ޚަބަރު / މީޑިއާ

ބްރޭންޑްސް އޮފް މޯލްޑިވްސް: "މިހާރު"ގެ ކުޑަދަށަށް އިތުރު އުފެއްދުމެއް

03 އޮކްޓޯބަރ 2019 - 12:21

ރާއްޖޭގެ ވިޔަފާރީގެ ވިސްނުންތަކާއި ސަގާފަތްތައް އަންނަނީ ބަދަލުވަމުންނެވެ؛ އޭގެ ތެރެއިން މީޑިއާ އިން އަދާކުރަން ޖެހޭ ދައުރު ވެސް މިހާރު މި ވަނީ ބަދަލުވެފަ އެވެ. "މިހާރު"ގެ ޓީމުން މި އިސްނެގީ އަނެއްކާ ވެސް އާ ކަމަކަށެވެ. ވިޔަފާރިވެރިން ވިޔަފާރިވެރިންނާ އަދި ވިޔަފާރިވެރިން އާންމުންނާ މި ގުޅުވައިދެނީ މުޅިން ތަފާތު ވަސީލަތަކުންނެވެ. އެއީ އަހަރަކު އެއްފަހަރު އިނގިރޭސިބަހުން ނެރޭ "ބްރޭންޑްސް އޮފް މޯލްޑިވްސް" މެގަޒިން އެވެ.

"މިހާރު"ގެ ފަރާތުން މިހާރު ވެސް، ކޮންމެ ދުވަހަކު އިނގިރޭސިބަހުން "ދި އެޑިޝަން" އޮންލައިން ނޫހާއި މުނިފޫހިފިލުވުމުގެ ދާއިރާ އަށް ހާއްސަކޮށްގެން ކޮންމެ ދުވަހަކު "ދޯ" އޮންލައިން ވެބްސައިޓް ނެރެމުން ދެ އެވެ. "ބްރޭންޑްސް އޮފް މޯލްޑިވްސް" އަކީ މީގެ ތެރެއަށް އުފަންވި އާ ބޮޅެކެވެ.

ބްރޭންޑްސް އޮފް މޯލްޑިވްސްގެ ފުރަތަމަ އަދަދު ނެރުމުގެ ހަފުލާގައި އެމްޑަބްލިޔުއެސްސީގެ އެމްޑީ އާދަމް އާޒިމާއި "މިހާރު"ގެ އިސް ބޭފުޅުން -- މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މިއީ ރާއްޖޭގެ ވިޔަފާރީގެ ކުރިމަގާއި މިހާރު ރާއްޖޭގައި ހުރި ވިޔަފާރިތަކަށާއި ވިޔަފާރިވެރިންނާއި އަދި ކުރިއަށް އޮތްތާނގައި ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް ފަސޭހައިން އަދި އިތުބާރާ އެކު މައުލޫމާތު ލިބިގަތުމަށް އޮތް ވަރަށް ތަނަވަސް މަގެއް،" މިހާރުގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި އެވެ. "މި މަޖައްލާގައި ހުންނާނީ 'މިހާރު' އާއި "އެޑިޝަން'ގެ ނިއުސްރޫމުން ތައްޔާރުކޮށްފައިވާ ވަރަށް ތަފާތު އަދި ކިޔާހިތްވާ އާޓިކަލްތަކާއި ބޭނުންތެރި މައުލޫމާތުތަކެއް."

"ބްރޭންޑްސް އޮފް މޯލްޑިވްސް"ގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ވިޔަފާރިތަކުގެ އެ ވަގުތެއްގެ ޓްރެންޑްސް އާއި ހާލަތު ވިޔަފާރިވެރިންނަށް ސާފުކޮށްދިނުމެވެ. މީގެ އިތުރުން ވިޔަފާރީގެ ތެރެއަށް އަލަށް ވަންނަން މީހުންނަށް ބޭނުންވާ މައުލޫމާތުތައް ގެނެސްދިނުމާއި ވިޔަފާރިވެރިންނާއި ވިޔަފާރީގެ ތަޖުރިބާތައް ހިއްސާ ކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ބްރޭންޑްތަކާ ބެހޭ މައުލޫމާތުތައް ގެނެސްދިނުމަކީ މި މަޖައްލާގެ އެއް މަސައްކަތެވެ.

ބްރޭންޑްސް އޮފް މޯލްޑިވްސް ނެރުމުގެ ހަފުލާގައި އޭގެ ފުރަތަމަ އަދަދު މީހަކު ބަލަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިއީ ވިޔަފާރީގެ ވާހަކަތަކެއް. ވިޔަފާރިވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދޭ ޕްލެޓްފޯމެއް މިއީ. ވަރަށް ކުރުކޮށް ދަންނަވާ ނަމަ އިނގިރޭސިބަހުން މި ނެރޭ މައިގަނޑު އެއް ސަބަބަކީ ވެސް ރާއްޖެ އަށް އިންވެސްޓްކުރަން ތައްޔާރަށް ތިބި ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ވިޔަފާރި އާއި އިގްތިސާދީ ހާލަތު އަންގައިދިނުން،" މިހާރުގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ޝަމްއޫން އަފީފު ވިދާޅުވި އެވެ.

މިފަހަރުގެ އަދަދުގައި...

