީ މިނިސްޓަރަށް އެނގިވަޑައިނުގެންތޯ "މިހާރު" އިން މިއަދު ސުވާލު ދެންނެވުމުން ވިދާޅުވީ ގަވާއިދާ ޚިލާފުވާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮންނަނީ އިމިގްރޭޝަނަށް ކަމަށެވެ. މިނިސްޓަރަށް އެނގިވަޑައިނުގެން ވެސް އެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ބިދޭސީންގެ މައްސަލަތައް ގިނަވެފައިވާތީ ޓާސްކްފޯހެއް އުފައްދައިގެން މަސައްކަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައި ވުމާ އެކު ކުރިއަށްވުރެ ބޮޑަށް އެ މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް ހުރިހާ އިދާރާތައް ގުޅިގެން އަޅަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި މަނީ ލޯންޑާކުރަމުން ދިޔަ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް ފޮނުވާލި ހަނީފް (ވ).

މިނިސްޓަރުގެ ވާހަކައިގައި ރޭ ވިދާޅުވީ އާދައިގެ ކުށަކަށް އަރައިގަންނަ ބިދޭސީއަކު ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު "ބޮޑުން"ގެ މައްސަލަތައް ބަލަންޖެހޭ ކަމަށާއި ބިދޭސީންނަށް ރާއްޖޭގައި 10 އަހަރު، 20 އަހަރު ވިޔަފާރި ކުރެވޭނީ ދިވެހިންގެ ބައިވެރިވުން އޮވެގެން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރަމުން ދިއުމަކީ "ދަތި" މައްސަލައެކެވެ. އެއްވެސް ހުއްދައެއް ނެތި ހިންގާ ވިޔަފާރި ފަސޭހަ އިން ހުއްޓުވުނު ނަމަވެސް ގޮންޖެހުން ބޮޑީ ދިވެހިންގެ ހިއްސާއާ އެކު ކުރާ ވިޔަފާރިތައް ހުއްޓުވަން ކަމަށް ވިދާޅުވި އެވެ.

ރިޓެއިލް ވިޔަފާރި ރާއްޖޭގައި ކުރެވޭނީ ދިވެހިންގެ ނަމުގައި އެކަންޏެވެ.

ބިދޭސީންގެ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅަން ބަލާއިރު، އެ ވިޔަފާރިތައް ހިންގަނީ ދިވެއްސެއްގެ ނަމުގައި ކަން މިނިސްޓަރު ވެސް ފާހަގަކުރެއްވި އެވެ. މިކަން ހިނގާ ކަން އެނގުނަސް ހީވާ ހީވުމަކަށް ގާނޫނީ ފިޔަވަޅު ނޭޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއްކޮޅުން މިއޮތީ ދިވެހި ރައްޔިތެއްގެ ހައްގެއް. އަޅުގަނޑަށް ހީވިއަކަސް ނުކުރެވޭނެއެއް ނޫންތޯ؟ މިއީ އެންމެ ދައްޗަކީ އަޅުގަނޑުމެންނަށް،" ފައްޔާޒް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އަތުލައިގެންފައި.-- ފޮޓޯ: އިމިގްރޭޝަން

މިނިސްޓަރު ވިދާޅުވީ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމާ އެކު ގާނޫނާ ޚިލާފު އަމަލުތައް ވެސް ހުއްޓުވާނެ ކަަމަށެވެ. އެކަމަށް އޭނާގެ މަގާމް ގުރުބާން ކުރައްވަން ޖެހިވަޑައިގެންފި ނަމަ އެކަމަށް ވެސް ތައްޔާރު ކަަމަށް ވިދާޅުވި އެވެ.