ބާރު ދިނަސް ޓެރަރިޒަމް ގާނޫނުގެ ނާޖާއިޒް ފައިދާއެއް ނުނަގާނަަން: އިމްރާން

ޓެރަރިޒަމްގެ ގާނޫނުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނަސް އެކަމުގެ ނާޖައިޒް ފައިދާ މި ސަރުކާރުން ނުނަގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


އެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކުރުމާއެކު ކޯޓު އަމުރެއް ނެތި، ޓެރަރިޒަމް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެ އެވެ. އެހެންވެ އެކަމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ނާޖާއިޒް ގޮތުގައި ބޭނުންނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ގާނޫނަށް ސަރުކާރުން ބޭނުންވާ ބަދަލުތައް ގެނައުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

"މި ގާނޫނުގެ ނާޖާއިޒް ބޭނުން މި ސަރުުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އިމްރާން ވިދާޅުވި އެވެ.

އެ ގާނޫނު ނާޖާއިޒް ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އޭރު އިދިކޮޅުގައި ތިއްބެވި މި ސަރުކާރުގެ އިސްވެރިން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އޭގެ ތެރޭގައި އިމްރާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމާ ގުޅިގެން އިމްރާން ހައްޔަރުކޮށް 12 އަހަރަށް ޖަލަށް ލުމަށް ފެބްރުއަރީ 16، 2016 ގައި ހުކުމްކުރި އެވެ. އިސްތިއުނާފުގެ މަރުހަލާ ވެސް ނިމުނުފަހުން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ހުކުމް ބާތިލްކޮށް އޭނާ މިނިވަންކޮށްފަ އެވެ.

އިމްރާންގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާ އޭރު އިދިކޮޅު ގިނަ ބޭފުޅުންނަށް ޓެރަރިޒަމްގެ ތުހުމަތުކުރި އެވެ.

އެ ބިލްގައިވާ ގޮތުން ބޮޑެތި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމާއި ބަލައި ފާސްކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭނެ އެވެ.

ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް އެމީހަކު ކޯޓު އަމުރާ ނުލައި ހައްޔަރު ކުރެވޭނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލްގައިވެ އެވެ.