މުޅިން ކުލަކޮށް، އަދި ޒަމާނީ ޑިޒައިނަކާއި ރީތި ލޭއައުޓަކާ އެކު އަންގާރަ ދުވަހު "ބްރޭންޑްސް އޮފް މޯލްޑިވްސް"ގެ ފުރަތަމަ އަދަދު ނެރުނު އިރު، މިއީ ރާއްޖޭގައި މި ސްޓައިލަށް ނެރޭ ފުރަތަމަ މަޖައްލާ އެވެ. މި އަހަރުގެ އަދަދުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ކުރިއަރަމުން އަންނަ ވިޔަފާރިތަކާއި ނުފޫޒު ގަދަ ވިޔަފާރިތަކުގެ ވަރަށް މުހިންމު އާޓިކަލްތަކެއް ހިމެނެ އެވެ. އަދި ވަރަށް ގިނަ، ބޮޑެތި ކުންފުނިތަކެއްގެ ޕްރޮފައިލްތަކާއި ކުންފުނިތަކުގެ ލިސްޓިން އެއް ވަނީ ހިމަނައިފަ އެވެ.

ބްރޭންޑްސް އޮފް މޯލްޑިވްސްގެ ފުރަތަމަ އަދަދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ފަހަރުގެ އަދަދު ޖުމްލަކޮށް އަޅުގަނޑުމެން މި ހާއްސަކޮށްލީ ވިޔަފާރީގެ ހުރިހާ ދާއިރާ އަށް. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި ޓޫރިޒަމާއި ރިއަލްއެސްޓޭޓް ކަހަލަ ދާއިރާތަކަށް އަމާޒުކޮށް ވަރަށް ފުރިހަމަ ލިޔުންތަކެއް ހިމެނޭނެ،" ޝަމްއޫން ވިދާޅުވި އެވެ.

މި އަދަދުގައި ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ މައިގަނޑު ދާއިރާތަކާ ބެހޭ ވަރަށް ހާއްސަ އާޓިކަލްއެއް ހިމެނެ އެވެ. ރާއްޖޭގެ ސިނާއަތްތަކުގެ ތެރެއިން އިންވެސްޓްމެންޓްގެ ފުރުސަތުތައް ހުރީ ކޮންކޮން ދިމާތަކެއްގައިތޯ މި އާޓިކަލްގައި ބުނެދީފައި ވެ އެވެ. އަދި 30 އަހަރުގެ ވިޔަފާރީގެ ތަޖުރިބާތަކާ ބެހޭ ގޮތުން، ޒުވާން ވިޔަފާރިވެރިންނަށް، ލިލީ ގުރޫޕުގެ ޗެއާމަން މައްލާ އަހުމަދު ނާސިރު ދެއްވާފައިވާ ނަސޭހަތްތަކާއި އޭނާގެ ވިޔަފާރީގެ ފެށުމާއި ކުރި ދަތުރު ވަރަށް ތަފުސީލުކޮށް ވަނީ ކިޔައިދެއްވައިފަ އެވެ.

ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އުރީދު އާއި އަލްޝާލީ މެރިން، ލިންކް ސާވް، ވެލިގާ ހާޑްވެއާ، ރެއިންބޯ، އައިކެއާ، ޕޭން އޯޝަން، ދިވެހި އިންޝުއަރެންސް، ލެމަން ގްރާސް، އަދި އެޕޯލޯ ކަހަލަ ބޮޑެތި ކުންފުނިތަކުގެ ޕްރޮފައިލް ހިމެނެ އެވެ. އަދި އެހެން ބައެއް ވިޔަފާރިތައް އުފެދިގެން އައި ގޮތާއި ވިޔަފާރީގައި ދިމާވި ގޮންޖެހުންތައް އެތަންތަނުގެ އިސް ބޭފުޅުން ކިޔައިދެއްވާފައިވާ އާޓިކަލްތައް ވެސް ހިމެނެ އެވެ.

ބްރޭންޑްސް އޮފް މޯލްޑިވްސްގެ ފުރަތަމަ އަދަދު

ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި އާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވަރަށް އިސް ބޭފުޅެއްގެ ވާހަކަތައް ވެސް މި އަދަދުގައި ހިމެނެ އެވެ. އަދި ސަފާގީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ ޒުވާނެއްގެ ވިޔަފާރީގެ ހަޔާތް ވެސް ހިމެނެ އެވެ.

ވިޔަފާރިތަކަށް ލޯނު ލިބޭނެ ގޮތްތަކާއި ވިޔަފާރިއެއް ފެށުމަށް ބޭނުންވާ އެންމެ މުހިންމު މައުލޫމާތުތައް ހިމެނޭ ދެ އާޓިކަލެއް މި ފަހަރުގެ އަދަދުގައި ހިމެނެ އެވެ. އަދި ރާއްޖޭގައި ފުޅާވަމުން އަންނަ ކެއިންބުއިމުގެ ވިޔަފާރި އާއި އޮންލައިންގެ ވިޔަފާރީގެ ތެރެއިން ނުކުމެ، ފިހާރައަކާ ހަމައަށް ދިޔަ ވިޔަފާރިވެރިއެއްގެ ވާހަކަ ވެސް މި އަދަދުގައި ހިމެނެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މިކަހަލަ ވަރަށް ތަފާތު، އަދި ވިޔަފާރިވެރިންނާއި ކިޔުންތެރިންނަށް ވެސް އިބުރަތްތަކެއް ލިބޭނެ މައުލޫމާތުތަކެއް ހިމެނުން،" ޝަމްއޫން ވިދާޅުވި އެވެ. "މި އަދަދުން އެކަން ވަރަށް ރަނގަޅަށް އެނގޭނެ. އަޅުގަނޑުމެން މިހާރު މި ތައްޔާރުވަނީ ޕްލޭނެއްގެ ދަށުން އަންނަ އަހަރުގެ އަދަދަށް."

"ބްރޭންޑްސް އޮފް މޯލްޑިވްސް"ގެ މިއަދަދު މިއަދުން ފެށިގެން "މިހާރު"ގެ އޮފީސް، މ. އިޝާންވިލާ އިން ހިލޭ ލިބެން ހުންނާނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454