ޒިންމާވާނެ ފަރާތެއް ނެތިގެން ބިދޭސީއަކު ވަޅުނުލެވިފައި

ޅ. ހިންނަވަރުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަން އުޅުނު ބަނގްލަދޭޝް މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވުމުން، އޭނާއާ ހަވާލުވާނެ މީހަކު ނެތިގެން ވަޅުނުލެވިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.


އޭނާ މަރުވީ ހާޓަޓޭކެއް ޖެހިގެން ޅ. ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު އިރުއޮއްސުނު އިރު އެވެ. ހިންނަވަރުގައި ގާ އެޅުމުގެ މަސައްކަތް ކުރާ 58 އަހަރުގެ ބަނގްލަދޭޝް އެ ފިރިހެން މީހާ މެޔަށް ތަދެއް އަރައިގެން ނައިފަރު ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ އެ ބަނގްލަދޭޝް މީހާގެ އަތުގައި އެއީ ކާކުކަން އެނގޭނެ ފަދަ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. އޭނާގެ އަތުގައި ހަމައެކަނި އޮތް ލިޔުމަކީ އޭނާ ރާއްޖެ ގެނައި ކުންފުނީގެ ކާޑެއް ކަމަށާއި އެ ކުންފުންޏަކީ މިހާރު އުވާލާފައިވާ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް ވިދާޅެއް ނުވި އެވެ.

އޭނާއަކީ ހިންނަވަރުގައި ގާ އެޅުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އައި މީހެއް ނަމަވެސް އޭނާއާ ހަވާލުވާނެ މީހެއް އެ ރަށުގައި ނެތް ކަމަށް ވެސް ކާރިމް ވިދާޅުވި އެވެ.

މަރުވި މީހާގެ މައުލޫމާތު ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަންގްލަދޭޝް އެމްބަސީއާ ހިއްސާކުރުމުން އެ ތަނުން ވެސް ހަވާލުނުވި ކަމަށް ކާރިމް ވިދާޅުވި އެވެ. އަދި އާއިލާ ހޯދައިދިނުމަށް އެދުމުން ވެސް އެމްބަސީން އެކަން ވެސް ކޮށްނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަޅުލަން ބުނީމަ އެމްބަސީން ބުނަނީ އެއީ ގަވައިދާ ހިލާފަށް އުޅޭ މީހެކޭ. އެހެންވެ ތިމަންނަމެން ޒިންމާއެއް ނުވާނަމޭ. ފުލުހުން ގުޅައިގެން ވެސް ހަވާލެއް ނުވި،" ކާރިމް ވިދާޅުވި އެވެ.

އެ މީހާ ވަޅުލެވޭނެ ގޮތެއް ނެތިގެން ފުލުހުންގެ ހަވާލުގައި މާލޭ މޯޗަރީ އަށް ލުމަށް އެ ރަށުން ހަށިގަނޑު ފުރުވާލާފައިވާ ކަމަށް ކާރިމް ވިދާޅުވި އެވެ.

އިވޭ ބައެއް ވާހަކަތަކާ ހަވާލާދީ ކާރިމް ވިދާޅުވީ މަރުވި މީހާގެ ދަރިއަކު ދެކުނު އަތޮޅެއްގެ ރިސޯޓެއްގައި މަސައްކަތް ކުރެ އެވެ. އަދި ވަރަށް އަވަހަށް އޭނާ މާލެ އައިސް ހަށިގަނޑާ ހަވާލުވާނެ ކަމަށް ބަނގްލަދޭޝް ބައެއް މީހުންނާ ހަވާލާދީ ކާރިމް ވިދާޅުވި އެވެ.

އެއްވެސް ލިޔެކިޔުމެއްނެތި ގަވައިދާހިލާފަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް ރާއްޖޭގެ އެކި ރަށްރަށުގައި އުޅެ އެވެ. އެ މީހުން ކުށެއް ކުރީމަ ވެސް އެއީ ކާކުކަން ދެނެގަތުމަށް ގިނަ ދަތިތަކާ ކުރިމަތިވެ އެވެ.